ފުލުހުންގެ ޚިދުމަތަށް އަލަށް
ގުޅުނު 57 ފުލުހަކު ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
މިއަދު އިސްކަންދަރު ބިލްޑިންގގައި ބޭއްވި މި ރަސްމިއްޔާތުގައި ފުލުހުންނަށް
ހުވާ ލާއިދެއްވީ ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛް އާދަމް
މުޙައްމަދު ޢަބްދުﷲ އެވެ.
ފުލުހުންނަށް ހުވާ ލައިދެއްވުމަށްފަހު ފުލުހުންނާ މުޚާތަބު ކުރައްވައި ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛް އާދަމް މުޙައްމަދު ޢަބްދުﷲ
ދެއްކެވި ވާހަކަފުޅުގައި ޤައުމެއްގެ ހަޔާތުގައި ފުލުހުންގެ ދައުރަކީ ވަރަށް
މުހިއްމު ދައުރެއްކަން ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ ފުލުހުންގެ މަތިވެރި ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމަށް ކުރިމަތިލާ
ކޮންމެ މީހަކުވެސް ފުލުހުންގެ މަސައްކަތުގެ އަހުލާޤީ މިންގަނޑުތަކާއި އެއްގޮތަށް އަމަލުކުރުމާއެކު
އެމީހަކަށް ލިބިފައިވާ ހުނަރާއި ގާބިއްލިއްޔަތު ތަންދިން އެންމެ މަތީ މިންވަރަކުން
ޤާނޫނު އަސާސީއާއި ޤާނޫނާއި ގަވާއިދުތަކުގައި ފުލުހުންނާ މަތިކޮށްފައިވާ
ވާޖިބުތަކާއި މަސްއޫލިއްޔަތުތައް ހެޔޮގުތުގައި އަދާކުރުން މަތީ ދެމިހުރުމަށް
އަޒުމް ކަނޑައަޅައި އެގޮތުގައި މަސައްކަތްކުރަން ޖެހޭނެ ކަމަށެވެ.
ހަމަ އެއާއެކު
އެއީ ކޮންމެ ފުލުހެއްގެ ކޮނޑުގައި އެޅިފައިވާ ޤައުމީ ، ދުސްތޫރީ އަދި ޤާނޫނީ
މަސްއޫލިއްޔަތެއްކަން އަބަދުމެ ހަނދާން ކުރަންޖެހޭނެކަމަށްވެސް ސުޕްރީމް ކޯޓުގެ
ފަނޑިޔާރު ވިދާޅުވިއެވެ. ހަމައެހެންމެ ޤާނޫނު އަސާސީ އާއި ޤާނޫނުގައިވާ ގޮތުގައި މަތިން ފުލުހުން
މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި މިއަދު ކުރި ހުވާއަކީ ވަރަށް އަގުހުރި
ހުވައެއްކަމަށާއި މާތް ﷲ ގަންދީ ކުރި މި ހުވާގައި ހިމެނޭ
ކަންކަމުގެ މައްޗަށް ފުރިހަމައަށް ފަރުވާތެރިވެ، ރައްކާތެރިވެ އެހުވަޔާ އެއްގޮތަށް
ޢަމަލުކުރުމަކީވެސް ޤައުމީ އަދި ދީނީ މަތިވެރި ވާޖިބަކާއި މަސްއޫލިއްޔަތެއްކަން
އަބަދުވެސް ހަނދާން ކުރަންޖޭކަމަށް ވިދާޅުވިއެވެ .
މީގެއިތުރުން ހުވާކުރާ ކޮންމެ މީހަކުވެސް ތެދުވެރިކަމާއެކު
ހުވައަށް އަމަލުކުރުންމަތީ ދެމިހުރުމަށް ގޮވައިލައްވައިހުވަޔާއި ޚިލާފު ވެއްޖެނަމަ
ކައްފާރާއެއް ގޮތުން ކުރަން ޖެހޭ ކަންތައްތަކަށް ބައްލަވައި ވާހަކަފުޅު
ދެއްކެވިއެވެ. މި ރަސްމިއްޔާތުގައި ސަރވިސް ސަޕޯޓް ޑައިރެކްޓްރޭޓްގެ ހެޑް އެސިސްޓަންޓް
ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޖަމްޝީދު ބައިވެރިވެވަޑައިގެންނެވިއެވެ.