ކުޅިވަރު

ނޭޝަންސް ލިގުގެ ޗެމްޕިއަންކަން ފްރާންސަށް


ފަހަތުން އަރައި ސްޕެއިންގެ މައްޗަށް 2-1 އިން ކުރިހޯދައި ފްރާންސް އިން ނޭޝަންސް ލީގުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

މިލާންގެ ސެން ސީރޯގައި ސްޕެއިނާއި ފްރާންސުން ކުޅުނު މެޗުގެ ހުރިހާ ގޯލެއް ވެސް ފެނުނީ ދެ ވަނަ ހާފްގައެވެ. ސްޕެއިނުން ލީޑުނެގީ މެޗުގެ 64 ވަނަ މިނިޓްގައި އޭރިއާތެރެއިން މިކޭލް އޮޔާޒަބާލް ޖެހި ގޯލުންނުވެ. ސްޕެއިނަށް ލީޑު ހިފަހައްޓައިލެވުނީ ގާތްގަނޑަކަށް ދެ މިނިޓްވަންދެނެވެ. މެޗުގެ 66 ވަނަ މިނިޓްގައި ކަރިމް ބެންޒިމާ ވަނީ ފްރާންސަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. ފްރާންސް މޮޅުވި ގޯލު ޖެހީ މެޗުގެ 80 ވަނަ މިނިޓްގައި ކީލިއަން އެމްބާޕޭއެވެ. އެމްބާޕޭ އޮފްސައިޑް ކަމަށް ސްޕެއިން ޑިފެންޑަރުން އެޕީލް ކުރި ނަމަވެސް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު ދަނޑު މަތީގައި ހުރި ރެފްރީ ނިންމީ އޮފްސައިޑްނުވާ ކަމަށެވެ.

ފްރާންސުން ސެމީ ފައިނަލުގައި ބެލްޖިއަމްގެ މައްޗަށް ކުރިހޯދީ އެ ޓީމުން ދެ ގޯލު ޖަހާފައިވަނިކޮށް ފަހަތުން އަރައި 3-2 އިން މޮޅުވެގެންނެވެ. ރޭ ނޭޝަންސް ލީގުގެ ތިންވަނަ ހޮވިމެޗުން ބެލްޖިއަމް އަތުން 2-1 ލަނޑުން މޮޅުވެ އިޓަލީ ވަނަ ތިންވަނަ ހޯދާފައެވެ. ނޭޝަންސް ލީގުގެ ފުރަތަމަ ތަށި ކާމިޔާބުކުރީ ޕޯޗުގަލްއެވެ.