ފައިނަލްގެ ފުރުސަތު ހޯދަން ބޭނުންވާކަމަށްވާނަމަ ރާއްޖޭގެ ޓީމުން ސަމާލުކަން ދޭންޖެހެނީ އަޝްފާގަށް އަކަނި ނޫންކަމަށާއި ރާއްޖޭގެ ފޯވާޑް ލައިންގެ ކޮންމެ ކުޅުންރިއަކީވެސް ސަމާލުކަން ދޭންޖެހޭ ކުޅުންތެރިއެއްކަމަށް އިންޑިއާގެ ކޯޗު އީގޯ ސްޓިމަކް ބުނެފިއެވެ. އުރީދޫ ސާފް ޗެންޕިއަންޝިޕްގައި މާދަމާރޭ އިންޑިޔާ އާއި ދިވެހިރާއްޖެ ވާދަކުރާއިރު، ކޮންމެ ޓީމަކަށްވެސް ފައިނަލަށް ދިއުމުގެ ފުރުސަތުވަނީ ހުޅުވިފައެވެ. މެޗް އެއްވަރުކޮށްލައިގެންވެސް ރާއްޖެއަށް ފައިނަލަށް ދެވޭއިރު، އިންޑިޔާއިން ފައިނަލްގެ ޖާގައެއް ހޯދަން ބޭނުންވާކަމަށްވާނަމަ، ރާއްޖެ ބަލިކުރަން ޖެހެއެވެ.
މެޗްގެ ކުރިން ވާހަކަދައްކަމުން އިންޑިއާގެ ކޯޗު އީގޯ ސްޓިމަކް ބުނީ ފުޓްބޯޅައިގައި ރާއްޖެއިން ވަރަށް ބޮޑު ކާމިޔާބީއެއް ހޯދާފައިވާކަމަށާއި މިމުބާރާތުގައި ރާއްޖެއިން ދައްކަމުންދާ ކުޅުމުގެ ސަބަބުން އެކަން ވަރަށް ބޮޑަށް އެގިގެންދާކަމަށެވެ. ހާއްސަކޮށް މިހާރު ރާއްޖެއިން ބޯޅަ ތިރިކޮށްގެން ކުޅެމުންދާ ރީތި ކުޅުން ފާހަގަކުރެވޭކަމަށްވެސް ސްޓިމަކް ބުންޏެވެ. ރާއްޖެއިން ވަގުތު ގެއްލުވާނުލާ ކުޅުމުގެ އިތުރުން މިމުބާރާތުގައި ރާއްޖެއިން ކުޅެފައިވާ މެޗްތަކުގައި އެޓީމްއިން ފުރުސަތު ހޯދާކަމަށްވެސް އިންޑިއާގެ ކޯޗު އީގޯ ސްޓިމަކް ބުންޏެވެ.
"ރާއްޖޭގެ ޓީމުގައި އަޝްފާގްގެ އިތުރުން އެހެން ކުޅުންތެރިންވެސް އެބަތިބި ވަރަށް މޮޅު. ފޯވާޑްލައިންގައި ކުޅޭ ކުޅުންތެރިން ފާހަގަކޮށްލެވޭ. ރާއްޖޭގެ ޓީމު ވަރަށް މޮޅަށް އެބަކުޅޭ ކުރީގައި ގޯލު ޖަހަން ފުރުސަތު ވެސް އެބަހޯދާ. އެ މީހުންގެ މޫވްމަންޓް ވެސް ވަރަށް ރަނގަޅު. އަޝްފާގާ ދެން ތިބި ކުޅުންތެރިންގެ ގުޅުން ވެސް ރަނގަޅު. އަޝްފާގަށް ބޯޅަ ލިބުނީމަ ދެން ކުރާނެ ހުރިހާ ކަމެއް ކުޅުންތެރިންނަށް އެނގޭ. އަޝްފާގަށް އެ ކުޅުންތެރިން ހުރިތަނެއް ނުބަލައި ވެސް ބޯޅަ ދެވޭ. މިއީ އަހަރެމެން ވިސްނަން ޖެހޭ ކަމެއް،" ސްޓިމަކް ބުންޏެވެ.
އިންޑިޔާގެ ކޯޗް ސްޓިމަކް ބުނީ މިމުބާރަތަށް އިންޑިޔާއިން ވަރަށް ރަނގަޅަށް ތައްޔާރުވެފައިވާކަމަށާއި މިރޭގެ މެޗުގައި އިންޑިޔާއިން ރާވާފައިވާ ގޮތަށް ކަންތައްތައް ގޮސްފިކަމަށްވާނަމަ، އިންޑިޔާއަށް ރާއްޖޭގެ މައްޗަށް ކުރި ހޯދޭނެކަމަށެވެ.
އިންޑިޔާ އާއި ރާއްޖެ ވާދަކުރާ ލީގް ބުރުގެ ފަހު މެޗް ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ 9 އެއް ޖަހާއިރުއެވެ. މިމެޗް ޔެސް ޓީވީއިން ވަގުތުން ގެނެސް ދިނުމަށް ވަނީ ހަމަޖެހިފައެވެ.