ކުޅިވަރު

އާޖެންޓީނާ މޮޅުވެ ކޮލިފައިވުމާ ގާތަށް


އަންނަ އަހަރު ގަތަރުގައި އޮންނަ ފީފާވޯލްޑްކަޕް ފުޓްބޯޅަ މުބާރާތަށް ކޮލިފައިވުމާ ގާތަށް އާޖެންޓީނާ ޖެހިލައިފިއެވެ.

ދެކުނު އެމެރިކާ ކޮލިފައިން ޒޯނުގައި އާޖެންޓީނާގެ އަމިއްލަ ރަށުގައި ކުޅުނު މެޗުން ކުރި ހޯދީ ޕެރޫއާއި ވާދަކޮށް 1-0 ލަނޑުންނެވެ. ވީއޭއާރް ގިނަ ކަންތައްތަކެއް ފެނިގެންދިޔަ މިމެޗުގައި އެންމެ ފުރަތަމަ ފަހި ފުރުސަތެއް ލިބިގެންދިޔައީ ކެޕްޓަން ލައޮނަލް މެސީއަށެވެ. މެޗުގެ ފުރަތަމަ 10 މިނެޓުގެ ތެރޭގައި އާޖެންޓީނާއިން ލަނޑެއް ޖެހިނަމަވެސް ވީއޭއާރުން ވަނީ ލަނޑެއް ނޫންކަމަށް ނިންމާފައެވެ. މެޗުގެ ހަމައެކަނި ލަނޑު އާޖެންޓީނާއިން ކާމިޔާބުކުރީ ފުރަތަމަ ހާފްގެ ކުޅުން ނިމެން ދެމިނިޓަށް ވެފައިވަނިކޮށް ލައުޓަރޯ މާޓިނޭޒްއެވެ. މެޗުގެ ދެވަނަހާފްގައި ވީއޭއާރްގެ އެހީގައި ޕެރޫއަށް ޕެނެލްޓީއެއް ލިބުނު ނަމަވެސް ޔޮޝިމަރް ޔޮޓުންއަށް ވަނީ ޕެނެލްޓީ ކާމިޔާބުކުރެވޭ ގޮތް ނުވެފައެވެ. މެޗުގެ އެންމެ ފަހު މިނެޓުގައި އާޖެންޓީނާއިން އިތުރު ލަނޑެއް ޖެހިނަމަވެސް ވީއޭއާރްއިން އެ ލަނޑުވެސް ވީއޭއާރުން ބެލުމަށްފަހު ވަނީ ލަނޑެއް ނޫންކަމަށް ނިންމާފައެވެ.

މި މޮޅާއެކު އާޖެންޓީނާ ވަނީ 11 މެޗުން 25 ޕޮއިންޓު ހޯދާފައެވެ. އާޖެންޓީނާ އޮތީ ކޮލިފައިން ގުރޫޕްގެ ދެވަނައިގައެވެ. އެއްވަނަގައިވާ ބްރެޒިލް 31 ޕޮއިންޓާއެކު އޮތް އިރު ބްރެޒިލް ވަނީ ކޮލިފައިވުމާ ފިޔަވަޅަކާ ގާތައް ޖެހިލާފައެވެ. އަންނަ މަހު ސައުޕޯލޯގައި ކޮލަންބިޔާ ދެކޮޅަށް ކުޅުމަށް ހަމެޖެހިފަވާ މެޗުން ބްރެޒިލް މޮޅުވެއްޖެނަމަ ކޮލިފައިވާނެއެވެ. ކޮލިފައިންގައި ރޭ ކޮލަންބިޔާ ވާދަކޮށް އިކުއެޑޯ ލަނޑެއް ނުޖެހި އެއްވަރުވުމުން އެޓީމު އޮތީ 17 ޕޮއިންޓާއެކު ތިންވަނައިގައި އޮތް އިރު އިކުއެޑޯއަށް ވުރެ އެއް ޕޮއިންޓު މަދުން ހޯދައިގެން ކޮލަންބިޔާ އޮތީ ތާވަލުގެ ހަތަރުވަނާގައިއެވެ.

ރޭގައި ކޮލިފައިންގައި ޗިލީ ވަނީ އަމިއްލަ ދަނޑުގައި ކުޅެ ވެނެޒުއޭލާގެ މައްޗަށް 3-0 ލަނޑުން ކުރިހޯދާފައެވެ. ވޯލްޑްކަޕަށް ކޮލިފޭކަޝަން ދެކުނު އެމެރިކާގެ ޒޯނުގައި އަމަލުކުރަމުން އަންނަނީ މީގެ 19އަހަރު ކުރިން ތާއާރަފް ކުރި ފޯމެޓަކަށެވެ. ގުރޫޕުގެ ފުރަތަމަ ހަތަރު ޓީމަށް އޮޓޮމެޓިކުން ވޯލްޑްކަޕަށް ކޮލިފައިވާއިރު ފަސްވަނައަށް ދާ ޓީމު ޖެހޭނީ އިންޓަކޮންޓިނެންޓަލް ޕްލޭއޯފް ކުޅެގެން ވޯލްޑްކަޕަށް ކޮލިފައިވާށެވެ.