ކުޅިވަރު

މޮޅު ކުޅުންތެރިޔާއަށް ޗެތުރީ، ފެއަރޕްލޭ ރާއްޖެއަށް


އުރީދޫ ސާފް ޗެމްޕިއަންޝިޕުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ޗެތުރީއަށް ލިބިއްޖެއެވެ. މުބާރާތުގެ ފެއަރ ޕްލޭ ޓީމަކަށް ހޮވިފައިވަނީ ރާއްޖެއެވެ. އުރީދޫ ސާފް ޗެމްޕިއަންޝިޕްގެ ތަށި އިންޑިޔާއިން ކާމިޔާބުކުރިއިރު ޗެތުރީވަނީ މުބާރާތުގައި މޮޅު ކުޅުމެއްދައްކާފައެވެ. އިންޑިޔާގެ ކެޕްޓަން ސުނިލް ޗެތުރީ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދާފައިވާއިރު، އޭނާވަނީ މުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައެވެ. އެންމެ ފަހުން މާލޭގައި ކުޅުނު އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖުގެ މެޗުގައި އިންޑިޔާގެ ބެންގަލޫރު އެފްސީ ވާދަކުރިއިރު، ޗެތުރީގެ ފަރާތުން މާރަނގަޅު ކުޅުމެއް ދެއްކިފައެއް ނުވެއެވެ. އެހެންނަމަވެސް މިމުބާރާތުގައި ޗެތުރީވަނީ އަލުން އޭނާގެ މޮޅު ކުޅުން ދައްކާލާފައެވެ. މިއީ ސާފް ޗެންޕިއަންޝިޕްގައި ޗެތުރީ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި 3ވަނަ ފަހަރުއެވެ.

ނޭޕާލް ބަލިކޮށް އިންޑިޔާއިން މިމުބާރާތުގެ ޗެންޕިއަންކަން ހޯދިއިރު، ފައިނަލް މެޗްގައި ޗެތުރީ ކާމިޔާބުކުރި ލަނޑާއެކު އޭނާވަނީ މިމުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއަށް ވެފައެވެ. މިމުބާރާތުގައި ޗެތުރީ ވަނީ ފަސް ގޯލް ކާމިޔާބުކޮށްފައެވެ. އެއީ ރާއްޖެ ކޮޅަށް ދެ ގޯލް، ނޭޕާލް އަދި ބަންގްލަދޭޝް ކޮންމެ ޓީމެއްގެ ކޮޅަށް އެއް ގޯލެއެވެ.

މި މުބާރާތުގައި ރާއްޖޭގެ ޢަލީ އަޝްފާގުވަނީ 3 ގޯލް ޖަހާފައެވެ. ސާފް ޗެންޕިއަންޝިޕްގެ ތާރީޚުގައި އެންމެ ގިނަ ގޯލް ޖަހާފައިވަނީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ ޢަލީ އަޝްފާގެވެ. އަޝްފާގު ވަނީ 23 ގޯލް މިހާތަނަށް މިމުބާރާތުގައި ޖަހާފައެވެ. މިލިސްޓްގެ ދެވަނައިގައި އުޅެނީ އިންޑިޔާގެ ކެޕްޓަން ސުނިލް ޗެތުރީއެވެ. އެއީ 18 ގޯލާއެކުގައެވެ.

މިފަހަރުގެ މުބާރާތަށް ރާއްޖެއިން ނިކުތީ 2018ވަނަ އަހަރު ހޯދި ކާމިޔާބީ ދިފާޢު ކުރާށެވެ. ނަމަވެސް ލީގް ބުރުގެ ފަހު މެޗުގައި އިންޑިޔާ އަތުން ބަލިވުމާއި ގުޅިގެން ރާއްޖެއަށް ފައިނަލްގެ ފުރުސަތު ގެއްލިގެންދިޔައެވެ. އެހެން އަހަރުތާކާއި ޚިލާފަށް މިމުބާރާތް ކުރިއަށް ގެންގޮސްފައިވަނީ ލީގް އުސޫލުންނެވެ. 5 ގައުމު ވާދަކުރި މުބާރާތުގައި ފައިނަލްގައި އިންޑިޔާ އާއި ނޭޕާލް ކުޅެފައިވަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ވާދަކޮށް އެންމެ ގިނަ ޕޮއިންޓް ހޯދައިގެންނެވެ.

ރާއްޖެއިން މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ނޭޕާލް އަތުން 1 ލަނޑު 0 ލަނޑުން ބަލިވިއިރު، ބަންގްލަދޭޝް 2 ލަނޑު 0 ލަނޑުން އަދި ލަންކާ 1 ލަނޑު 0 ލަނޑުންވަނީ ބަލިކޮށްފައެވެ. ފައިނަލަށް ނުގޮސް ރާއްޖެ ކެޓީ ލީގު ބުރުގެ ފަހު މެޗުން އިންޑިޔާއާއި ވާދަކޮށް 3 ލަނޑު 1 ލަނޑުން ބަލިވުމުންނެވެ. މިމެޗް އެއްވަރުކޮށްލައިގެން ވެސް ރާއްޖެއަށް ފައިނަލުގައި ވާދަކުރުމުގެ ފުރުސަތު އޮތެވެ.