ޚަބަރު

ގުޅިފައިވާ އިސްލާމީ ލަޝްކަރުގައި ދިވެހި ސިފައިން ބައިވެރިވަނީ


އިސްލާމީ ޤައުމުތަކުގެ ގުޅިފައިވާ ލަޝްކަރުގައި ދިވެހި ސިފައިން ޢަމަލީގޮތުން ބައިވެރިކުރަން ޖެހިއްޖެނަމަ ޤާނޫނާއި ޤަވާއިދު ތަންދޭ ގޮތުން އެކަން ކުރައްވާނެކަމަށް ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.ޓެރަރިޒަމާ  ދެކޮޅަށް އިސްލާމީ ޤައުމަތަކުން އުފެއްދި ގުޅިފައިވާ ލަޝްކަރުގައި ދިވެހި ރާއްޖެއިން ބައިވެރިވުމާއި ގުޅޭގޮތުން ޕީއެސްއެމްއަށް މަޢުލޫމަތު ދެއްވަމުން ޑިފެންސް މިނިސްޓަރ ވިދާޅުވީ މި ލަޝްކަރުގައި ދިވެހި ރާއްޖެއިން ތިން ގޮތަކަށް ބައިވެރިވުމަށް ނިންމަވާފައިވާކަމަށެވެ. މި ގޮތުން ރާއްޖެއަށް ލިބޭ އިންޓެލިޖެންސް މައުލޫމާތު ހިއްސާކުރުމާއި ދިވެހި ސިފައިން ޢަމަލީ ގޮތުން ބައިވެރިވުން  ހިމެނިފައިވާކަމަށް މިނިސްޓާރ ވިދާޅުވިއެވެ. ޑިފެންސް މިނިސްޓަރ ވިދާޅުވީ އިސްލާމީ ގައުމުތައް ގުޅިގެން އުފެއްދި ލަޝްކަރުގައި ދިވެހި ސަރުކާރުން ބައިވެރިވާން ނިންމެވި ނިމްމެވުން ދައްކުވައިދެނީ އިސްލާމީ ވަހްދަތު ހިމާޔަތްކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތްކަމަށެވެ. އަދި އަރަބި ގިނަ ގައުމަތައް ގުޅިގެން އެކުލަވާލި ލަޝްކަރުގައި ރާއްޖެ ހިމެނުމުން އިސްލާމީ ގައުމަތަކުން ރާއްޖެއަށް ކުރާ އިތުބާރު ބޮޑުކަން ހާމަވެގެން ހިނގައްޖެކަމަށްވެސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވިއެވެ.ޓެރަރިޒަމާ ދެކޮޅަށް ސައުދީ އަރަބިއްޔާ އިސްވެ އޮވެ އުފެއްދި ލަޝްކަރުގެ ކަންތައް ބަލަހައްޓާ  ވިލަރެސްކުރާ ކޮމާންޑަރެއްގެ ރޯލް  އަދާކުރާނީ ސައުދީ އަރަބިއްޔާއިންނެވެ. ލަޝްކަރުގެ ކޮމާންޑް ސެންޓަރ ހުންނާނީ  ސައުދީ އަރަބިޔާގެ ވެރިރަށް  ރިޔާޒްގައެވެ.  އިސްލާމީ ގުޅިފައިވާ ލަޝްކަރުގައި މިހާތަނަށް ތިރީސް ހަތަރު ގައުމަކުން ބައިވެރިވެފައިވެއެވެ. އަދި އިތުރު 10 ގައުމަކުން  މި ލަޝްކަރުގައި ބައިވެރިވުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވެއެވެ.