ސިއްހަތު

އައިޖީއެމްއެޗްގެ ލެބޯޓްރީގެ ޚިދުމަތްދޭ ގަޑިތަކަށް ބަދަލުގެނެސްފި


އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް، އައިޖީއެމްއެޗްގެ ލެބޯޓްރީގައި ޚިދުމަތްދޭ ގަޑިތަކަށް ބަދަލު ގެންނަވައިފިއެވެ.މި ދުވަސްވަރަކީ ޗުއްޓީ ދުވަސްވަރަށްވުމާއެކު އައިޖީއެމްއެޗް ލެބޯޓްރީން ޚިދުމަތް ހޯދާ މީހުންގެ އަދަދު ދެހާހާ ގާތްކުރާނެ ކަމަށް ލަފާކުރެވޭކަމަށް އެހޮސްޕިޓަލުން މަޢުލޫމާތު ދެއްވައެވެ. އައިޖީއެމްއެޗްގެ ލެބޯޓްރީ މިހާރުވަނީ އެއްފަހަރާ ގިނަ ބަޔަކަށް ޚިދުމަތްދެވޭ ގޮތަށް ޒަމާނީ ވަސީލަތްތަކާއެކު މަރާމާތުކޮށް އަލުން ހުޅުވާފައެވެ.އައިޖީއެމްއެޗުން ވިދާޅުވީ، މިމަހުގެ ނަވާރައިން ފެށިގެން ހޮސްޕިޓަލްގެ އޯޕީޑީ ބަންދުނޫން ކޮންމެ ދުވަހެއްގައި ލެބޯޓްރީން އާންމުކޮށް ޚިދުމަތް ދޭ އުސޫލަށް ބަދަލުގެންނަވާފައިވާ ކަމަށެވެ. އެގޮތުން ހެނދުނު 7:30 އިން  މެންދުރު 12:00 އާއި ހަމަޔަށް ސާމްޕަލް ނެގުމަށް ހަމެޖެހިފައިވަނީ ހަމައެކަނި ހުސްގޮހޮރާ ހުރެ ހަދަންޖެހޭ ޓެސްޓުތަކަށް ކަމަށެވެ. އަދި މެންދުރު ބާރައިން ރޭނގަނޑު 7:30 އާއި ހަމަޔަށް ސާމްޕަލް ނެގުމަށް ހަމަޖެހިފައިވަނީ އާންމުކޮށް ހަދަންޖެހޭ ރޫޓިންގ ޓެސްޓުތަކަށް ކަމަށް އައިޖީއެމްއެޗްއިން މަޢުލޫމާތު ދެއްވައެވެ. މިބަދަލުތައް ގެންނެވީ ޚިދުމަތް ހޯދާ މީހުން ތޮއްޖެހުމުގެ ފުރުސަތު ކުޑަކޮށް ފަސޭހައިން ޚިދުމަތް ދިނުމުގެ ގޮތުން ކަމަށް އައިޖީއެމްއެޗުން މަޢުލޫމާތު ދެއްވައެވެ.ޕަބްލިކް ސަރވިސް މީޑިޔާ، ޕީއެސްއެމްއަށް މަޢުލޫމާތު ދެއްވަމުން އައިޖީއެމްއެޗްގެ މީޑިޔާ ކޯޑިނޭޓަރ ޒީނާތު ޢަލީ ޙަބީބު ވިދާޅުވީ، ކުރިން ހޮސްޕިޓަލްގެ ދެ ތަނަކުން ލޭނެގުމުގެ ޚިދުމަތް ދިން ނަމަވެސް، މިހާރު އަލަށް ހުޅުވި ލެބޯޓްރީގެ ދަށަށް އެޚިދުމަތްވެސް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި ބައެއް ޓެސްޓުތައް ހަދާ ގަޑިތަކަށް ބަދަލު ގެންނެވިނަމަވެސް އައިޖީއެމްއެޗްގެ ކޮންމެ ކައުންޓަރަކުންވެސް ޓެސްޓުތަކުގެ ރިޕޯޓް ލިބޭނެ ކަމަށްވެސް ޒީނަތު ވިދާޅުވިއެވެ.އައިޖީއެމްއެޗްގައި އަލަށް ހުޅުވުނު ލެބޯޓްރީގައި ޚިދުމަތް ދިނުމަށް13 ކައުންޓަރު ޤާއިމްކޮށްފައިވާއިރު، ދުވާލެއްގެ މައްޗަށް 1500 އަށްވުރެ ގިނަ މީހުން ޚިދުމަތް ހޯދަމުންދާ ކަމަށް އައިޖީއެމްއެޗުން ހާމަކުރައްވައެވެ. އަދި މިދުވަސްވަރަކީ ޗުއްޓީ ދުވަސްވަރެއް ކަމަށްވުމާއެކު އަހަރުގެ އެހެން މަސްތަކާއަޅާ ބަލާއިރު މިދުވަސްވަރު ލެބޯޓްރީގެ ޚިދުމަތް ހޯދާ މީހުންގެ އަދަދު ދެހާހާ ގާތްކުރާނެ ކަމަށް އައިޖީއެމްއެޗުން މަޢުލޫމާތު ދެއްވައެވެ.