ކުޅިވަރު

އިސްތިއުފާ ދިން ކޯޗު މުތައިރީ ކޮންޓްރެކްޓް އާ ކޮށްފި


ނިމިގެންދިޔަ ސާފް ޗެމްޕިއަންޝިޕަށްފަހު ނޭޕާލްގެ ކޯޗުކަމުން އިސްތިއުފާދޭނެ ކަމަށް ބުނުމަށްފަހު ޢަބްދުﷲ އަލްމުތައިރީ ނިންމުން ބަދަލުކޮށް އިތުރު އެއް އަހަރު ނޭޕާލްގެ ކޯޗުކަމުގައި ހުންނަން ނިންމާ އެއްބަސްވުން އާކޮށްފިއެވެ.

ނޭޕާލްގެ ކޯޗުކަމުން އަލް މުތައިރީ އިސްތިއުފާދޭނެކަން ހާމަކުރީ އޭރު ނޭޕާލުގެ މީޑިޔާތަކުން އޭނާއަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވި ކަމަށް ބުނެއެވެ. އަދި ދުވަހަކުވެސް ނޭޕާލަށް އެނބުރި ކޯޗެއްގެ ގޮތުގައި ނާންނާނެ ކަމަށް މުތައިރީ ވަނީ ސާފް ޗެމްޕިއަންޝިޕްގައި ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު މެޗަށްފަހު ބުނެފައެވެ. ނޭޕާލުގެ ފުޓުބޯޅައިގެ މައި އިދާރާ އޯލް ނޭޕާލް ފުޓްބޯލް ފެޑެރޭޝަނުން ވަނީ ކޯޗުގެ އެއްބަސްވުން އާކުރަން މަޝްވަރާކުރާނެކަމަށް އެ ގައުމުގެ މީޑިއާތަކުގައި ބުނެފައެވެ. ޓީމާއެކު ނޭޕާލަށް މުތައިރީ ނުދިޔަ ނަމަވެސް އޭނާ ވަނީ މުބާރާތަށްފަހު ނޭޕާލުގެ ފެޑެރޭޝަންގެ ރައީސްއާ ގަތަރުގައި ބައްދަލުކޮށްފައެވެ.

ނޭޕާލްގެ މީޑިޔާތަކުން ރިޕޯޓްކޮށްފައިވަނީ ފުޓުބޯޅަ ފެޑެރޭޝަނުގައި ބޭއްވި ބައްދަލުވުމުގައި ކޯޗު މުތައިރީ އިތުރު އެއް އަހަރު މަޑުކުރަން ނިންމާފައިވާ ކަމަށެވެ. އެއީ ބޮޑު މުސާރައަކާއެކު ކަމަށްވެސް ރިޕޯޓްކޮށްފައިވެއެވެ. ނަމަވެސް މުސާރައިގެ ގޮތުގައި ދޭން ނިންމީ ކިހާ އަދަދެއްކަމެއް ހާމައެއްނުކުރެއެވެ. ކޯޗު އެއްބަސްވުން އާކުރުމާއެކު ކުރިޔަށްއޮތް އޭޝިއަން ކަޕް ކޮލިފައިންއަށް ޓީމު ތައްޔާރުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަމަށް ނޭޕާލް ފެޑެރޭޝަނުން ބުނެއެވެ. އަދި މިވަގުތު ކޯޗަށް އާއިލީ ޗުއްޓީއެއް ދީފައިވާ ކަމަށްވެސް ބުންޏެވެ.

ސާފް ޗެމްޕިއަންޝިޕުގެ ދެވަނަ ނޭޕާލް ފުރަތަމަ ފަހަރަށް ހޯދުމާއެކު އެ ގައުމުން ވަނީ ޓީމަށް ފައިސާގެ ބޮޑެތި އިނާމުތަކެއްވެސް ހުށައަޅާފައިވެއެވެ. ނޭޕާލްގެ ތާރީހުގައި ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕެއްގެ ފައިނަލްގައި ވާދަކުރުމުން ނޭޕާލުގެ މީޑިޔާތަކުން ވަނީ އޭނާގެ މަސައްކަތަށް ތައުރީފުކޮށް ވާހަކަދައްކާފައެވެ.