ކުޅިވަރު

އެންމެ މޮޅު ފެތުންތެރިންނާއިއެކު ޗެންޕިއަންސް އޮފް ޗެންޕިއަންސް


ރާއްޖޭގެ އެންމެ މޮޅު ފެތުންތެރިންނާއެކު ޗެންޕިއަންސް އޮފް ޗެންޕިއަން ފެތުމުގެ މުބާރާތް ފަށައިފިއެވެ. ޗެންޕިއަންސް އޮފް ޗެންޕިއަންސްއަކީ 2019ވަނަ އަހަރު ސްވިމިންގް އެސޯސިއޭޝަނުން ކުރިއަށް ގެންދިޔަ މުބާރާތްތަކުން އެންމެ މޮޅު ފެތުންތެރިންގެ މެދުގައި ކުރިއަށްދިޔަ މުބާރާތެކެވެ.

މޯލްޑިވްސް ސްވިމިންގް އެސޯސިއޭޝަނުން މަޢުލުމާތުދިން ގޮތުގައި ކޯވިޑް-19އާއި ގުޅިގެން މިދިޔަ އަހަރު އެއްވެސް މުބާރާތެއް ކުރިއަށް ގެންދެވިފައިނުވާތީ، މިއަހަރުގެ ޗެންޕިއަންސް އޮފް ޗެންޕިއަންސް މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ 2019ވަނަ އަހަރު ކުރިއަށް ގެންދިޔަ މުބާރާތްތަކުންނެވެ. މިއަހަރު މިމުބާރާތް ކުރިއަށް ގެންގޮސްފައިވަނީ 2019ވަނަ އަހަރު ކުރިއަށް ގެންދިޔަ ހުރިހާ އިވެންޓްތަކުންނެވެ. އެއީ 50 މީޓަރު، 100 މީޓަރު، 200 މީޓަރު އަދި 400 މީޓަރެވެ. ޗެންޕިއަން އޮފް ޗެންޕިއަންސް މިމުބާރާތުގައި ބައިވެރިވުމަށް ދައުވަތުދީފައިވަނީ ކޮންމެ ކެޓަގަރީއަކުންވެސް އެންމެ މޮޅު 8 ފެތުންތެރިއަކަށެވެ. އަދި މުބާރާތް ކުރިއަށްދަނީ މި 8 ފެތުންތެރިންގެ މެދުގައި ބަހާލައިގެންކަމަށް ސްވިމިންގް އެސޯސިއޭޝަނުން މަޢުލުމާތު ދިނެވެ.

މޯލްޑިވްސް ސްވިމިންގް އެސޯސިއޭޝަންގެ ނައިބް ރައީސް އިސްމާޢީލް ޢަލީ ވިދާޅުވީ މިއަހަރުގެ މިމުބާރާތުގެ ތަޖްރިބާއާއެކު އަންނަ އަހަރުގެ މުބާރާތުގެ އިންތިޒާމްތައް ރަނގަޅު ކުރަން ބޭނުންވާކަމަށެވެ.

"އެންމެ ބޮޑަށް ބޭނުންވަނީ ވީހާވެސް އިންތިޒާމް ރަނގަޅުކޮށް، އެސޯސިއޭޝަނުން ބައްވާ އެންމެ ޝަރަފުވެރި އަދި އެންމެ އަގުބޮޑު މުބާރާތަށް ވެގެން ދިއުން. މުބާރާތުގެ އެއްވަނައަށްދާ އަންހެން އަދި ފިރިހެން ފެތުންތެރިޔާ ވާނީ އެސޯސިއޭޝަން އަދި ރާއްޖޭގެ އެންމެ ޝަރަފްވެރި ފެތުންތެރިންނަށް ވެގެންދިއުން." އިސްމާޢީލް އަލީ ވިދާޅުވިއެވެ.

އިއްޔެފެށި މިމުބާރާތުގެ އިވެންޓްތައް ހަވީރު ކުރިއަށްދާއިރު، ފައިނަލް ކުރިއަށްދަނީ ރޭގަނޑެވެ. އެގޮތުން ރޭ 3 އިވެންޓެއްގެ ފައިނަލް ކުރިއަށް ގެންގޮސްފައި ވެއެވެ. ފިރިހެނުންގެ 400 މީޓަރު މިޑްރިލޭ އެއްވަނަ އަދި 100 މީޓަރު ބެކްސްޓްރޯއިން އެއްވަނަ ހޯދީ މުޙައްމަދު އާން ހުސެއިންއެވެ. އަދި އަންހެން 100 މީޓަރު ބެކްސްޓްރޯކްގެ އެއްވަނަ ހޯދީ ހަމްނާ އަހުމަދުއެވެ.

ރާއްޖޭގެ އެންމެ މޮޅެތި 37 ފެތުންތެރިން ބައިވެރިވާ މި މުބާރާތުގައި ޖުމްލަ 75 އިވެންޓް ކުރިއަށް ދާނެއެވެ.