ކުޅިވަރު

ބޮލޯނާ ބަލިކޮށް މިލާން އެއްވަނައަށް


އިޓާލިއަން ސެރިއާގައި އޭސީ މިލާން މޮޅުވެ ތާވަލުގެ އެއްވަނައަށް ކުރިޔަށް ޖެހިލައިފިއެވެ.

ރަށުން ބޭރުގައި މިލާން މޮޅުވީ 9 ކުޅުންތެރިންނާއެކު ކުޅުނު ބޮލޯނާއާ ވާދަކޮށް 4-2 ލަނޑުންނެވެ. މެޗުގެ ފުރަތަމަ ލަނޑު މިލާންގެ ރަފޭލް ލިއައޯ ކާމިޔާބުކުރިތާ ހަތަރު މިނެޓްފަހުން ބޮލޯނާގެ އަޑެމާ ސައުމާރޯއަށް ވަނީ ވީއޭއާރް ބެލުމަށްފަހު ރަތްކާޑު ދައްކައި ދަނޑުން ފޮނުވާލާފައެވެ. ދެން މި މެޗުގައި މިލާންއަށް ލަނޑުތައް ކާމިޔާބުކޮށްދިނީ ޑޭވިޑޭ ކަލަބްރިއާ އާއި އިސްމާޢީލް ބެނަސިއާގެ އިތުރުން ޒްލަޓަން އިބްރަހަމޮވިޗްއެވެ. މިއީ މި ސީޒަންގައި އިބްރަހަމޮވިޗް މިލާންގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނު ފުރަތަމަ މެޗެވެ.

އިއްޔެ އުމުރުން 40 އަހަރުވި އިބްރަހަމޮވިޗް މި ލަނޑާއެކު އޭނާ ވެފައިވަނީ ސެރިއާގައި އުފަންދުވަހު ލަނޑު ހަތަރުވަނަ ކުޅުންތެރިޔާއަށެވެ. މިއީ ރޯމާގެ ކުރީގެ ކެޕްޓަން ފްރެންސެސްކޯ ޓޮޓީ 2017ވަނަ އަހަރު ލަނޑެއް ކާމިޔާބުކުރިފަހުން 40 އަހަރުގެ ކުޅުންތެރިޔަކު ސެރިއާގައި ލަނޑުޖެހި ފުރަތަމަ ފަހަރެވެ. މެޗުގައި އިބްރާހިމްވިޗް އަތުން ބައިކޮޅަށް ލަނޑެއް ވަންއިރު ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ މުސާ ބަރޯއެވެ. މިއީ އިބްރަހަމޮވިޗްގެ ކެރިއަރުގައި އެނާ ބައިކޮޅަށް ޖެހި ދެވަނަ ލަނޑެވެ.

މިލަނޑާއެކު މެޗު އެއްވަރުވާން ދިޔަ ނަމަވެސް މިލާން ލީޑުނެގީ ފަހު 6 މިނިޓުގައި ޖެހި 2 ލަނޑުންނެވެ. މެޗުގެ ބޮލޯނާއަށް އިތުރަށް މައްސަލަ ކުރިމަތިވީ އެއްކުޅުންތެރިއަކަށް ރަތްކާޑު ދައްކައިފަވަނިކޮށް އިތުރު ކުޅުންތެރިންއަކަށް ރަތްކާޑު ދެއްކުމުންނެވެ. މެޗުގެ ދެވަނަ ހާފްގައި ބޮލޯނާގެ ރޮބާޓް ސޮރިއާނޯ އަށް ވަނީ ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ.

މިމޮޅާއެކު މިލާން ވަނީ 9 މެޗުން ހޯދި 25 ޕޮއިންޓާއެކު މިލާން އޮތީ ތާވަލުގެ އެއްވަނަގައެވެ. ބޮލޯނާ އޮތީ 12 ޕޮއިންޓާއެކު ތާވަލުގެ 9 ވަނައިގައެވެ.