ކުޅިވަރު

ކޯވިޑަށް ޕޮޒިޓިވް ވެ ޝައުސަންއަށް ޗެންޕިއަންސް މުބާރާތް ގެއްލިއްޖެ


ކޯވިޑް-19އަށް ޕޮޒިޓިވް ވުމާއި ގުޅިގެން ރާއްޖޭގެ އެންމެ މޮޅު ފެތުންތެރިން ވާދަކުރަމުންދާ ޗެންޕިއަންސް އޮފް ޗެންޕިއަންސްގައި ވާދަކުރުމުގެ ފުރުސަތު ރާއްޖޭގެ އެންމެ ތަޖްރިބާކާރު އަންހެން ފެތުންތެރިޔާ އާއިޝަތު ޝައުސަން ގެއްލިއްޖެއެވެ. ސައުސަންއަށް މިމުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ގެއްލިގެންދިޔައީ މިދިޔަ ހުކުރު ދުވަހު ފެށި މުބާރާތް ފެށެން ދެ ދުވަހަށް ވެފައިވަނިކޮށް ކޯވިޑް-19އަށް ޓެސްޓް ކުރުމުން އެނަތީޖާ ޕޮޒިޓިވްވުމާ ގުޅިގެންނެވެ.

ޝައުސަންބުނީ މުބާރާތް ފެށެން ހަފްތާއަކަށް ވީއިރުވެސް ހުންއައުމާއި ގުޅިގެން ފަރިތަކުރުންތަކުގައި ބައިވެރިވެފައިނުވާކަމަށާއި އުއްމީދުކޮށްގެން ހުރީ ބަލިން ރަނގަޅުވެ، މުބާރާތުގައި ވާދަކުރަންކަމަށެވެ. ނަމަވެސް ކޯވިޑް-19އަށް ޕޮޒިޓިވްވުމުން އެފުރުސަތު ގެއްލުނީކަމަށެވެ. ޝައުސަންބުނީ މިގެއްލުނީ ވަރަށް ރަނގަޅު ފުރުސަތެއްކަމަށާއި އެސޯސިއޭޝަނުން ބޭއްވި އެންމެ ފުރަތަމަ ޗެންޕިއަންސް އޮފް ޗެންޕިއަންސް މުބާރާތުގައި ވާދަކުރުމަށް ހުރީ ކެތްމަދުވެފައިކަމަށެވެ.

ޝައުސަންއަކީ މިވަގުތު ރާއްޖޭގެ ގައުމީ އަންހެން ޓީމުގެ ފެތުންތެރިންގެ ތެރެއިން އެންމެ ތަޖްރިބާކާރު ފެތުންތެރިޔާއެވެ. ޝައުސަންވަނީ ރާއްޖޭގެ އިތުރުން ބައިނަލްއަގްވާމީ މުބާރާތްތަކުގައިވެސް ވާދަކޮށްފައެވެ. މިއަހަރުގެ ޑިސެންބަރު މަހުގައި އޮންނަ ފީނާ ވޯލްޑް ސްވިމިން ޗެމްޕިއަންޝިޕްގައި ބައިވެރިވާ ހަތަރު ފެތުންތެރިން ތެރޭގައިވެސް އާއިޝަތު ޝައުސަން ހިމެނެއެވެ.