އަތޮޅުތައް

އިހަވަންދޫގައި ޤާއިމް ކުރެވުނު ބޯފެނުގެ ނިޒާމު އިފްތިތާހް ކޮށްފި


ހއ. އިހަވަންދޫގައި ޤާއިމް ކުރެއްވި ރައްކާތެރި ބޯފެނުގެ ނިޒާމު އިފްތިތާހް ކުރައްވައިފިއެވެ.މިއަދު ހަވީރު އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި އިހަވަންދޫ ފެނުގެ ނިޒާމް އިފްތިތާހް ކޮށްދެއްވީ އެންވަޔަރމަންޓް މިނިސްޓަރ ތާރިގް އިބްރާހީމްއެވެ.ހއ. އިހަވަންދޫގައި ގާއިމް ކުރައްވާފައިވާ ފެނުގެ ނިޒާމަކީ ޔޫ.އެން.އެފް.ސީ.ސީ.ސީ  އެޑެޕްޓޭޝަން ފަންޑުގެ އެހީގައި ގާއިމް ކުރި ނިޒާމެކެވެ. މިއީ ރާއްޖޭގައި ގާއިމް ކުރެވުނު މިފަދަ ފުރަތަމަ ނިޒާމް ކަމަށް އެންވަޔަރމަންޓް މިނިސްޓްރީން ވިދާޅުވެއެވެ. 2.1 މިލިއަން ޑޮލަރުގެ މި ނިޒާމަކީ ރާއްޖެއަށް އާ ކޮންސެޕްޓެއް ކަމަށްވާ، ލޮނު ފެނުން އުފައްދާ މީރު ފެނާއެކު، ވާރޭ ފެންވެސް އެކުލެވޭ ގޮތަށް ފަރުމާ ކޮށްފައިވާ ނިޒާމެކެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރ ތާރިގް އިބްރާހީމް ވިދާޅުވީ، މިފަދަ އަގުބޮޑު ނިޒާމްތައް ދެމެހެއްޓެނިވި ގޮތުގައި ބޭނުން ކުރެވޭނީ ރަގަޅަށް ބެލެހެއްޓިގެން ކަމަށެވެ. އަދި އިހަވަންދޫގެ ނަރުދަމާ ޑިޒައިން ކުރެވި، އަމަލީ މަސައްކަތް ޖެނުއަރީ މަހު ތެރޭގައި ފެށުމަށް ތައްޔާރުވަމުންދާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު އަބްދުﷲ ވިދާޅުވީ، އިހަވަންދޫ ފެނުގެ ނިޒާމުން ފެނިގެންދާ ހަގީގަތަކީ މިއަދުގެ ސަރުކާރުން އަސާސީ ހައްގުތައް ކަށަވަރު ކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ނަތީޖާ ކަމަށެވެ.އިހަވަންދޫ ކައުންސިލްގެ ރައީސް މުހައްމަދު އާސިފް، ވިދާޅުވީ، ފެނުގެ ނިޒާމަކަށްފަހު، ދެން އެންމެ ބޭނުންވަނީ ނަރުދަމާ ނިޒާމެއް ކަމަށާއި، ވީހާވެސް އަވަހަކަށް އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށް ރައްޔިތުން ތިބީ އުންމީދުކޮށްގެން ކަމަށެވެ. މީގެ އިތުރުން މިވަގުތު ރަށަށް ކުރިމަތިވެފައިވާ ތިމާވެށީގެ ބައެއް މައްސަލަތަކަށް އޭނާ އަލިއަޅުއްވާލެއްވިއެވެ.އިހަވަންދޫގެ އިތުރުން ޔޫ.އެން.އެފް.ސީ.ސީ.ސީ އެޑެޕްޓޭޝަން ފަންޑުގެ ދަށުން އދ.މަހިބަދޫ އާއި ގދ.ގައްދޫގައިވެސް ފެނުގެ ނިޒާމް ގާއިމް ކުރެއްވުމުގެ މަސައްކަތް ކުރިއަށްއެބަދެއެވެ. މި ދެ ނިޒާމްވެސް ވަރަށް އަވަހަށް އިފްތިތާހް ކުރެވިގެންދާނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވެއެވެ.