ޚަބަރު

ކޮޕް-26: ސަމިޓާ ދިމާކޮށް ނެޓް ޒީރޯއާއި މެދު އިންޑިއާއިން ފިނި ޖަވާބެއް


އާދިއްތަ ދުވަހު ފެށޭ ކޮޕް-26 ސަމިޓުގެ އެންމެ ބޮޑު ބޭނުމަކީ ދުނިޔޭގެ ފިނިހޫނުމިން 1.5 ޑިގްރީގައި ހިފެހެއްޓުމަށް ބޮޑެތި ޤައުމުތައް އެއްބަސްވުމަކަށް ގެނައުމެވެ. މިސަމިޓާމެދު އެތައް ބަޔަކު މާޔޫސްވެފައިވާއިރު އިންޑިއާއިން ނެޓްޒީރޯއަށް ދިޔުމުގައި އެޤައުމުގެ ވިސްނުން ހުރިގޮތް ހާމަކުރުމާއެކު ސަމިޓުގެ ކާމިޔާބީއާމެދު މިހާރުވަނީ ސުވާލު އުފެދިފައެވެ.

ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް މަދުކުރުމަށް ބައެއް ޤައުމުތަކުން ނިންމާފައިވާއިރު ބައެއް ޤައުމުތަކުންވަނީ ސީދާ ނެޓް ޒީރޯއަށް އަމާޒުހިފާފައެވެ. ރާއްޖެއިންވެސް މަސައްކަތްކުރަނީ 2030ހުގެ ނިޔަލަށް ނެޓްޒީރޯއަށް ވާސިލުވުމުގެ އަޒުމުގައެވެ. ތިމާވެށީގެ އެންމެ ވަރުގަދަ ބައްދަލުވުން ކަމުގައިވާ ކޮޕް-26 ސަމިޓުގެ ކުރިން ޤައުމުތަކުންވަނީ އެޤައުމުތަކުގެ ވިސްނުން މިކަމުގައި ހުރިގޮތް ހާމަކޮށްފައެވެ. ދުނިޔޭގެ ޖައްވަށް އެންމެ ގިނަ ޢަދަދަކަށް ވިހަ ގޭސް ބޭރުކުރާ އެމެރިކާއާއި ޗައިނާއިންވަނީ މިކަމުގައި އުއްމީދީ ވާހަކަތަކެއް ދައްކާފައެވެ. އެގޮތުން އެމެރިކާއިން 2050އަށް ނެޓްޒީރޯގެ އަމާޒުހިފާފައިވާއިރު ޗައިނާއިން މިއަމާޒަށް ވާސިލުވުމަށް ނިންމާފައިވަނީ 2060ގެ ނިޔަލަށެވެ.

މިއާއެކު އެންމެންގެ ސަމާލުކަން ހުއްޓުނީ ތިންވަނައަށް އެންމެ ގިނައިން ޖައްވައް ވިހަ ގޭސް ބޭރުކުރާ އިންޑިއާގެ ނިންމުމަށެވެ. ނެޓް ޒީރޯއަށް ވާސިލުވާން ނިންމުމުގެ ބަދަލުގައި އެޤައުމުން ބުނެފައިވަނީ މިކަމުގައި މުހިއްމީ ނެޓް ޒީރޯއަށް ދިޔުން ނޫންކަމަށާއި އެއަށްވުރެ މުހިއްމީ ނެޓް ޒީރޯއަށް ދިޔުމުގެ ކުރިން ޤައުމުތަކުން ޖައްވާ ވިހާ ގޭސް ބޭރުކުރާ އިންސައްތަ ކަމަށް އިންޑިއާގެ އެންވަޔަރަންމަންޓް ސެކްރެޓަރީ ރަމޭޝްވަރް ޕްރަސާދް ގުޕްތާއާއި ޙަވާލާދީ ދުނިޔޭގެ ބޮޑެތި މީޑިއާތަކުންވަނީ ރިޕޯޓުކޮށްފައެވެ.

އެންމެ ގިނައިން ޖައްވައް ވިހަ ގޭސް ބޭރުކުރާ އެމެރިކާއާއި ޗައިނާގެ ނިންމުމާމެދު އިންޑިއާއިންވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން ނެޓްޒީރޯއަށް ދިޔުމަށް މިދެޤައުމުން ހިފާފައިވާ އަމާޒަށް ދިޔުމުގެ ކުރިން އެމެރިކާއިން ޖައްވަށް 92 ގިގަޓަންގެ ވިހަގޭސް އަދި ޗައިނާއިން 450 ގިގަޓަންގެ ވިހަ ގޭސް ބޭރުކުރާނެކަމަށް އެޤައުމުން ދެކޭކަމަށް އިންޑިއާއިންވަނީ ހާމަކޮށްފައެވެ. މިއީ އެތައް ސަތޭކަ ބިލިއަން މެޓްރިކް ޓަނުގެ ވިހަގޭހެވެ. އެހެންކަމުން ނެޓްޒީރޯއަށް ހިފާ އަމާޒުގައި ޙަގީގީ ބުރަދަނެއް ނެތްކަން އެޤައުމުންވަނީ ފާހަގަކޮށްފައެވެ.

ދުނިޔޭގެ ފިނި ހޫނުމިން ހިފެހެއްޓުމަށް ޖައްވަށް ބޭރުކުރާ ވިހަ މާއްދާތައް ހިފަހައްޓަންޖެހެއެވެ. ކޯވިޑާއެކު މިފަދަ ވިހަ މާއްދާތައް ބޭރުކުރާ ކާރުޚާނާތައް ބަންދުވެ ދުނިޔޭގެ ދަތުރުފަތުރުގެ ނިޒާމު ހުއްޓުމާއެކު އެނގިގެންދިޔަ ޙަގީގަތަކީ މި ނިސްބަތް ހިފެހެއްޓިއްޖެނަމަ ދުނިޔޭގެ ގުދުރަތީ ނިޒާމު ސާފުކޮށް އިޔާދަކުރުމުގެ ޤާބިލުކަން މިނިޒާމަށް ލިބިގެންވާކަމެވެ.

އެހެންކަމުން ޤައުމުތަކުން މިކަމަށް ފިޔަވަޅު އަޅައިފިނަމަ ކުރިމަތިންވަމުން އަންނަ ކާރިސާތަކުން އަރައިގަތުމަށް އޮތް ފުރުސަތު ބޮޑެވެ. އަދި ދުނިޔޭގެ ފިނިހޫނުމިން 1،5 ޑިގްރީއަށް އަރާފައިވާއިރު މިހާރުވެސް ކުރިމަތިވަމުން އަންނަ މޫސުމީ ކާރިޘާތައް އަންނަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ. އެހެންކަމުން މިނިސްބަތް 2 ޑިގްރީއަށް އަރައިފިނަމަ އިންސާނުންގެ ދިރިހުރުމަށް އޭގެއިން އަސަރުކުރާނެކަމަށް ސައިންސްވެރިން ވިދާޅުވެއެވެ. އެހެންކަމުން މިނިސްބަތް ދަށްކުރުން ފިޔަވާ އިތުރު ގޮތެއް ނެތް މިދަނޑިވަޅުގައިވެސް އުފެދޭ ސުވާލަކީ މިސަމިޓުގައި ޤައުމުތަކުން މިކަމަށް އެއްބަސްވެދާނެތޯއެވެ.