ދުނިޔެ

ޔަމަނުގެ ދާޚިލީ ހަނގުރާމަ ހުއްޓުވުމަށް ހާއްސަ ކޮމިޓީއެއް


ޔަމަނުގެ ދާޚިލީ ހަނގުރާމައިގައި ދެފަރާތުން ބަދަލުކުރަމުންދާ ޙަމަލާތައް މިހާރުން މިހާރަށް ހުއްޓާލުމަށް ގޮވާލާ މިކަމަށް ޢަމަލީ ސިފަ ގެނައުމަށް ޙާއްސަ ކޮމިޓީއެއް އދން އެކުލަވާލައިފިއެވެ.މީގެ 9 މަސް ދުވަހުގެ ކުރިން ޔަމަނުގައި ފެށި ދާޚިލީ ހަނގުރާމައިގައި މިހާތަނަށް 5 ހާހަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް އދގެ ތަފާސު ހިސާބުތަކުން ދައްކައެވެ. ހަނގުރާމައިގެ ސަބަބުން ޔަމަނުގެ 2 މިލިއަން މީހުން އިންސާނީ އެހީއަށް ބޭނުންވެފައިވާ ކަމަށް އދން ބުނާ އިރު، ޔަމަނުގައި މިހާރު އިންސާނީ ބޮޑު ކާރިޘާއެއް އިއުލާނުކުރަން ޖެހޭ ކަމަށް ވެސް އދން ވަނީ ބުނެފައެވެ.ޔަމަނުގެ ސަރުކާރާ އިދިކޮޅު ހޫޘީން ކުރަމުންދާ ހަނގުރާމަ ދިގުލައިގެން ގޮސް ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ޓެރަރިސްޓް ޖަމާޢަތްތައް ހަނގުރާމައިގެ ތެރެއަށް ވަންނާނެ ކަމުގެ ބިރު ބޮޑުވެފައިވާ ކަމަށް އދއާ ހުޅަނގުން ވަނީ ބުނެފައެވެ. މި ކަން މި ގޮތަށް ވިޔަ ނުދިނުމަށް އދން އިސްނަގައިގެން ޔަމަނުގައި ސުލްޙަ ޤާއިމުކޮށް ހަނގުރާމައިގެ ދެފަރާތުން ބައިވެރިވާ ފަދަ ގުޅިފައިވާ ސަރުކާރެއް ޤާއިމުކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. މި ގޮތުން، ސުވިޓްޒަލޭންޑްގެ ޖެނީވާގައި މިކަމާ ގުޅޭ މަޝްވަރާތައް މިހާރު ދަނީ ކުރަމުންނެވެ.މަޝްވަރާތަކަށް ބާރު ދިނުމުގެ ގޮތުން ޔަމަނުގައި ބަދަލުކުރަމުންދާ ހަމަލާތައް މިހާރުން މިހާރަށް ހުއްޓާލުމަށް އދން ގޮވާލާ ދެފަރާތުގެ ދެމެދު ޤާއިމުކުރި އެއްބަސްވުމަށް ދެފަރާތުން ޢަމަލުކުރަން ފެށި ނަމަވެސް، މިހާރު މިއެއްބަސްވުން ނާކާމިޔާބުވެފައިވާ ކަމަށް އދން ބުނެއެވެ. އެއްބަސްވުމާ ދެ ފަރާތުން ވެސް ޚިލާފުވެފައިވާ ކަމަށާ މިހާތަނަށް ބަދަލުކުރި ހަމަލާތަކުގައި 75 މީހުން މަރުވެފައިވާ ކަމަށް ވެސް ޔަމަނުގެ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. މީގެ ތެރޭގައި ޔަމަނު ސިފައިންގެ 28 މީހުންނާ ހޫޘީ ހަނގުރާމަވެރިންގެ 40 މީހުން ހިމެނެއެވެ. މިކަމުގައި ދެފަރާތުން އިހްމާލުވެފައިވާ ކަމަށް ބުނެ އެއްފަރާތުން އަނެއް ފަރާތް ވަނީ ތުހުމަތުކޮށްފައެވެ.ހަނގުރާމައިގެ ހަމަލާތަކަށް ހުއްޓުމެއް ނުގެނެސް މަޝްވަރާތައް ކާމިޔާބު ނުވާނެ ކަމަށް އދން ދެކެއެވެ. އެހެން ކަމުން ހަމަލާތައް ބަދަލުކުރުން ހުއްޓާލުމަށް ގޮވާލާ އެއްބަސްވުން އެންމެ ފުރިހަމަ ގޮތުގައި ޢަމަލުކުރުން މޮނީޓަރ ކުރުމަށް ޙާއްސަ ކޮމިޓީއެއް އެކުލަވާލުމަށް އދން ވަނީ ނިންމާފައެވެ. މި ކޮމިޓީގައި ހަނގުރާމައިގެ ބައިވެރިވާ ދެ ފަރާތް ތަމްސީލުކުރާ މަންދޫބުން ތިބޭނެ ކަމަށާ މީގެ އިތުރުން ލުބުނާނުގެ އަސްކަރިއްޔާގެ އިސް ޖެނެރަލުން ހިމެނިވަޑައިގަންނަވާ ކަމަށް ވެސް އދން ވަނީ ބުނެފައެވެ.