މޫސުމަށް އަންނަމުންދާ ބަދަލުތަކާއި މޫސުމީ ކާރިސާތަކުން އަރައިގަތުމަށް ޚަރަދުކުރުމުގައި ހުރިހާ ފަރާތަކަށްވެސް ފައިދާކުރަނިވި އަދި ދެމެހެއްޓެނިވި ގޮތެއްގައި ޚަރަދުތައް ހަމަޖައްސަންޖެހޭ ކަމަށް އދ.ގެ ޢާއްމު މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. އަދި މިކަމުން އަރައިގަތުމުގައި ކުރާ މަސައްކަތް އިންތިހާއަށް ހަލުވި ކުރަންޖެހޭކަމަށްވެސް ޝާހިދުވަނީ ވިދާޅުވެފައެވެ.
މޫސުމަށް އަންނަމުންދާ ބަދަލުތަކާއި ގުޅޭ އދ.ގެ އެންމެ ބޮޑު ބައްދަލުވުން، ކޮޕް-26 ގައި ތަޤުރީރުކުރައްވަމުން އދ.ގެ ޢާއްމު މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވީ އިޔާދަކުރަނިވި ހަކަތައަކީ މިވަގުތު މުޅި ދުނިޔޭގައިވެސް ހަގީގަތުގައި އޮތް އެންމެ އަގުހެޔޮ ވަޞީލަތް ކަމަށެވެ. އަދި މިކަމަށް ޢާއްމުންގެ އެހީތެރިކަން އިންތިހާއަށް ބޭނުންވާއިރު މިފަދަ ވަޞީލަތްތައް ދުނިޔޭގެ ހުރިހާ ޤައުމަކަށް ފޯރުކޮށް ދިނުމަށް އަވަސް މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ.
ހަމައެއާއެކު ނެޓްޒީރޯއަށް ވާޞިލުވުމަށް އަމިއްލަ ވިޔަފާރިތަކުން 100 ޓްރިލިއަން ޑޮލަރު ޚަރަދުކުރުމަށް ކަނޑައަޅާފައިވީ ނަމަވެސް މިފައިސާ ޚަރަދުކުރާނީ ކޮން ގޮތަކަށް ކޮންދާއިރާތަކަކަށް އިސްކަންދީގެންތޯ އަދިވެސް ކަނޑައެޅިފައިނުވާކަމުގެ ކަންބޮޑުވުން ޢާއްމު މަޖިލީހުގެ ރައީސްވަނީ ފާޅުކުރައްވާފައެވެ. ޢަބްދުﷲ ޝާހިދު ވިދާޅުވީ މޫސުމީ ބަދަލުތަކުން އަރައިގަތުމަށް އަމިއްލަ ފަރާތްތަކުންވެސް މިކުރާ ހޭދައަކީ ހުރިހާ ފަރާތަކަށްވެސް ފައިދާ ކުރަނިވި އަދި ދެމެހެއްޓެނިވި ފައިދާއަކަށް ހަދައިގެން މިޚަރަދުތައް ހަމަޖައްސަންޖެހޭކަމަށެވެ.
ޚާއްސަކޮށް ކުދި ޖަޒީރާ ޤައުމުތަކުން މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ތިމާވެއްޓާ ރައްޓެހި ގޮތްތަކަށް ހޭނުމަށާއި ގުދުރަތީ ނިޒާމަށް ލިބެމުންދާ ގެއްލުން ކުޑަކުރުމަށް ކުރާ ހޭދައަކީ ހަމަހަމަކަމާއެކު އެކަށޭނަ ނިޒާމަކުން ކުރާ ޚަރަދަކަށް ވާންޖެހޭ ކަމަށް ޝާހިދުވަނީ ވިދާޅުވެފައެވެ. މީގެއިތުރުން ދެމެހެއްޓެނިވި ތިމާވެއްޓާއި، އިޤްތިޞާދުގެ ކުރިއެރުން ގުޅިފައިވަނީ މިދާއިރާތަކާއި ރަށްޓެހި ވަޒީފާތަކަށްކަން ޝާހިދުވަނީ ފާހަގަކުރައްވާފައެވެ. އެހެންކަމުން ނޫ އަދި ފެހި އިޤްތިޞާދުތަކަށް ޤައުމުތަކުން ބަދަލުވުމަށް ކުރާ މަސައްކަތުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމަށްވަނީ ގޮވާލައްވާފައެވެ.
ޢަބްދުﷲ ޝާހިދު ވިދާޅުވީ މޫސުމީ ބަދަލުތަކާއި ގުޅިގެން ތިމާވެއްޓަށް ކުރަމުންދާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް ޢާއްމު މަޖިލީހުގެ ބައްދަލުވުންތަކުގައި އެކި އެކި ފަންތީގައި ކަންބޮޑުވުން ހުރިކަމަށެވެ. އެގޮތުން ހުރިހާ ފަރާތެއްގެވެސް ކަންބޮޑުވުން ހުރީ ދުނިޔޭގެ ފިނިހޫނުމިން 1.5 ޑިގްރީގައި ހިފެހެއްޓުމާއި ގުޅޭގޮތުންނާއި ނާޒުކު އާބާދީތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމާއި މިކަންކަމާއި ކުރިމަތިލުމަށް ހުރި ޓެކްނޮލޮޖީގެ ބޭނުން އެދެވޭ ގޮތުގައި ނުހިފުމާއި މިކަމުގައި އަންހެނުންނާއި ޒުވާނުން ބާރުވެރިކުރުވުމުގެ މުހިއްމުކަމުގެ މައްޗަށް ކަމަށް ޝާހިދު ވިދާޅުވިއެވެ.
އދ.ގެ ޢާއްމު މަޖިލީހުގެ ރައީސްވަނީ ސައިންސްގެ ހޯދުންތަކާއި އެންމެ ފަހުގެ ވަޞީލަތްތަކާއެކު ދުނިޔެއަށް އަންނަމުންދާ މޫސުމީ ބަދަލުތަކާ ދެކޮޅަށް މާނަވީ މަސައްކަތެއް ނުކުރެވިގެން އުޅެނީ ކީއްވެތޯ ކޮޕް-26 ގެ ބައިވެރިންނާ ސުވާލުކުރައްވާފައެވެ. އަދި މިކަންކަމުން އަރައިގަތުމަށް މިއީ އޮތް އެންމެ މުހިއްމު ދަނޑިވަޅުކަން ޝާހިދުވަނީ ފާހަގަކުރައްވާފައެވެ.
ކޮޕް-26 ސަމިޓަކީ މޫސުމަށް އަންނަމުންދާ ބަދަލުތަކާ ގުޅޭގޮތުން ދުނިޔޭގެ 190އަށްވުރެ ގިނަ ޤައުމުތަކުގެ ވެރިންނާއި ޖަމިއްޔާ ޖަމާޢަތްތަކުން ބައިވެރިވާ ތިމާވެށީގެ އެންމެ ބޮޑު ބައްދަލުވުމެވެ.