ކުޅިވަރު

ނޫނޯ ޓޮޓެންހަމްގެ ކޯޗުކަމުން ވަކިކުރަނީ


ޓޮޓެންހަމް ހޮޓްސްޕާސްގެ ކޯޗުކަމުން ޕޯޗުގީސް ކޯޗު ނޫނޯ އެސްޕިރީޓޯ ސަންޓޯ ވަކިކޮށް މި ވަގުތު ވަޒީފާއެއް ނެތި ހުރި އިޓަލީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ގެންނަން ޓޮޓެންހަމުން މަސައްކަތް ކުރަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ކުރިން ޕޯޓޯ އާއި ވުލްވްސް އަށް ކޯޗުކޮށްދިން ނޫނޯ ޓޮޓެންހަމަށް ގެނައީ ދެ އަހަރުގެ ކޮންޓްރެކްޓެއްގައިއެވެ. ސީޒަން ފަށައިގެން ރަނގަޅު ޓްރެކްގައި ޓޮޓެންހަމް އޮތް ނަމަވެސް ފަހަކަށް އައިސް އެ ޓީމު އޮތީ ވަރަށް ބޮޑަށް ފޯމު ގެއްލިފައެވެ. އެންމެ ފަހުން ކުޅުނު މެޗުގައި ވަނީ އަމިއްލަ ދަނޑުގައި އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑް އަތުން 3-0 އިން ބަލިވެފައެވެ. މިދިޔަ ޖޫން މަހު ގިނަ ކޯޗުންތަކެއް ނޫނެކޭ ބުނެފައި އޮތް ޓޮޓެންހަމާ ނޫނޯ ހަވާލުވީ ދެ އަހަރުގެ އެއްބަސްވުމެއްގައެވެ.

17 މެޗަށް ފަހު ނޫނޯ ވަކިކުރަން ޓޮޓެންހަމުން ނިންމައިފިނަމަ ދެން އެ ޓީމުން އެންމެ ގެންނަން ބޭނުމީ ކޮންޓޭއެވެ. ދާދި ފަހުން ނިއުކާސަލް ޔުނައިޓެޑުގެ ކޯޗަކަށް ވާން ކޮންޓޭއަށް ލިބުނު ފުރުސަތު އޭނާ ވަނީ ދޫކޮށްލައިފައެވެ. މެންޗެސްޓާ ޔުނައިޓެޑާ ހަވާލުވާން ކޮންޓޭ ބޭނުންވާ ކަމަށް ވެސް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ. ޔުނައިޓެޑުން އެ ޓީމުގެ ކޯޗު އޮލެ ގަނަ ސޯލްޝެއާއާއެކު ކުރިއަށްދާނެ ކަމަށް ބެލެވޭއިރު، މިހާރު ހާލަތު އޮތްގޮތުން ޓޮޓެންހަމާ ކޮންޓޭ ހަވާލުވުމުގެ ފުރުސަތު އެބައޮތެވެ.