ކުޅިވަރު

ގައުމީ ބީޗްވޮލީގެ ޗެންޕިއަންކަން އަރީ އާއި ނާނު ހޯދައިފި


ގައުމީ ބީޗް ވޮލީބޯޅަ ޗެންޕިއަންޝިޕްގެ ޗެންޕިއަންކަން އާމިނަތު އަރީޝާ (އަރީ) އާއި ޢާއިޝަތު އިމްތިނާން (ނާން)ގެ ޕެއަރއިން ހޯދައިފިއެވެ. މިބައިގެ ޗެންޕިއަންކަން އަރީ އާއި ނާން ހޯދީ ފާތިމަތު ޖޫޒާން ޒަރީރާއި ޢާއިޝަތު މާޖިދާގެ ޕެއަރ ބަލިކޮށްގެންނެވެ. މެޗަކުން ބަލިނުވެ ފައިނަލަށް ދަތުރުކުރި އާމިނަތު އަރީޝާ އާއި ޢާއިޝަތު އިމްތިނާންގެ ޕެއަރއިން މެޗް ކާމިޔާބުކުރީ ސިދާ ދެ ސެޓުންނެވެ. އެއީ 22-20 އަދި 21-11 އިންނެވެ.

އޯޕަން ޑިވިޝަންގެ އަންހެންބައިގެ ތިންވަނަ ހޯދީ އާމިނަތު ޝަހާ ޝާމިން އާއި މަރިޔަމް ހަލީމްގެ ޕެއަރއެވެ. އަންހެން 23 އަހަރުން ދަށުގެ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދީ އާމިނަތު އަފާފް ނިޒާމާއި ނަރީމާ އިދުރީސްގެ ޕެއަރއެވެ. އަފާފާއި ނަރީމާގެ ޕެއަރ ފައިނަލުގައި ސީދާ ދެ ސެޓުން މޮޅުވީ ފާތިމަތު މާހިޔާ އާއި އައިޝަތު ޒައިނާ އިބްރާހީމްގެ ޕެއަރއާއި ވާދަކޮށްގެންނެވެ. ސެޓުތައް ގެންދިޔައީ 21-18، އަދި 21-14 އިންނެވެ. ފިރިހެން 23 އަހަރުން ދަށުގެ ޗެންޕިއަންކަން ހޯދީ އަހުމަދު ނާފިއު އާއި ޝާމިލް މުހައްމަދުގެ ޕެއަރއެވެ. ނާފިއު އާއި ޝާމިލް ފައިނަލް މެޗްގެ ސެޓްތައް ގެންދިޔައީ 21-08 އަދި 21-10 އަކުންނެވެ.

19 އަހަރުން ދަށުގެ ފިރިހެން ބައިގެ ޗެންޕިއަންކަން ހޯދީ ހައިލަމާއި މާއިޝްގެ ޕެއަރއެވެ. މިބައިގެ ޗެންޕިއަންކަން ހައިލަމާއި މާއިޝް ހޯދީ ފައިނަލްގައި މައުޒޫން ނިޔާޒާއި ޝާއިން ޢަބްދުﷲގެ ޕެއަރއާއި ވާދަކޮށް ދެ ސެޓް އެއް ސެޓުންނެވެ. މެޗުގެ ސެޓުތައް ދިޔައީ 24-26، 21-08 އަދި 15-11 އިންނެވެ. މިއީ ގައުމީ ބީޗް ވޮލީ މުބާރާތް އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ ފުރަތަމަ ފަހަރެވެ. މީގެ ކުރިން މިމުބާރާތް ކުރިއަށް ގެންގޮސްފައިވަނީ އޯޕަންބައި އެކަނި ހިމަނައިގެންނެވެ. މިމުބާރާތުގެ މެޗްތައް ކުރިއަށް ދިޔައީ މާލޭ ބީޗްވޮލީބޯޅަ ކޯޓާއި ހުޅުމާލެ ރެޑްބުލް ޕާކްގައި ހުންނަ ބީޗްވޮލީބޯޅަ ކޯޓުގައެވެ.