ކުޅިވަރު

ގައުމީ ޓީމުން ޔަސްފާދާއި ޔޫސުފަށް ފުރުސަތު ދީފި


ސްރީލަންކާގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަހިންދަ ރާޖަޕަކްސަ ފޯ ނޭޝަންސް ކަޕަށް އެކުލަވާލި ގައުމީ ޓީމުން ޔަސްފާދު ހަބީބު (މުލަކޭ) އާއި ޔޫސުފް މީސަމް ޢަބްދުﷲއަށް ފުރުސަތު ދީފިއެވެ. މިމުބާރާތުގައި ބައިވެރިވުމަށް ގައުމީ ޓީމް ލަންކާއަށް ފުރާފައިވާއިރު، އެޓީމުގެ އެއް ނަންބަރު ކީޕަރު މުޙައްމަދު ފައިސަލްވެސް ވަނީ އަނިޔާގެ ސަބަބުން ގައުމީ ޓީމުން އުނިކޮށްފައެވެ.

ގައުމީ ޓީމް ލަންކާއަށް މިހާރު ފުރާފައިވާއިރު، ކެޕްޓަން އަކުރަމް ޢަބްދުލްޣަނީ (އަކޫ) ވެސް ޓީމާއެކު ނުދެއެވެ. އާއިލީ ކަމެއްގައި މާލޭގައި މަޑުކުރުމަށް ފަހު އަކްރަމް ޓީމާއި ގުޅޭނީ ފަހުންނެވެ. މިމަހުގެ 8 ކުން 17އަށް ސްރީލަންކާގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ފޯ ނޭޝަންސް ކަޕްގެ ޓީމުން ޔަސްފާދަށް ފުރުސަތު ދީފައިވާއިރު، ނިމިގެންދިޔަ ސީޒަންގައި ޔަސްފާދުވަނީ މޮޅު ކުޅުމެއްދައްކާފައެވެ. އަދި މާލޭގައި ކުޅުނު އުރީދޫ ސާފް ޗެންޕިއަންޝިޕަށް ތައްޔާރުވުމަށް ނެގި ޕްރިލިމިނަރީ ސްކޮޑުގައި ހިމެނި، ގަތަރު ޓްރެއިނިން ކޭމްޕްގައި ޔަސްފާދު ވެސް ބައިވެރިވިއެވެ. ނަމަވެސް ޔަސްފާދަށް ޓީމުން ފުރުސަތު ގެއްލުނީ ސާފް ޗެންޕިއަންޝިޕަށް ނެގި ފައިނަލް ސްކޮޑުންނެވެ.

ޔަސްފާދުގެ އިތުރުން ގައުމީ ޓީމުގައި ހިމެނުނު 19 އަހަރުން ދަށުގެ ޓީމުގެ ކީޕަރު ޔޫސުފް މީސަމްވަނީ ގައުމީ ޓީމު އެންމެ ފަހުން ކުޅުނު ދެ މެޗްގައިވެސް ކުޅެފައެވެ. އެއީ ކުޅުދުއްފުށި ސިޓީގައި އެޅި ފުޓްބޯޅަ ދަނޑު ހުޅުވަން ކުޅުނު މެޗާއި މުޙައްމަދު މޫސާ (އުއްޗު)ގެ ދައުވަތަކަށް ޅ. ކުރެއްދޫ ރިސޯޓުގައި ކުޅުނު މެޗެވެ. އެ ދެ މެޗުގައި ކީޕަރު ޔޫސުފް ކުޅެން އަރާފައިވަނީ ބަދަލް ކުޅުންތެރިއެއްގެ ގޮތުގައެވެ. ކީޕަރު ޔޫސުފު ވަނީ ގައުމީ ޒުވާން ޓީމުގައި ހިމެނިގެން މުހިންމު މެޗުތަކެއް ކުޅެފައެވެ.

ސްރީލަންކާގައި މިމަހުގެ 8 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ފޯ ނޭޝަންސް ކަޕްގައި ބައިވެރިވަނީ ސްރީލަންކާ ދިވެހިރާއްޖޭގެ އިތުރުން ބަންގްލަދޭޝް އާއި ސީޝެލްސްއެވެ.