އޭއެފްސީ ކަޕްގައި ކުޅޭ ކުލަބްތަކުގެ ބިދޭސީ ކުޅުންތެރިން ރަޖިސްޓްރީ ކުރުމުގެ ގަވާއިދަށް ބަދަލުތަކެއް ގެންގަން މަސައްކަތް ފަށައިފިއެވެ. އޭޝިޔާގެ ދެވަނަ ފަންތީގެ ކުލަބް މުބާރާތްކަމަށްވާ ކުލަބް މޯލްޑިވްސް ކަޕް ބިދޭސީ ކުޅުންތެރިން ރަޖިސްޓްރީ ކުރުމަށް އަމަލުކުރަމުންދާ ޤަވާއިދަށް ބަދަލްތަކެއް ގެންދަން މަސައްކަތް ފަށާފައިވަނީ އޭއެފްސީ ކޮމްޕެޓިޝަން ކޮމިޓީންނެވެ. އޭއެފްސީ ކޮމްޕެޓިޝަން ކޮމިޓީގެ ބައްދަލުވުމުގައި މަޝްވަރާކޮށްފައިވަނީ މިހާރު އަމަލު ކުރަމުންދާ ޤަވާއިދު ދޫކޮށް ކޮންމެ ގައުމެއްގައިވެސް ބިދޭސީ ކުޅުންތެރިން ކުލަބްތަކުގައި ކުޅުވުމަށް ޢަމަލު ކުރަމުންދާ އުސޫލާއި އެއްގޮތަށް އަމަލް ކުރުމަށެވެ. އޭއެފްސީ ކަޕްގައި މިހާރު އަމަލް ކުރަމުންދާ އުސޫލްގައި ވާގޮތުން ކޮންމެ ކުލަބެއްގައިވެސް ބިދޭސީ 4 ކުޅުންތެރިއެއް ރަޖިސްޓްރީ ކުރެވޭނެއެވެ. މީގެ ތެރެއިން އެއް ކުޅުންތެރިއަކުވާން ޖެހެނީ އޭޝިޔާގެ ގައުމަކަށް ނިސްބަތްވާ އެއް ކުޅުންތެރިއަކަށެވެ.
އޭއެފްސީ ކޮމްޕެޓިޝަން ކޮމިޓީގެ މަޝްވަރާއިން ނިންމާފައިވަނީ ކޮންމެ ގައުމެއްގެ ލޯކަލް ފުޓްބޯޅަ އަދި އެގައުމެއްގެ ފުޓްބޯޅަ އެސޯސިއޭޝަން ނުވަތަ ފެޑެރޭޝަނުން ބިދޭސީ ކުޅުންތެރިން ރަޖިސްޓްރީ ކުރުމުގެ އުސޫލާއި އެއްގޮތައް އަމަލު ކުރުމަށެވެ. ބިދޭސީ ކުޅުންތެރިންގެ ކޯޓާއަށް ބަދަލް ގެނައުމަށް އޭއެފްސީ ކޮމްޕެޓިޝަން ކޮމިޓީން ނިންމި ނަމަވެސް، މި ބަދަލު ފައިނަލްވާނީ އޭއެފްސީގެ އެގްޒެކްޓިވް ކޮމިޓީން ފާސްކުރުމުންނެވެ.
ކުރިއަށް އޮތް ސީޒަނުގެ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި ރާއްޖެއިން ވާދަކުރާނީ ލީގު ޗެމްޕިއަން މާޒިޔާއެވެ. އަދި ކޮލިފައިން ބުރުގައި ރާއްޖޭގެ ލީގު ރަނަރަޕް ކްލަބް ވެލެންސިއާ ވާދަކުރާނެއެވެ. ކޯވިޑް-19އާއި ގުޅިގެން މިއަހަރު އޭއެފްސީ ކަޕްގެ މެޗްތައް ބާއްވާފައިވަނީ ސެނެޓްރަލައިޒްކޮށްގެންނެވެ. އެގޮތުން ރާއްޖޭގެ މާޒިޔާ ހިމެނެނު ގުރޫޕް ޑީގެ މެޗްތައް ހޯސްޓްކޮށްފައިވަނީ މާލޭގައެވެ. ކޯވިޑް-19އާއި ގުޅިގެން ކުޅިވަރު ހަރަކާތްތައް ކުރިޔަށްގެންދިއުމުގައި ދިމާވާ ދަތިތަކާއި ގުޅިގެން މިއަހަރެކޭ އެއްގޮތަށް އަންނަ އަހަރުވެސް އޭއެފްސީ ކަޕްގެ މެޗްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ސެންޓްރަލައިޒްކޮށްގެންނެވެ.