މާދަމާ ފަށާ މަހިންދަ ރާޖަޕަކްސަ ޓްރޮފީ ފޯ ނޭޝަންސް ކަޕްގައި ލަންކާ އާއި ރާއްޖެ ކުޅޭ މެޗްގެ ޓިކެޓް 385 ރުފިޔާއަށް ވިއްކުމަށް ހަމަޖެހިފައިވާކަމަށް ލަންކާގެ ފުޓްބޯޅަ ފެޑެރޭޝަނުން އިއުލާން ކޮށްފިއެވެ. ސްރީލަންކާގައި މާދަމާ ފެށުމަށް ހަމަޖެހިފައިވާ މިމުބާރާތުގައި ވާދަކުރަނީ ރާއްޖޭއާއި ލަންކާ، ބަންގްލަދޭޝް އަދި ސީޝެލްސްއެވެ.
މިމުބާރާތުގައި ރާއްޖެއިން ކުޅޭ ފުރަތަމަ މެޗުގައި މާދަމާ ރޭ ލަންކާ އާއި ދެކޮޅަށް ނިކުންނައިރު، ލަންކާގެ ފެޑެރޭޝަނުން ނިންމާފައިވަނީ އެމެޗުގެ ޓިކެޓް 5000 ރުޕީސްއަށް ވިއްކުމަށެވެ. އެއީ ރާއްޖޭގެ ދިވެހި ރުފިޔާއިން 385 ރުފިޔާއެވެ. ދިވެހި ސަޕޯޓަރުންނަށް ޓިކެޓު ވިއްކަން ހަމަޖެހިފައިވަނީ ދެ ސަރަހައްދަކުންނެވެ. އެއީ ކޮލަމްބޯގައި ހުންނަ ރާއްޖޭގެ އެމްބަސީންނާއި ދިވެހިންގެ ކޮމިއުނިޓީ ސެންޓަރުންނެވެ. މިމުބާރާތުގެ ޓިކެޓް ވިއްކުމަށް ހަމަޖެހިފައިވަނީ ވެކްސިންގެ ދެ ޑޯޒު ޖަހާފައިވާ މީހުންނަށެވެ. ކޯވިޑް-19ގެ ހާލަތާއި ގުޅިގެން ލަންކާގެ ފެޑެރޭޝަނުން މީގެ ކުރިން ނިންމާފައިވަނީ ދަނޑުގެ ޖާގައިގެ 50 އިންސައްތައަށް މީހުން ވެއްދުމަށެވެ.
މިމުބާރާތް މަދަމާ ފަށާއިރު، ދިވެހިންނަށް ވިއްކާނީ ކިތައް ޓިކެޓްކަމެއް އަދި ލަންކާގެ ފެޑެރޭޝަނުން ބުނެފައެއް ނުވެއެވެ. ލަންކާގެ ފެޑެރޭޝަނުގެ ކުރި އިއުލާނެއްގައި ބުނެފައިވަނީ ޓިކެޓް ވިއްކާނީ އެންމެ އަވަހަށް އަންނަ މީހުންނަށް ކަމަށެވެ. ރާއްޖެ އާއި ލަންކާ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ ރާއްޖެ ގަނޑިން ރޭގަނޑު 07:30 ޖަހާއިރުއެވެ.
ލަންކާގެ ފުޓްބޯޅަ ފެޑެރޭޝަނުން ހަމަޖައްސާފައިވަނީ އެ ގައުމުގެ ސަޕޯޓަރުންނަށް ޚާއްސަ އަގެއްގައި ޓިކެޓް ވިއްކުމަށެވެ. ލަންކާގެ ސަޕޯޓަރުންނަށް 200 ރުޕީސް އަށް އެންމެ އަގުހެޔޮކޮށް ޓިކެޓް ލިބޭނެއެވެ. އެއީ 16 ރުފިޔާއެވެ.