ޚަބަރު

ރައީސްގެ މަސައްކަތްޕުޅާއެކު ޓިކެޓްގެ އަގުހެޔޮކޮށްފި


މާދަމާ ފަށާ މަހިންދަ ރާޖަޕަކްސަ ޓްރޮފީ ފޯ ނޭޝަންސް ކަޕްގައި ދިވެހި ސަޕޯޓަރުންނަށް އަގުހެޔޮކޮށް ޓިކެޓް ލިބޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ.

ސަރުކާރުން މި އިންތިޒާމް ހަމަޖައްސާފައި މިވަނީ މާދަމާ ފަށާ މުބާރާތުގެ ޓިކެޓް ދިވެހިންނަށް ވިއްކާ އަގު ބޮޑުކަމަށް ބުނެ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.

ޔޫތް މިނިސްޓަރ އަހުމަދު މަހުލޫމް ކުރެއްވި ޓްވީޓްއެއްގައި ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެދިވަޑައިގެންނެވުމުގެ މަތިން ދިވެހިންނަށް އަގުހެޔޮކޮށް ޓިކެޓް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ލަންކާގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ޖޭސްވަރު އުމަރުއާ މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. އަދި އެގޮތުން ކުރެވުނު މަޝްވަރާގެ ތެރެއިން ދިވެހިންނަށް މިހާރު 3000 ލަންކާ ރުޕީސް، ނުވަތަ ދިވެހިރުފިޔާއިން ބަލާނަމަ 231 ރުފިޔާއަށް ޓިކެޓް ލިބޭނެ އިންތިޒާމް ހަމަޖައްސާފައިވާކަމަށް މިނިސްޓަރ މަހުލޫފް ވިދާޅުވިއެވެ.

ސްރީލަންކާގައި މާދަމާ ފެށުމަށް ހަމަޖެހިފައިވާ މިމުބާރާތުގައި ވާދަކުރަނީ ރާއްޖޭއާއި ލަންކާ، ބަންގްލަދޭޝް އަދި ސީޝެލްސްއެވެ. މިމުބާރާތުގައި ރާއްޖެއިން ކުޅޭ ފުރަތަމަ މެޗުގައި މާދަމާ ރޭ ލަންކާ އާއި ދެކޮޅަށް ނިކުންނައިރު، ލަންކާގެ ދިވެހި ސަޕޯޓަރުންނަށް ޓިކެޓު ވިއްކަން ހަމަޖެހިފައިވަނީ ދެ ސަރަހައްދަކުންނެވެ. އެއީ ކޮލަމްބޯގައި ހުންނަ ރާއްޖޭގެ އެމްބަސީންނާއި ދިވެހިންގެ ކޮމިއުނިޓީ ސެންޓަރުންނެވެ. މިމުބާރާތުގެ ޓިކެޓް ވިއްކުމަށް ހަމަޖެހިފައިވަނީ ވެކްސިންގެ ދެ ޑޯޒު ޖަހާފައިވާ މީހުންނަށެވެ. ކޯވިޑް-19ގެ ހާލަތާއި ގުޅިގެން ލަންކާގެ ފެޑެރޭޝަނުން މީގެ ކުރިން ނިންމާފައިވަނީ ދަނޑުގެ ޖާގައިގެ 50 އިންސައްތައަށް މީހުން ވެއްދުމަށެވެ.

މިމުބާރާތް މަދަމާ ފަށާއިރު، ދިވެހިންނަށް ވިއްކާނީ ކިތައް ޓިކެޓްކަމެއް އަދި ލަންކާގެ ފެޑެރޭޝަނުން ބުނެފައެއް ނުވެއެވެ. ލަންކާގެ ފެޑެރޭޝަނުގެ ކުރި އިއުލާނެއްގައި ބުނެފައިވަނީ ޓިކެޓް ވިއްކާނީ އެންމެ އަވަހަށް އަންނަ މީހުންނަށް ކަމަށެވެ.

ދިވެހިންނަށް އަގުބޮޑުކޮށް ޓިކެޓް ވިއްކާއިރު ލަންކާގެ ސަޕޯޓަރުންނަށް ޓިކެޓް ވިއްކަނީ ދިވެހި ރުފިޔާއިން ބަލާނަމަ 16 ރުފިޔާއަށެވެ.