މަހިންދަ ރާޖަޕަކްސަ ފޯ ނޭޝަންސް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗުގެ ޚާއްސަ މެހެމާނަކީ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ކަމަށް ސްރީ ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން ބުނެފިއެވެ. މިއަދު ފެށުމަށް ހަމަޖެހިފައިވާ މިމުބާރާތުގައި ވާދަކުރަނީ ރާއްޖޭގެ އިތުރުން ސްރީލަންކާ، ބަންގްލަދޭޝް އަދި ސީޝެލްސްއެވެ.
މިމުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ކުރިން ނިންމާފައިވަނީ މިމަހުގެ 17ވަނަ ދުވަހުއެވެ. ނަމަވެސް މިހާރު މިމުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 19ވަނަ ދުވަހުއެވެ. މިއީ ފީފާގެ ރައީސް އިންފަންޓީނޯ ދައުވަތުދީގެން، އިންފަންޓީނޯ ފައިނަލް މެޗްގައި ބައިވެރިކުރުމަށް ގެނެވުނު ބަދަލެކެވެ.
މިމުބާރާތުގެ ފުރަތަމަ މެޗްގައި މިއަދު ހަވީރު ބައްދަލުކުރާނީ ބަންގްލަދޭޝް އާއި ސީޝެލްސްއެވެ. އަދި މިރޭ ވާދަކުރުމަށް ހަމަޖެހިފައިވާ މެޗްގައި ބައްދަލުކުރާނީ ލަންކާ އާއި ދިވެހިރާއްޖެއެވެ. މިމެޗް ފެށުމުގެ ކުރިން މުބާރާތުގެ ފެށުމުގެ ރަސްމިޔާތު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މުބާރާތް ހުޅުވުން ކުލަގަދަ ރަސްމިއްޔާތަކާއެކު ބާއްވަން ނިންމާފައިވާއިރު، ލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ އާއި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހުގެ އިތުރުން ރާއްޖޭގެ ކުޅިވަރާބެހޭ ވަޒީރު އަޙުމަދު މަޚުލޫފާއި ލަންކާގެ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު ނަމާލް ރާޖަޕަކްސަވެސް މިމުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވަޑައިގަންނަވާނެއެވެ. މިއީ ލަންކާގެ ފުޓްބޯޅަ ތާރީޚުގައި ފީފާ ކަލަންޑަރުގެ ތެރޭގައި ކުޅޭ ފުރަތަމަ މުބާރާތެވެ. އެހެންކަމުން ފިފާ ރޭންކިންއަށް މިމުބާރާތުން ޕޮއިންޓް ގުނާނެކަމަށް ވަނީ ބެލެވިފައެވެ.
ކޯވިޑް-19ގެ ހާލަތާއި ގުޅިގެން މިމުބާރާތްވެސް ކުރިއަށްދާނީ ބަބްލްއެއްގެ ތެރެއިންނެވެ. މާލޭގައި ނިމިގެންދިޔަ އޭއެފްސީ ކަޕާއި އުރީދޫ ސާފް ޗެންޕިއަންޝިޕްވެސް ކުރިއަށް ގެންގޮސްފައިވަނީ ބަބްލްއެއްގެ ތެރެއިންނެވެ. މިއާއެކު ކުޅުންތެރިންނަށް ބޭރަކަށް ނުނިކުމެވޭނެއެވެ. ޓީމްތަކަށް ހަމައެކަނި ބޭރަށް ނިކުމެވޭނީ ޓްރެއިންނިންގެ އިތުރުން މެޗްތަކަށެވެ.
މި ފަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދާ ޓީމަކަށް ތިރީސް ހާސް ޑޮލަރުގެ ފައިސާގެ އިނާމެއް ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.