ކުޅިވަރު

ލަންކާ މުބާރާތުގެ ފުރަތަމަ މެޗް ފަސްކޮށްފި


މޫސުން ގޯސްވުމުގެ ސަބަބުން މަހިންދަ ރާޖަޕަކްސަ ޓްރޮފީ ފޯ ނޭޝަންސް ކަޕްގެ ފުރަތަމަ މެޗް ފަސްކޮށްފިއެވެ. އަވަށްޓެރި ސްރީލަންކާގައި މިއަދު ފެށުމަށް ހަމަޖެހިފައިވާ މަހިންދަ ރާޖަޕަކްސަ ޓްރޮފީ ފޯ ނޭޝަންސް ކަޕްގެ ފުރަތަމަ މެޗުގައި ބައްދަލު ކުރުމަށް ހަމަޖެހިފައި އޮތީ ބަންގްލަދޭޝާއި ސީޝޭލްސްއެވެ. މިދުވަސްވަރަކީ ސްރީލަންކާއަށް ވަރަށް މޫސުން ގޯސް ދުވަސްވަރެކެވެ. އެގައުމަށް ވަރަށް ބޯކޮށް ވާރޭވެހޭތާ މިހާރު ހަފްތާއަކަށް ވުރެއް ގިނަ ދުވަސްވެއްޖެއެވެ. މޫސުން ގޯސްވުމުގެ ސަބަބުން ފުރަތަމަ މެޗް މާދަމާއަށް ފަސްކޮށްފައިވާއިރު މިއީ ލަންކާގެ ފުޓްބޯޅަ ތާރީޚުގައި ފީފާ ކަލަންޑަރުގެ ތެރޭގައި ކުޅޭ ފުރަތަމަ މުބާރާތެވެ. އެހެންކަމުން ފިފާ ރޭންކިންއަށް މިމުބާރާތުން ޕޮއިންޓް ގުނާނެކަމަށް ވަނީ ބެލެވިފައެވެ.

މިމުބާރާތުގައި ދިވެހި ސަޕޯޓަރުންނަށް އަގުހެޔޮކޮށް ޓިކެޓް ލިބޭނެ އިންތިޒާމް މިހާރުވަނީ ހަމަޖައްސާފައެވެ. ޔޫތު މިނިސްޓަރ އަޙުމަދު މަޚްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް އިބްރާހީމް މުޙައްމަދު ސޯލިޙުގެ އެދިވަޑައިގެންނެވުމުގެ މަތިން ދިވެހިންނަށް އަގުހެޔޮކޮށް ޓިކެޓް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ލަންކާގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ޖޭސްވަރު އުމަރާ މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. އަދި އެގޮތުން ކުރެވުނު މަޝްވަރާގެ ތެރެއިން ދިވެހިންނަށް މިހާރު 3000 ލަންކާ ރުޕީސް، ނުވަތަ ދިވެހިރުފިޔާއިން ބަލާނަމަ 231 ރުފިޔާއަށް ޓިކެޓް ލިބޭނެ އިންތިޒާމް ހަމަޖައްސާފައިވާކަމަށް މިނިސްޓަރ މަހުލޫފް ވިދާޅުވިއެވެ.

ސްރީލަންކާގައި މާދަމާ ފެށުމަށް ހަމަޖެހިފައިވާ މިމުބާރާތުގައި ވާދަކުރަނީ ރާއްޖޭއާއި ލަންކާ، ބަންގްލަދޭޝް އަދި ސީޝެލްސްއެވެ. ލަންކާގައި ދިވެހި ސަޕޯޓަރުންނަށް ޓިކެޓު ވިއްކަން ހަމަޖެހިފައިވަނީ ދެ ސަރަހައްދަކުންނެވެ. އެއީ ކޮލަމްބޯގައި ހުންނަ ރާއްޖޭގެ އެމްބަސީންނާއި ދިވެހިންގެ ކޮމިއުނިޓީ ސެންޓަރުންނެވެ. މިމުބާރާތުގެ ޓިކެޓް ވިއްކުމަށް ހަމަޖެހިފައިވަނީ ކޯވިޑް-19އިގެ ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކޮށްފައިވާ މީހުންނަށެވެ. ކޯވިޑް-19ގެ ހާލަތާއި ގުޅިގެން ލަންކާގެ ފުޓްބޯޅަ ފެޑެރޭޝަނުން މީގެ ކުރިން ނިންމާފައިވަނީ ދަނޑުގެ ޖާގައިގެ 50 އިންސައްތައަށް މީހުން ވެއްދުމަށެވެ.

ދިވެހިންނަށް އަގުބޮޑުކޮށް ޓިކެޓް ވިއްކާއިރު ލަންކާގެ ސަޕޯޓަރުންނަށް ޓިކެޓް ވިއްކަނީ ދިވެހި ރުފިޔާއިން ބަލާނަމަ 16 ރުފިޔާއަށެވެ.