މުޅި ރާއްޖެއަށް އިންތިޒާމްކޮށްގެން ވެލާ އައިލެންޑް ރިސޯޓުން ފެށި "ފެހިކުރަމާ" ޕްރޮގްރާމް ނ.އަތޮޅުގައި އިފްތިތާޙްކޮށްފިއެވެ.
ވެލާ އައިލެންޑް ރިސޯޓުގެ ފަރާތުން ކުރިއަށްގެންދާ މި ޕްރޮގްރާމް އެންމެ ފުރަތަމަ އަމާޒުކޮށްފައިވަނީ ނ.އަތޮޅުގެ 13 ރަށަށެވެ.
ކުނީގެ މައްސަލައަކީ މުޅި ރާއްޖެއަށްވެސް ކުރިމަތިވެފައިވާ ބޮޑު މައްސަލައަކަށްވާތީ މިމައްސަލަ ޙައްލުކުރުމަށް ކަމާބެހޭ ފަރާތްތަކާ ގުޅިގެން މިމައްސަލަ ޙައްލުކުރުމަށް ރާއްޖޭގައި މަސައްކަތްކުރާ ޖަމިއްޔާ ޖަމާޢަތްތަކާއި ވިޔަފާރިތަކުންވެސް އަންނަނީ މަސައްކަތްކުރަމުންނެވެ. ވެލާ ރިސޯޓުގެ އިޖުތިމާޢީ ޒިންމާގެ ދަށުން މުޅި ރާއްޖެއަށް ހުޅުވާލައިގެން ސްކޫލް ކުދިންނާއި ޢާއްމުން ހޭލުންތެރިކުރުމަށް ޚާއްސަ ޕްރޮގްރާމެއް "ފެހިކުރަމާ"ގެ ނަމުގައި މިހާރުވަނީ އިފްތިތާޙްކޮށްފައެވެ. މިޕްރޮގްރާމްގެ ދަށުން ކުނި އުފައްދާ މިންވަރު މަދުކުރުމަށް ބާރުއެޅުމަށް ހަމަޖެހިފައިވާކަމަށް ވެލާއިން ވިދާޅުވެއެވެ..
ޕްރޮގްރާމް އިފްތިތާޙްކޮށްދެއްވުމަށްފަހު ޕީއެސްއެމްއާއި ވާހަކަދައްކަވަމުން ވެލާގެ ޖެނެރަލް މެނޭޖަރ ވެއިން މިލްގޭޓް ވިދާޅުވީ ކުނީގެ މައްސަލައަކީ މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ބޮޑު މައްސަލައަކަށްވާއިރު ވިޔަފާރިތަކާއި ކުންފުނިތަކުންވެސް މިމައްސަލަ ޙައްލުކުރުމަށް މަސައްކަތްކުރަންޖެހޭކަމަށެވެ. އަދި ވަކި ފަރާތްތަކުން މިހެން ކުރިއަށްގެންދާ އެންމެ ޕްރޮގްރާމަކުން ބަދަލެއް ނަޔަސް، މިއީ ފެށުމެއްގެ ގޮތުގައި ވެލާގެ ޖީއެމް ފަހަގަކުރެއްވިއެވެ.
ފެހިކުރަމާ ޕްރޮގްރަމް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނ.އަތޮޅު ކައުންސިލް ރައީސް މުޙައްމަދު ބަޝީރު ވިދާޅުވީ ކުނި މެނޭޖްކުރުމަކީ ހުރިހާ ފަރާތެއް ގުޅިގެން ނޫނީ ކާމިޔާބު ނުވާނެކަމެއްކަމަށެވެ.
"ތަރައްޤީގެ ޕްލޭންތަކަށް މިދަނޑިވަޅުގައި މަޝްވަރާކުރެވޭވަރު މަދުވެފައިވާކަން ޤަބޫލުކުރަން. އަދި ތަރައްޤީގެ ކަންކަން އެކުލަވާލާއިރު ކުނި މެނޭޖްކުރެވޭނެ ފަދަ ގޮތަކަށް ކަންކަން އިންތިޒާމުކުރަންޖެހޭ." ބަޝީރު ވިދާޅުވިއެވެ.
މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވެލިދޫ ކައުންސިލްގެ ރައީސް އާތިފް ހުސެއިން ވިދާޅުވީ ކުނީގެ މައްސަލަ ޙައްލުކުރުމަށް އެންމެން އެއްބާރުލުން ބޭނުންވާ ފަދައިން ސްކޫލް ކުދިން މިކަމުގައި ބައިވެރިކޮށް ޢާއްމު ހޭލުންތެރިކުރުވުމަކީވެސް މުހިއްމުކަމެއްކަމަށެވެ.
"ކުނި މެނޭޖްކުރުމަށްވެސް ޙާލަތަކާއެކު ބަދަލުތަކެއް އަންނަމުންދަނީ. މިކަންމިއީ ކިޔަވައިގެން ކުރެވޭ ކަމެއްކަމަށްވާއިރު މިކަމުގައި ކުދިންބައިވެރިކުރުވުމަކީ ރަނގަޅު ފެށުމެއް.މިއީ ވެލިދޫއަށް ވަރަށް މުހިއްމު ޕްރޮގްރާމެއް. ވެލިދޫ ކައުންސިލް ރައީސް ވިދާޅުވިއެވެ.
މުޅި ރާއްޖެއަށް އަމާޒުކޮށްގެންކުރިއަށްގެންދާ މިޕްރޮގްރާމް އެންމެ ފުރަތަމަ ފަށާފައިވަނީ ނ.އަތޮޅުގެ ރަށްތަކަށެވެ. މި ޕްރޮގްރަމްގެ ތެރެއިން ސްކޫލް ކުދިންނަށް ޚާއްސަ ސެޝަންތަކާއި ބެލެނިވެރިންނަށް ޚާއްސަ ސެޝަންތަކެއް ކުރިއަށްގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. މިސެޝަންތަކުގައި މަދުން ކުނި އުފެއްދުމަށާއި ކުނީގެ ގޮތުގައި ހުންނަ ތަކެތި އަލުން ބޭނުންކުރެވިދާނެ ގޮތްތައް ދަސްކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. މިޕްރޮގްރަމްގެ ސަބަބުން ގޭބިސީތަކާއި ހިސާބުން ކުނީގެ މައްސަލައަށް ޙައްލެއް ލިބިގެންދާނެކަމަށް ވެލާއިން ދެކެއެވެ..