މަހިންދަ ރާޖަޕަކްސަ ފޯ ނޭޝަންސްކަޕްގެ ފުރަތަމަ މެޗު ލަންކާ އަތުން އެއްވަރުވި މެޗު ރާއްޖެއަށް ދަސްވި ފިލާވަޅަކީ 90 މިނިޓަށް ވެސް ހިތްވަރު ކުރަންޖެހެކަމަށް ރާއްޖޭގެ ގައުމީ ޓީމުގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ ބުނެފިއެވެ.
މެޗަށްފަހު ވާހަކަދައްކަމުން މޮރިއޭރޯ ބުނީ މެޗެއްގެ 60ވަނަ މިނަޓާހަމަޔަށް ކުޅުންތެރިންގެ ވިސްނުންހުރުމުން މި ފެނުނީ އޭގެ ނަތީޖާކަމަށެވެ. އޭނާ ބުނީ މިޗެ އެނބުރިގެން ދިޔައީ 60 މިނަޓަށްފަހު ކަމަށާއި އެވަގުތުހާމަޔަށް މެޗުގައި ކަންކަންދިޔައީ އޭނާގެ ޕްލޭނާ އެއްގޮތަށްކަމަށެވެ.
ރާއްޖެއިން ހަތަރު ލަނޑު ޖަހާފައިވަނިކޮށް ލަންކާއިން އެއްވަރުކުރުމުން ކޯޗު ބުނީ ރާއްޖެއަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ ޓީމުގެ ފިޓްނަސް މައްސަލަކަމަށެވެ. މެޗުތަކުގައި ޓީމުގެ ފިޓްނަސް ރަނގަޅުކުރުމަށް މިހާރު ވަރަށް ބޮޑަށް މަސައްކަތް ކުރަންޖެހޭކަމަށް މޮރިއޭރޯ ބުންޏެވެ. މޮރިއޭރޯ ބުނީ ކުޅުންތެރިންގެ މަސައްކަތަށް ކިޔާނެ މާބޮޑު އެއްޗެއް ނެތްކަމަށާއި މެޗުގެ ފުރަތަމަހާފް ދިޔައީ ރަނގަޅަށްކަމަށް ކޯޗު ބުންޏެވެ. މެޗުގައި ލިބުނު ނަތީޖާއިން ކުރިޔަށްހުރި މެޗުތަކުގައި ރަނގަޅު ކުޅުމެއް ރާއްޖޭގެ ފަރާތުން ފެންނާނެކަމަށް ކޯޗު ބުންޏެވެ.
"އަހަރެން ތަމްރީންތަކުގައި ބޭނުންކުރި ބައެއް އެއްޗެހި މެޗުތެރޭގައި ފެނިގެންދިޔައި. އެކަމަކު މިއީ ކުޅުންތެރިންނަށް ރަނގަޅު ފިލާވަޅެއް ލިބުނު މެޗެއް. ރާއްޖޭގޭ ކުޅުންތެރިން އެބަޖެހޭ 90 މިނިޓަށް ހިތްވަރުކުރަން ދަސްކުރަން." ރާއްޖޭގެ ކޯޗެއްގެ ގޮތުގައި ކުޅުނު ފުރަތަމަ މެޗާ ގުޅޭގޮތުން މޮރިއޭރޯ ބުންޏެވެ.
މެޗެއްގެ އެންމެ މުހިއްމު އެއްކަމަކީ ފިޓްނަސް ކަމަށާއި އެކަމަށް ކުރަންޖެހޭ މަސައްކަތް ގިނަކަން ކޯޗު ވަނީ ފާހަގަކޮށްފައެވެ. އަދި މެޗުގައި ތަފާތު ބޮޑުކޮށް ރާއްޖެ މޮޅުވިނަމަވެސް ދައްކަން އޮތީ މިވާހަކަތައް ކަމަށް މޮރިއޭރޯ ބުންޏެވެ. އޭނާ ބުނީ މި ނަތީޖާއަކީ އެއްވެސް ގޮތެއްގައި ބަލިވުންނޫންކަމަށާއި މިއީ މުބާރާތުގައި ލިބުނު މުހިންމު ޕޮއިންޓެއްކަމަށެވެ. މިމެޗުން ލިބުނު ފިލާވަޅުތަކުން ކުރިޔަށްހުރި މެޗުތަކަށް ތައްޔާރުވާނެ ކަމަވެސް މޮރިއޭރޯ ބުންޏެވެ. ކޯޗު ބުނީ މުޅިޓީމާއެކު ރަނގަޅަށް ތަމްރީން ކުރެވުނީ 10 ދުވަހަށް ކަމަށާއި ކުރުވެނު މަސައްކަތާ ބަލާއިރު ޓީމާމެދު އުންމީދީ ނަޒަރަކުން ބެލިދާނެކަމަށެވެ. މޮރިއޭރޯ ބުނީ ފުޓްބޯޅައިގައި އެންމެ މުހިންމުކަމަކީ ވިސްނުންތެރިކަމާއެކު މަސައްކަތް ކުރުން ކަމަށާއި ވަރުބަލިވެއްޖެ ނަމަ އެ ވިސްނުންތެރިކަމެއް ނުފެންނާނެކަމަށެވެ. އެހެންކަމުން އެކަން މިއަދު މެޗުން ފެނިގެންދިޔަކަމަށް މޮރިއޭރޯ ބުންޏެވެ. މިހާރު ލަންކާ ކުރަމުންދާ މޫސުމީ ވިއްސާރައިގެ ސަބުބުން މުބާރާތުގެ ލަންކާ ދެކޮޅަށް ކުޅެން އޮތްމެޗު އެއްދުވަސް ފަހުން ކުޅެން އޮތްއިރު ވިއްސާރައިގެ ސަބަބުން ބަންގްލަދޭޝް ސީޝޭލްސް މެޗުވެސް ވަނީ ދެފަހަރަށް ފަސްކޮށްފައެވެ.