ޚަބަރު

ބާ 2000ގެ އެންމެ މޮޅު އެތުލީޓުގެ މަޤާމަށް އާން، ހަމްނާ، ފަޔާޒު އަދި ޖާއްޓޭ


ބާ 2000 ފަރަމަންތާ ޗެލެންޖުގެ އެންމެ މޮޅު އެތުލީޓުގެ މަޤާމް މުޙައްމަދު އާން ހުސައިނާއި ހަމްނާ އަޙުމަދު، މުޙައްމަދު ފަޔާޒު އަދި ޢަލީ ޖާވިދު (ޖާއްޓޭ) ހޯދައިފިއެވެ. މާލޭގައި ކުރިއަށްދިޔަ ބާ 2000 ފަރަމަންތާ ޗެލެންޖު ކުރިއަށް ގެންގޮސްފައިވަނީ ފެތުމާއި ސާފިން އަދި ބޮޑީބޯޑިންނެވެ. މިތިން ކުޅިވަރުން އެންމެ މޮޅު އެތުލީޓުންނަށް ޔެލޯ ޖާޒީ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހުރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދެވެ.

ފެތުމުގެ ބައިން އެއްވަނަ ހޯދި އާން އާއި ހަމްނާއަކީ އެންމެ ފަހުން ސްވިމިންގް އެސޯސިއޭޝަނުން ބޭއްވި ޗެންޕިއަންސް އޮފް ޗެންޕިއަންސްގެވެސް އެންމެ މޮޅު ދެ ފެތުންތެރިންނެވެ. ޗެންޕިއަންސް އޮފް ޗެންޕިއަންސްއަކީ ރާއްޖޭގެ އެންމެ މޮޅު ފެތުންތެރިންގެ މެދުގައި ކުރިއަށް ގެންދިޔަ މުބާރާތެކެވެ. އާން އާއި ހަމްނާ ވަނީ ފަސް ކިލޯމިޓަރުގެ އޯޕަން ސްވިމިންއިން ވެސް އެއްވަނަ ފެތުންތެރިންގެ އެވޯޑުވެސް ހޯދާފައެވެ.

ބޮޑީބޯޑިންގެ އެއްވަނަ އެތުލީޓަކަށް ހޮވިފައިވަނީ ޢަލީ ޖާވިދެވެ. ޖާވިދަކީ ރާއްޖޭގެ ބޮޑީ ބޯޑިންގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ބޯޑީ ބޯޑަރއެވެ. ސާފިންގެ އެންމެ މޮޅު ސާފަރަކަށް ހޮވިފައިވަނީ މުޙައްމަދު ފަޔާޒެވެ.

ބާ 2000 ފަރަމަންތާ ޗެލެންޖުގެ އެންމެ އުންމީދީ ފެތުންތެރިންގެ އެވޯޑް ހޯދީ އާން އާއި ހަމްނާއެވެ. ސާފިންއިން އެންމެ އުންމީދީ ސާފަރަކީ މުޙައްމަދު އިނާން ޢަބްދުލްހަންނާނެވެ. ބޮޑީބޯޑިންގެ އެންމެ އުންމީދީ އެތުލީޓަކީ ޝިމާލް ޝަމީމެވެ. ބޮޑީބޯޑިން އޯޕަން ކެޓަގަރީގެ އެއްވަނަ ހޯދީ ޖާވިދެވެ. ދެވަނަ ހޯދީ އިނާޝް ނައީމް އަދި ތިންވަނަ ހޯދީ ޝިމާލެވެ. ސާފިން އޯޕަން ކެޓަގަރީގެ އެއްވަނަ ހޯދީ ފަޔާޒެވެ. ދެވަނަ ހޯދީ ޢަބްދުﷲ އަރީފް އަދި މިބައިން ތިންވަނަ ހޯދީ ހާދު އަހުމަދެވެ.

ސާފިންގެ ޖޫނިއަރ ކެޓަގަރީން އެއްވަނަ ހޯދީ މުޙައްމަދު ޒަޔާން އިސްމާއީލެވެ. ދެވަނަ ހޯދީ ސަރޫފް ޝާއިރު އަދި ތިންވަނަ ހޯދީ ކަޔާން ޢަބްދުﷲ އަރީފެވެ. ބޮޑީބޯޑިން ޖޫނިއަރ ކެޓަގަރީގެ އެއްވަނަ ހޯދީ ރީޝާން ރަޝީދެވެ. ދެވަނަ ހޯދީ މުޙައްމަދު ވިއާމެވެ. ތިންވަނަ ހޯދީ ޝިމާލް ޝަމީމެވެ. ހަތަރުވަނަ ހޯދީ އާމިން އުމަރު މޫސާއެވެ.