ކުޅިވަރު

އެންމެންވެސް ގަބޫލްކުރަން ޖެހޭ ކުރިއެރުން ހޯދޭނެކަން: އަލަގިޗް


ސްރީލަންކާގައި ކުރިޔަށްދާ ފޯނޭޝަންސް ކަޕުގައި ލަންކާއިން ކުރިއެރުން ހޯދަމުންދާކަން އެންމެން ގަބޫލްކުރަން ޖެހޭ ކަމަށް ލަންކާގެ ކޯޗް އާމިރް އަލަގިޗް ބުނެފިއެވެ.

މެޗުގެ ކުރިން ކޮލަންބޯ ހިލްޓަން ހޮޓަލުގައި ނޫސްވެރިންނަށް މައުލޫމާތު ދެމުން އަލަގިޗްވަނީ ލަންކާއިން ފުޓްބޯޅައަށް އެހާ އިސްކަން ނުދޭތީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އޭނާ ބުނީ އެންމެފަހުން ކުޅުނު މެޗުގައިވެސް ލަންކާގެ ދަނޑަށް ކުޅިބަލަން ވަދެ ތިބިމީހުން ފެނުމުން އިހްސާސްވީ މެޗު ކުޅުނީ ރާއްޖޭގެ ދަނޑުގައިކަމަށެވެ. އަލަގިޗް ބުނީ ލަންކާގެ ޓީމުން ކޮންމެ ނަތީޖާއެއް ނެރުނު ނަމަވެސް ޓީމާމެދު އުންމީދު ދޫނުކޮށް މިހާރު މިއޮތް ޓީމަށް ވެސް ކުރިއެރުން ހޯދޭނެކަން ގަބޫލްކުރަން ޖެހޭނެކަމަށެވެ.

އަލަގިޗް ބުނީ ނަތީޖާ ހޯދުމަށް ޕްރެޝަރު ފިޔަވާ އިތުރު ކަންބޮޑުވާކަމެއް އޭނާގެ ޓީމުގައި ނެތްކަމަށެވެ. ފުޓްބޯޅައިގެ އެންމެ ފަސޭހަކަމަކީ ޕްރެޝަރެއް ނެތި ކުޅުން ކަމަށާއި މެޗާ ކުރިމަތިލާއިރު ލަންކާއަށް ވުރެ ބޮޑަށް ޕްރެޝަރުގައި އޮތީ ސީޝެލްސްއަށް ކަމަށް ގަބޫލްކުރާކަމަށެވެ. އޭނާ ބުނީ ވޭތުވެދިޔަ 10 އަހަރުތެރޭގައި މެޗަކުން މޮޅުނުވާ ޓީމަކަށް އެއްވަރުވުން ވެސް ވާނީ ވަރަށް ބޮޑުކާމިޔާބަކަށް ކަމަށެވެ.

ވާދަވެރި އެހެން ގައުމުތަކުން ފުޓްބޯޅައަށް ޚަރަދު ކުރާވަރަށް ލަންކާއިން ޚަރަދު ނުކުރަނީ ކީއްވެތޯވެސް ލަންކާގެ ފުޓްބޯޅަ ފެޑެރޭޝަންގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމުގެ ޒިންމާ ނަގަމުންދާ އަލަގިޗްވަނީ ސުވާލުކޮށްފައެވެ. މުބާރާތް ކާމިޔާބުކުރަން ބޭނުންނަމަ ކޮންމެ މެޗަކީ ފައިނަލް މެޗެއްކަން ދެކިގެން ތައްޔާރުވާން ޖެހޭކަމަށް ލަންކާ ކޯޗުބުނިއެވެ. ބޮސްނިޔާއަށް އުފަން އަލަގިޗް ބުނީ މިމެޗުގައި ބައެއް ބަދަލުތައް ފެނިގެން ހިގައިދާނެކަމަށާއި މި މެޗަކީ އިތުރު ބާރެއްލާ އިތުރު ހިތްވަރެއްލައި ކުރިޔަށް ފިޔަވަޅުއަޅަންވީ މެޗްކަމަށެވެ.

" އަހަންނަށް މިހާރުވެސް ބުނެވިދާނެ މިހެން، ލަންކާގެ ފުޓްބޯޅައެއް ކުރިއެއް ނާރާނެ އެންމެންގެ އެއްބާރުލުން ލިބިގެން ނޫންގޮތަކަށް، އަހަރަމެންނަށް މިހާރު ނަތީޖާގެ ފަރަގު ކުޑައެބަކުރެވޭ، ކުރިއެރުން ހޯދަން މަސައްކަތް ކުރެވޭ." ކުރިން ރާއްޖޭގެ ވެސް މަސައްކަތް ކުރި ކޯޗު ބުނިއެވެ.

އަލަގިޗް ބުނީ ކޮންމެ މެޗަކީ ނަތީޖާ ލަފާކޮށްލަން އުނދަގޫ މެޗެއް ކަމަށާއި ކާމިޔާބާ ހަމަޔަށް ދެވިދާނެކަމުގެ ވިސްނުން ޓީމުން ނެރެފިކަމަށެވެ. އެހެންކަމުން އަދިވެސް ލަންކާ ޓީމަކީ ކަންކަން ދަސްކުރުމުގެ މަރުހަލާގައި އޮތް ޓީމެއްކަން ކޯޗު ވަނީ ފާހަގަކޮއްފައެވެ.

ލަންކާއިން ވަނީ ގައުމުން ބޭރުގައި ކުޅެމުންދާ އެޤައުމުގެ ގިނަ ކުޅުންތެރިން މިމުބާރާތަށް ނެގި ސްކޮޑުގައި ހިމަނާފައެވެ.