ކުޅިވަރު

ބަންގްލަދޭޝް ބަލިކޮށް ލަންކާ މުބާރާތުގެ ފައިނަލަށް


މަހިންދަ ރާޖަޕަކްސަ ފޯ ނޭޝަންސް ކަޕްގައި ބަންގްލަދޭޝް ބަލިކޮށް ސްރީލަންކާއިން މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ. މިމެޗަށް ނިކުތްއިރު މެޗް އެއްވަރުކޮށްލައިގެންވެސް ބަންގްލަދޭޝަށް ފައިނަލަށް ދިއުމުގެ ފުރުސަތު އޮތްއިރު، ފައިނަލްގެ ފުރުސަތެއް ހޯދާނަމަ ލަންކާއަށް ޖެހިފައިއޮތީ ބަންގްލަދޭޝް ބަލިކުރާށެވެ. މިއީ މިހާރު ލަންކާ ޓީމުގެ ކޯޗް އާމިރް އަލަގިޗްގެ ކޯޗްކަމުގެ ދަށުން އެޓީމަށް ލިބުނު ފުރަތަމަ މޮޅެވެ.

ކޮލަމްބޯގެ ރޭސްކޯސް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗު ފަށައިގެން ލަންކާއިން ދިޔައީ ގޯލެއް ޖެހުމަށް މަސައްކަތް ކުރަމުންނެވެ. މިމެޗްގައި ލަންކާ ޓީމަށް ސަޕޯޓް ކުރުމަށް ގިނަ އަދަދެއްގެ ސަޕޯޓަރުންވަނީ ވަދެފައެވެ. މިމެޗްގައި ލަންކާއިން ލަނޑެއް ޖެހުމަށް ކުރަމުންދިޔަ މަސައްކަތް ކާމިޔާބުކުވީ މެޗްގެ 24ވަނަ މިނެޓްގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ވަސީމް ރަޒީކްއެވެ. މިއީ އޭނާ މިމުބާރާތުގައި ކާމިޔާބުކުރި 5ވަނަ ގޯލެވެ. ލަންކާއިން ލަނޑެއް ޖެހިތާ މާގިނައިރުތަކެއް ނުވަނީސް ބަންގްލަދޭޝަށްވަނީ މެޗްގެ ނަތީޖާ އެއްވަރު ކުރުމަށް ރަނުގެ ފުރުސަތެއް ލިބިފައެވެ. ކޯނަރެއްގައި އޭރިއާތެރެއިން ބަންގްލަދޭޝްގެ ފޯވާޑް ސުމަން ރެޒާ ބޮލުން ޖެހި ބޯޅަ ގޯލަށް ވަންނަން ދަނިކޮށް ލަންކާގެ ގޯލު ރޮނގުމަތިން އެޓީމުގެ ޑިފެންޑަރު ޑަކްސަން ޕުސްލަސް ވަނީ އަތުންޖައްސާ ބޯޅަ މަތަކޮށްފައެވެ. މިއާއެކު ޑަކްސަންއަށްވަނީ ރެފްރީ ރަތް ކާޑް ދައްކާ ދަނޑުން ފޮނުވާލާފައެވެ.

ބަންގްލަދޭޝްއަށް ލިބުނު ޕެނަލްޓީ އެޓީމަށް ކާމިޔާބުކުރެވޭ ގޮތެއް ނުވިއެވެ. އެޓީމްގެ ޑިފެންޑްރު ޓޯޕޫ ފޮނުވާލީ ޕެނަލްޓީ ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ. މިމެޗުން ލަނޑެއް ޖެހުމަށް ބަންގްލަދޭޝްއިން މެޗްގެ ފުރަތަމަ ހާފްގައި ވަރަށް މަސައްކަތް ކުރިއެވެ. ނަމަވެސް ބަންގްލަދޭޝްއިން އުފައްދަން މަސައްކަތްކުރި ދެ ހަމަލާއެއްގެ ހުރަކަށް ވީ ލަންކާގެ ކީޕަރު ސުޖަން ޕެރޭރާއެވެ.

މެޗްގެ ދެވަނަ ހާފްގައި ބަންގްލަދޭޝްއިންވަނީ ވަރަށް ބޮޑަށް ކުޅުން ރަނގަޅުކޮށް މެޗުން މޮޅުވުމަށް ވަރަށް ބޮޑަށް މަސައްކަތްކޮފައެވެ. އަދި އެޓީމުން ގޯލް ޖެހުމަށް ފުރުސަތުތަކެއްވެސް ތަނަވަސް ކުރިއެވެ. އެޓީމުން ލަނޑެއްޖަހަން ކުރި މަސައްކަތް ކާމިޔާބުވީ މެޗްގެ 72ވަނަ މިނެޓްގައެވެ. މިލަނޑު ބަންގްލަދޭޝްއަށް ކާމިޔާބުކޮށްދިނީ މުޙައްމަދު އިބްރާހީމެވެ. މިލަނޑަށްފަހުވެސް ބަންގްލަދޭޝަށް މެޗްގައި ފުރަތަމަ ފަހަރަށް ލީޑް ނަގަންވެސް ފުރުސަތު ލިބުނެވެ. ނަމަވެސް މެޗްގައި މޮޅު ކުޅުމެއްދެއްކި ލަންކާގެ ކީޕަރު ސުޖަންވަނީ ބަންގްލަދޭޝްގެ ހަމަލާތަށް ދިފާޢުކޮށްފައެވެ. އެއް ކުޅުންތެރިއަކު މަދުކޮށް ލަންކާއިން ކުޅެމުންދިޔަ ނަމަވެސް އެޓީމުންވެސް ގޯލެއް ޖެހުމަށް މަސައްކަތް ކުރިއެވެ. މިމެޗުން ލަންކާ މޮޅުވި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ލިބުނު ޕެނަލްޓީއަކުން ވަސީމެވެ. މިއީ އޭރިޔާގެ ތެރެއިން ބަންގްލަދޭޝްގެ ކުޅުންތެރިއެއްގެ އަތުގައި ޖެހުމުން ރެފްރީދިން ޕެނަލްޓީއެކެވެ.

މިމުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މިއަންނަ ހުކުރު ދުވަހުއެވެ. ފައިނަލް މެޗްގައި ވާދަކުރާނީ މުބާރާތް ބާއްވާ ގައުމް ލަންކާ އާއި ސީޝެލްސްއެވެ. ފައިނަލް މެޗްގެ ހާއްސަ މެހެމާންއަކީ ފީފާގެ ރައީސް އިންފަންޓީނޯއެވެ.