ކުޅިވަރު

ސްޕޯޓްސް ކޯޕަރޭޝަން ވަގުތުން އުވާލަން ޖެހޭ - މަހުލޫފް


ސްޕޯޓްސް ކޯޕަރޭޝަކީ ވަގުތުން ވަގުތަށް އުވާލާޖެހޭ ކުންފުންޏެއްކަމަށް ޔޫތް މިނސްޓަރ އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ. ކުޅިވަރު ގާނޫނުގެ ދަށުން އުފައްދާފައިވާ ސްޕޯޓްސް ކޯޕަރޭޝަނަކީ އެއްވެސް ފައިދާއެއް ނުވާ، ދުވަސްތައް ފާހަގަކުރުމަށް ހަމައެކަނި ޓްވީޓް ކުރާ ކުންފުންޏެއްކަމަށެވެ.

މިއަދު ރައްޔިތުން މަޖްލީހުގައި ވާހަކަދައްކަމުން މިނިސްޓަރ މަހުލޫފް ވިދާޅުވީ ދުނިޔޭގެ އެއްވެސް ތަނެއްގައި ސްޕޯޓްސް ކޯޕަރޭޝަން ކިޔާ ތަނެއް ނުހުންނަމަށާއި އެކޯޕަރޭޝަނާއި މިގެ ކުރިން ހަވާލްކޮށްފައިވާ މަސައްކަތްތައްވެސް ބޭނުންވާ ގޮތަށް ކޮށްދެވިފައިނުވާކަމަށެވެ. މިނިސްޓަރ ވިދާޅުވީ 67 ރަށަށް ބޭނުންވާ އައުޓްޑޯ ޖިމް ގެނައުމުގެ މަސައްކަތް އެ ކޯޕަރޭޝަނާ ހަވާލުކުރި ކަމަށާއި އެންމެ ތިން މަހުން ނިންމައިދޭން އެދުނު އެކަންތައް ކޮށްދެވުނީ 1 އަހަރާ ދެ މަސް ފަހުން ކަމަށެވެ. އަދި މުދަލުގެ ޑެމަރޭޖް އެރުމުން އެކަން ހައްލުކޮށްދޭން އެ ކޯޕަރޭޝަނުން އެދުނީ ރައީސް އޮފީހުގައި ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

"ސްޕޯޓްސް ކޯޕަރޭޝަންގައި ކެޕޭސިޓީއެއް ނެތް، ކެޕޭސިޓީ ހުރި ކުންފުނިތަކާއި ގުޅިގެން އަޅުގަނޑުމެން މިދަނީ މަސައްކަތް ކުރަމުން. ސްޕޯޓްސް ކޯޕަރޭޝަނުން، މިނިސްޓްރީގެ ދަށުގައި ހުންނަ ގަލޮޅު ދަނޑުގައި އޮފީސް ހަދައިގެން މިތިބެނީ. މިއީވެސް ވަރަށް ކަންބޮޑުވާ މަސައްލައެއް. ސްޕޯޓްސް ކޮމިޝަނަރު ހީނާ އަޙުމަދު ސަލީމް އިށީންނަވާނެ ގޮނޑިއެއް ނެތް، ކުޅިވަރު އެސޯސިއޭޝަންތައް އޮފީސް ހަދަން ދޭނެ ޖާގައެއް ނެތް އެކަމަކު މިނިސްޓްރީއާ އެއްވެސް ގުޅުމެއް ނެތް އެ ކޯޕަރޭޝަނުން މިނިސްޓްރީގެ އިމާރާތަކަށް ގަދަކަމުން ވަދެމިތިބެނީ. އެއީ މިނިސްޓްރީގެ އިމާރާތަކަށް އެމްޓީސީސީ ނުވަތަ އާރްޑީސީސީ ވަދެ ތިބުން ފަދަކަމެއް." މިނިސްޓަރ މަހުލޫފް ވިދާޅުވި.

ސްޕޯޓްސް ކޯޕަރޭޝާނުގެ ޗެއާމަނަކީ ވޮލީބޯލް އެސޯސިއޭޝަނުގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން މުޙައްމަދެވެ. މެނޭޖިން ޑިރެކްޓަރަކީ ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ގޯލްކީޕަރު އަދި ވިކްޓްރީގެ ކުރީގެ ކޯޗު މައުރޫފް އަޙުމަދު (މާއްޓޭ)އެވެ. މަހުލޫފް ވިދާޅުވީ އެ ބޭފުޅުންގެ ގާބިލްކަމާ މެދު ސުވާލު އުފައްދަވަނީކީ ނޫން ކަމަށާއި ހަމައެކަނި މައްސަލައަކީ އެ ކޯޕަރޭޝަނުގެ މެންޑޭޓް ކަމަށެވެ. އަދި އެ ބޭފުޅުން އެތަނުގެ ބަދަލުގައި މިނިސްޓްރީގައި މަސައްކަތްކުރައްވާ ނަމަ މާ ފައިދާވީސް ކަމަށްވެސް މަހުލޫފު ވިދާޅުވިއެވެ.