ކުޅިވަރު

ފަހު މެޗްގައި ރާއްޖެ ލަންކާއަތުން ބަލިވެއްޖެ


6ވަނަ ސައުތް އޭޝިއަން ބާސްކެޓް ބޯލް ޗެންޕިއަންޝިޕް ރާއްޖެއިން ކުޅުނު ފަހު މެޗް ލަންކާ އަތުންވެސް ބަލިވެއްޖެއެވެ. މިމުބާރާތުގައި ރާއްޖެއިން ކުޅުނު ފަހު މެޗްގައި ލަންކާ އަތުން ބަލިވެފައިވަނީ 77 ޕޮއިންޓް 45 ޕޮއިންޓުންނެވެ. މިމެޗަށް ނިކުތްއިރު ސާބާ ޗެންޕިއަންޝިޕްގައި ރާއްޖެއިން ކުޅުނު ދެ މެޗުންވެސްވަނީ ބަލިވެފައެވެ. އެންމެ ފަހުން އިއްޔެ ކުޅުނު މެޗްގައި ބަންގްލަދޭޝް އަތުން ރާއްޖެ ބަލިވެފައިވަނީ ފެށުން ގޯސްވުމުގެ ސަބަބުންނެވެ.

މިއަދު މިމުބާރާތުގެ ފަހު މެޗްގައި ރާއްޖެއިން ލަންކާއާއި ވާދަކުރިއިރުވެސް ރާއްޖެއަށް ފެށުން ދިޔައީ މިމެޗްގައިވެސް ވަރަށް ގޯސްކޮށެވެ. މެޗްގެ ފުރަތަމަ ކުއަޓަރ ރާއްޖެއަށް ގެއްލުނީ 21 ޕޮއިންޓް 8 ޕޮއިންޓުންނެވެ. މެޗްގެ ދެވަނަ ކުއަޓަރއަށް ނިކުތްއިރު ރާއްޖެއަށް މެޗްގެ ނަތީޖާ ހަމަހަމަ ކުރުމަށްވަނީ ދެ ގުނައަށް މަސައްކަތް ކުރަންޖެހިފައެވެ. އެއީ ފުރަތަމަ ކުއަޓަރގައި ލަންކާއިން ބޮޑު ލީޑެއް ނެގުމުންނެވެ. މިއާއެކު ދެވަނަ ކުއަޓަރގައި ރާއްޖެއަށް ގިނަ އުދަގޫތަކާއި ކުރިމަތިލާން ޖެހުނެވެ. މެޗްގެ ދެވަނަ ކުއަޓަރ ނިކުނުއިރު ލަންކާ ކުރީގައި އޮތީ 43 ޕޮއިންޓް 23 ޕޮއިންޓުންނެވެ. ފަހު ދެ ކުއަޓަރގައިވެސް ރާއްޖެއިން ލަންކާއަށް ލިބިފައިވާ ލީޑް ހަނިކުރުމަށް ވަރަށް މަސައްކަތް ކުރިއެވެ. ނަމަވެސް ރާއްޖެއަށް އެކަން ކާމިޔާބުވާގޮތެއް ނުވިއެވެ. މެޗްގެ ތިންވަނަ ކުއަޓަރ 60 ޕޮއިންޓް 32 ޕޮއިންޓުން ނިމުނުއިރު ހަތަރުވަނަ ކުއަޓަރ ނިމުނުއިރު ލަންކާ ކުރީގައި އޮތީ 77 ޕޮއިންޓް 45 ޕޮއިންޓުންނެވެ.

ސާބާ ޗެންޕިއަންޝިޕްގައި ރާއްޖެއިން އެންމެ ފުރަތަމަ ކުޅެފައިވަނީ މިސަރައްހަދުގެ ވަރުގަދަ ބާރު އިންޑިޔާއާއެވެ. އިންޑިޔާ މިމެޗް ކާމިޔާބުކޮށްފައިވަނީ 88 ޕޮއިންޓް 31 ޕޮއިންޓުންނެވެ. ދެވަނަ މެޗްގައި ރާއްޖއިން ވާދަކޮށްފައިވަނީ ބަންގްލަދޭޝާއެވެ. މިމެޗް ބަންގްލަދޭޝް ކާމިޔާބުކޮށްފައިވަނީ 86 ޕޮއިންޓް 65 ޕޮއިންޓުންނެވެ. ފަހު މެޗްގައި ލަންކާއަތުން ބަލިވުމާއި ގުޅިގެން ރާއްޖެއަށްވަނީ މިހާރު މުބާރާތް ނިމިފައެވެ.

ޤައުމީ ބާސްކެޓް ޓީމުގެ ކޯޗުންނަށް ހަމަޖައްސާފައިވަނީ ހުސް ދިވެހިންނެވެ. އެގޮތުން ކޯޗަކަށް ހަމަޖައްސާފައިވަނީ ޤައުމީ ޓީމަށް 15 އަހަރަށް ވުރެއް ގިނަ ދުވަހު ކުޅެ، އެޓީމުގެ ކެޕްޓަންކަންވެސް ކޮށްފައިވާ އިލްޔާސް އިބްރާހިމެވެ. ތަޖްރިބާކާރު ކޯޗް އިލްޔާސާއެކު މަސައްކަތް ކުރުމަށް 3 އެސިސްޓެންޓް ކޯޗުން ހަމަޖައްސާފައިވާއިރު، މިތިން ކޯޗުންނަކީ ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ބާސްކެޓް ކުޅުންތެރިޔާ މުޙައްމަދު ޒިލާލާއި ގައުމީ ޓީމުގެ އެންމެ މޮޅު ޕޮއިންޓް ގާޑް ޢަލީ ފަޒްލްީއާ މުޙައްމަދު ނަސީރެވެ. މިއީ މިހާތަނަށް ޤައުމީ ބާސްކެޓް ޓީމުގައި މަސައްކަތް ކުރާ އެންމެ ޒުވާން ކޯޗިން ސްޓާފުންނެވެ.