މުނިފޫހިފިލުވުން

ވިޒިޓް މޯލްޑިވްސް އިޔަރ ޝޯއަށް އާތިފް އަސްލަމް


ވިޒިޓް މޯލްޑިވްސް ޔިއަރ 2016 ޙަރަކާތްތައް ފެށުމަށް މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާގެ ޝޯގައި އިންޑިޔާގެ ބޮލީވުޑްގެ މަޝްހޫރު ލަވަކިއުންތެރިއާ އާތިފް އަސްލަމްގެ ޚާއްޞަ ހުށަހެޅުންތަކެއް ފެނިގެންދާނެކަމަށް ޕީއެސްއެމުން ހާމަކުރައްވައިފިއެވެ.



ވިޒިޓް މޯލްޑިވްސް އިޔަރ 2016ގެ ހަރަކާތްތައް ފެށުމަށް ހަމަޖެހިފައިވަނީ މިކަމަށް ޚާއްސަކޮށް ބާއްވާ ޝޯއާއިއެކުގައެވެ. މި ޝޯވގެ ޑައިރެކްޓަރ  ޕީއެސްއެމްގެ ޑިރެކްޓަރ ޕްރޮގްރާމްސް މުހައްމަދު ނިޔާޒު ވިދާޅުވީ އާތިފް އަސްލަމް ވިޒިޓް މޯލްޑިވްސް އިޔަރ ޝޯގައި ބައިވެރިވަނީ ޓުއަރިޒަމް މިނިސްޓަރ މޫސާ ޒަމީރުގެ ޚާއްސަ ދައުވަތަކަށްކަމުގައެވެ. ވިޒިޓް މޯލްޑިވްސް އިޔަރ 2016 ގައި އާތިފް ލަވަކިއުމަށް ހަމަޖެހިފައިވަނީ މިމަހުގެ 31 ވަނަ ދުވަހުގެ ރެއެވެ. އާތިފް އަސްލަމްއަކީ ޕާކިސްތާނަށް އުފަން ޕާކިސްތާނުގެ ލަވަކިއުންތެރިއެކެވެ. ނަމަވެސް އާތިފްއަށް މަޝްހޫރުކަން ލިބިގެން ގޮސްފައިވަނީ އިންޑިޔާގެ ބޮލީވުޑްގެ ފިލްމްތަކަށް ލަވަކިޔައިދޭން ފެށި ހިސާބުންނެވެ. 



 ދެ ދުވަހަށްކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޝޯގެ ފެށޭނީ ތިރީސްވަނަ ދުވަހުގެ ހަވީރު އަލިމަސް އުފާ ކާނިވަލުގައެވެ. މި ޝޯގައި ރާއްޖޭގެ ފަންނާނުގެ ޙަރަކާތްތަކުގެ އިތުރުން އިންޑިޔާގެ މަޝްހޫރު  ޓީވީ ޝޯތައް ކަމަށްވާ "އިންޑިޔާ ގޮޓް ޓެލެންޓް" އާއި "ޑާންސް ޕްލަސް"ގެ 2015 ވަނަ އަހަރުގެ 1 ވަނަ ޑާންސް ގްރޫޕް ކަމަށްވާ ވީ ކޮމްޕެނީގެ ހުށަހެޅުންތައް ފެނިގެންދާނެއެވެ.

މި ޝޯއަށް އަދިވެސް އިތުރު ފަންނާނުން ގެނައުމަށް މަސައްކަތް ކުރަމުންދާކަމަށް ޕަބްލިކް ސާރވިސް މީޑިއާއިން މައުލޫމާތުދެއެވެ. ޓޫރިޒަމް މިނިސްޓްރީއާ ޕީއެސްއެމާއެކު ވެފައިވާ  އެއްބަސްވުމުގެ ދަށުން މިޝޯގެ ހުރިހާ މަސައްކަތެއްވެސް ކުރުމަށް ހަމަޖެހިފައިވަނީ ޕީއެސްއެމްގެ ފަރާތުންނެވެ.



ވިޒިޓް މޯލްޑިވްސް ޔިއަރގެ ޙަރަކާތްތައް ފެށުމަށް ބާއްވާ ޝޯވގައި ރާއްޖޭގައި އާތިފް ލަވަތައް ހުށައަޅައިދޭނެ ކަމަށް އޭނާގެ އޮފިޝަލް ފޭސްބުކް ޕޭޖުގައި ޕޯސްޓް ކުރިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައިވެސް ވަރަށް ގިނަ ބަޔަކު ދަނީ މިޕޯސްޓަށް ލައިކް ކޮށް ތަރުޙީބުދެމުންނެވެ.