ކުޅިވަރު

ޤައުމީ މުބާރާތުގައި ސާއިދަށް ދެ ރަން މެޑަލް


ޤައުމީ އެތުލެޓިކްސް މުބާރާތުގެ ފުރަތަަމަ ދުވަހުވެސް ރާއްޖޭގެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ދެ ރަން މެޑަލް ހޯދައިފިއެވެ. ސާއިދު މިމުބާރަތުގައި ވާދަކުރަނީ ދިވެހި ސިފައިން ކުލަބްގެ ފަރާތުންނެވެ. ސާއިދު 2 ރަން މެޑަލް ކަށަވަރުކުރީ 100 މީޓަރު ދުވުމާއި 4 ގުނަ 400 މީޓަރު ރިލޭ އިވެންޓުންނެވެ. ސާއިދުގެ 100 މިޓަރުގެ ރޭސް ކާމިޔާބުކުރީ 10.63 ސިކުންތުން ރޭސް ނިންމައިގެންނެވެ. ދެ ވަނަ ހޯދި ސާއިދު ސްޕޯޓްސްގެ އިބާދުﷲ އާދަމް ރޭސް ނިންމީ 10.95 އިންނެވެ. 2019ވަނަ އަހަރުގެ ގައުމީ މުބާރާތުގެ އެންމެ މޮޅު ފިރިހެން އެތުލީޓުގެ މަގާމް ހޯދާފައިވަނީ ސާއިދެވެ. ގައުމީ އެތްލެޓިކްސް މުބާރާތް އިއްޔެގައި ފަށާފައިވާއިރު، ސާއިދު މިއަދު 200 މީޓަރުގައި ދުވާނެއެވެ.

2019ވަނަ އަހަރުގެ ޤައުމީ އެތުލެޓިކްސް މުބާރާތުގެ އަންހެން އެންމެ މޮޅު އެތުލީޓްގެ މަގާމް ހޯދާފައިވަނީ ޢާއިޝަތު ހިމްނާއެވެ. މިއަހަރު ހިމްނާވަނީ އަންހެން 100 މީޓަރު ދުވުމުން ރަން މެޑަލް ހޯދައިފައެވެ. ހިމްނާ ރޭސް ނިންމީ 12:45 ސިކުންތުންނެވެ. އޭނާގެ ފަހަތުން ދެ ވަނަ ހޯދި މަރިޔަމް ރޫޔާ ޢަލީ ރޭސް ނިންމީ 12:54 ސިކުންތެވެ. އަދި ތިން ވަނަ އަށް ދިޔަ އަހްނާ ނިޒާރު ރޭސް ނިންމީ 12:88 އިންނެވެ. މިފަހަރުގެ ގައުމީ މުބާރާތުގައި ހިމްނާ ވާދަކޮށްފައިވަނީ ކްލަބް ރާވެރިޔާއެވެ.

ވެޓަރަންސްގެ 100 މީޓަރު ދުވުމުން އެއް ވަނަ ހޯދީ ޢަބްދުއްސަމަދެއެވެ. ސަމަދު ރޭސް ނިންމީ 12.58 ސިކުންތުންނެވެ. ދެ ވަނަ އަށް ދިޔަ ޢަބްދުﷲ ރަޝީދާއި ތިން ވަނަ ހޯދި މިނާމް ނަސީމް ރޭސް ނިންމީ 12.81 ސިކުންތުންނެވެ. ވެޓަރަންސް އަންހެން ބައިގެ އެއް ވަނަ ހޯދީ 16.96 ސިކުންތުން ރޭސް ނިންމި ސަމްހާ ޔޫސުފެވެ.

ދިވެހި ސިފައިންގެ ހަސަން ޝައްމޫން ވަނީ ޝޮޓްޕުޓް އުކުމާއި ޖެވެއިލިން އުކުމުގެ އިވެންޓުން ރަން މެޑަލް ހޯދާފައެވެ. ފިރިހެނުންގެ ލޯންގް ޖަމްޕް އެއް ވަަނަ ހޯދީ ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ އަހުމަދު ލަޔާންއެވެ. ދެ ވަނަ އަށް ނުޖޫމް ދިޔައިރު، ތިން ވަނަ ހޯދީ އިބާދުﷲއެވެ. ކޮވިޑް-19ގެ ސަބަބުން މިދިޔަ އަހަރުގެ ޤައުމީ އެތުލެޓިކްސް މުބާރާތް ނުބާއްވައެވެ.