ނޭޕާލްގެ ގައުމީ ޓީމްގެ ގޯލް ކީޕަރު ކިރަން ކުމާރު ލިންބޫ މިދިޔަ ސީޒަންގެ ލީގް ޗެންޕިއަން މާޒިޔާއަށް ސޮއިކޮށްފިއެވެ. ރާއްޖޭގެ ޓީސީ ސްޕޯޓްސް ކުލަބަށް ކުޅެފައިވާ ނޭޕާލްގެ ގައުމީ ޓީމުގެ ގޯލް ކީޕަރު ކިރަން ކުމާރު ލިންބޫވަނީ ނިމިގެންދިޔަ މަހު މާލޭގައި ނިމުނު ސާފް ޗެންޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި މޮޅު ކުޅުމެއް ދައްކާފައެވެ. އޭނާގެ މޮޅު ކުޅުމުގެ ސަބަބުން ނޭޕާލްވަނީ އެޓީމްގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ފައިނަލްގައި ވާދަކޮށްފައެވެ. ކިރަން އެންމެ ފަހުން ކުޅުނީ ނޭޕާލްގެ ދަންގާދީ އެފްސީ އަށެވެ.
އެންމެ ފަހުގެ ލީގް ޗެންޕިއަން މާޒިޔާއިން ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނަށް އެޓީމް ވަރުގަދަ ކުރަމުންދާއިރު، އެކުލަބުންވަނީ އޭއެފްސީ ޕްރޯ ލައިސަންސް ކޯޗް މުހައްމަދު ޝިޔާޒް (މޯހަން) އެޓީމްގެ ކޯޗަކަށް ހަމަޖައްސާފައެވެ. މާލޭގައި ކުރިއަށް ދިޔަ އޭއެފްސީ ކަޕްގައި މާޒިޔާގެ ގޯލް ބަލަހައްޓާފައިވަނީ އުޒްބެކިސްތާނުގެ މިރްޒޯހިދު މަމަތޯވްއެވެ. މާޒިޔާއިން މިހާރު އަންނަނީ ރާއްޖޭގެ ފުޓްބޯޅައިގައި ފައިތިލަ ސާބިތު ކުރަމުންނެވެ. އެޓީމުން އަންނަނީ ރާއްޖޭގެ މޮޅެތި ކުޅުންތެރިން ކޮންމެ އަހަރަކުވެސް ގެނެސް ޓީމް ވަރުގަދަ ކުރަމުންނެވެ. ރާއްޖޭގެ ކުލަބްތަކުގެ ތެރެއިން މާޒިޔާއަކީ ރާއްޖޭގައި ކުޅުންތެރިންނަށް ބަރާބަރަށް މުސާރަދޭ މަދު ކުލަބްގެ ތެރެއިން އެއް ކުލަބެވެ.