ކްލަބް މޯލްޑިވްސް ކަޕްގެ އަންހެން ޑިވިޝަން 18/30 ވިމެންސް ފުޓްސަލް ފިއެސްޓާ އެންމެ ފަހުގެ ޗެންޕިއަން އެމްޕީއެލްއިން އެޓީމްގެ ފެށުން ރަނގަޅުކޮށްފިއެވެ. ރޭ ފެށި މިމުބާރާތުގައި އެމްޕީއެލްއިން ވަނީ ފެނަކައިގެ މައްޗަށް 5 ލަނޑު 0 ލަނޑުން ކުރި ހޯދާފައެވެ. މިފަހަރުގެ ވިމެންސް ފުޓްސަލް ފިއެސްޓާގައި ވާދަކުރަނީ 8 ޓީމެވެ. އެމްޕީއެލްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި އެޓީމުންވަނީ ނުރައްކާތެރި ގިނަ ހަމަލާތަކެއް އުފައްދާފައެވެ. ނަމަވެސް ފެނަކައަށް މިމެޗްގައި މާރަނގަޅު ކުޅުމެއް ދެއްކޭ ގޮތެއް ނުވިއެވެ.
މިމެޗްގައި އެމްޕީއެލްގެ ގޯލްތައް އެޓީމަށް ކާމިޔާބުކޮށްދިނީ ގައުމީ އަންހެން ވޮލީ ޓީމުގެ ޖޫޒާން ޒަރީފް، އަންހެން ގައުމީ ފުޓްބޯޅަ ޓީމުގެ ފާތިމަތު ޝާލިއާގެ އިތުރުން ބިދޭސީ ކުޅުންތެރިޔާ މަދީނާ ފަޒިލޯވާއެވެ. މެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި މަދީނާ އާއި ޖޫޒާން ކޮންމެ ކުޅުންތެރިއަކުވަނީ ދެ ގޯލް ޖަހާފައެވެ. އެމްޕީއެލްއިން މިމެޗްގައި ފަސް ގޯލް ޖަހާފައިވާއިރު، ފެނަކައަށްވެސް ގޯލް ޖަހާނެ ފުރުސަތުތައް ލިބިގެންދިޔައެވެ. ނަމަވެސް އެޓީމަށް ލިބުނު މަދު ފުރުސަތުތަކުގެ ބޭނުން ހިފޭ ގޮތެއް ނުވިއެވެ.
މިބައިގައި ރޭ ކުޅުނު ދެވަނަ މެޗް ކާމިޔާބުކޮށްފައިވަނީ ސިފައިންގެ ކުލަބެވެ. މިމެޗް ސިފައިންގެ ކުލަބް ކާމިޔާބުކޮށްފައިވަނީ ޕޮލިސް ކުލަބާއި ވާދަކޮށް 3 ލަނޑު 1 ލަނޑުންނެވެ. ގިނަ ހަމަލާތަކެއް ފެނިގެންދިޔަ މިމެޗްގައި ސިފައިން ކުލަބްގެ ކީޕަރު ސާއިގާ ހުސެއިން ވަނީ ޕޮލިސް ކުލަބްގެ ގިނަ ހަމަލާތަކެއް ދިފާޢުކޮށްފައެވެ. ސިފައިންގެ ކުލަބަށް ދެ ގޯލް ކާމިޔާބުކޮށްދިނީ ބިދޭސީ ފޯވާޑް ސަބީނާ ކަތުންނެވެ. އަދި އަނެއް ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މަރިޔަމް ހައިފާއެވެ. މިމެޗްގައި ޕޮލިސް ކުލަބުން ޖެހި ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޤައުމީ ޓީމުގެ ކުރީގެ ކެޕްޓަން ފަދުވާ ޒާހިރުއެވެ.
އަހަރަކު އެއްފަހަރު ބާއްވަމުން އަންނަ ކުލަބް މޯލްޑިވްސް ކަޕް މިދިޔަ އަހަރުގައި ބޭއްވޭ ގޮތެއް ނުވިއެވެ. ކޯވިޑް-19އާއި ގުޅިގެން ތިން ފަހަރެއްގެ މަތީން މުބާރާތް ބާއްވަން ޢިއުލާން ކުރިނަމަވެސް، މުބާރާތް ބޭއްވޭނެ ފަދަ މާހައުލެއް ނެތުމުން އެންމެ ފަހުން މުބާރާތް ކެންސަލްކުރިއެވެ. ރޭ މުބާރާތް ރަސްމީކޮށް ފެށުމުގެ ކުރިން ކްލަބް މޯލްޑިވްސްއިން ވަނީ އެންމެ ފަހުގެ ޗެމްޕިއަނުން ކަމަށްވާ ބީއެމްއެލް އާއި އެމްޕީއެލް އަށް ހަނދާނީ ބެޖް ހަވާލުކޮށްފައެވެ.