ވޮލީގެ މައި ޖަމިއްޔާ އެފްއައިވީބީ ބީޗްވޮލީ ޓުއަރ މުބާރާތެއް ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވުމަށް ތާވަލްކޮށްފިއެވެ. މިއީ ރާއްޖޭގެ ވޮލީގެ ތާރީޚުގައި މިފަދަ ބޮޑު މުބާރާތެއް ބާއްވާ ފުރަތަމަ ފަހަރެވެ. މީގެ ކުރިން ރާއްޖޭގައި ބާއްވާފައިވަނީ ސެންޓްރަލް ޒޯން ވޮލީ މުބާރާތާއި މިސަރަހައްދުގެ ބީޗް މުބާރާތެކެވެ.
މިއީ ދާދި ފަހުން އެފްއައިވީބީގެ ރައީސް ބްރެޒިލްގެ އަރީ ގްރާސާ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި މަޝްވަރާކުރެވުނު ކަމެކެވެ. ރާއްޖެއަށް ކުރެއްވި ދަތުރުގައި ގްރާސާވަނީ ބީޗް ވޮލީއަކީ ރާއްޖޭގައި އުފެދެންޖެހޭ ކުޅިވަރެއްކަމަށް ވިދާޅުވެ، ރާއްޖޭގައި އެންމެ ބޮޑެތި ބީޗް ވޮލީ މުބާރާތްތައް ބޭއްވުމަށް މަސައްކަތްކޮށްދޭނެ ކަމަށްވެސް ވިދާޅުވެފައެވެ. ވޮލީގެ މައި ޖަމިއްޔާ އެފްއައިވީބީން ނެރުނު ވޮލީ ބޯލް ވޯލްޑް ބީޗް ޕްރޯ ޓުއަރ ކަލަންޑަރުގައި ރާއްޖެ ހިމަނާފައިވާއިރު، ރާއްޖޭގައި ބާއްވާ ޓުއަރ ކުރިއަށްދާނީ މިއަންނަ އަހަރުގެ އޮކްޓޫބަރު މަހުގެ 13 އިން 16އަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރާއްޖޭގައި ކުރިއަށްދާނީ ބީޗް ވޮލީބޯލް ޓުއާގެ ތިން ބައިގެ ތެރެއިން ޗެލެންޖާސްގެ ބައެވެ. ބީޗް ވޮލީބޯޅައިގައި ކުރިއަށްދަނީ ފިއުޗާ، ޗެލެންޖާސް އަދި އެލީޓް 16އެވެ. ރާއްޖޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޗެލެންޖާސް ބައިގެ ތެރެއިން ވައިލްޑްކާޑް އެންޓްރީއެއްގެ ތެރެއިން ރާއްޖޭގެ ކުޅުންތެރިންނަށްވެސް މިބައިގައި ކުޅުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މިއީ ރާއްޖޭގެ ބީޗް ވޮލީއަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެކެވެ. އަދި މިއީ ރާއްޖޭގެ ބީޗްވޮލީ ކުޅުންތެރިންނަށްވެސް ލިބިގެންދާނެ ވަރަށް ބޮޑު ފުރުސަތެކެވެ.
ޗެލެންޖާސް ބައި ރާއްޖޭގެ އިތުރުން ދެން ހޯސްޓްކުރާނީ މެކްސިކޯގެ ދެ ސިޓީއެއް ގަޔާއި ބްރެޒިލްގެ އިޓަޕެމާ، މިސްރުގެ ރެޑް ސީ، ޗައިނާގެ ނަންޖިން އާއި އަދި އޮސްޓްރޭލިއާގެ ސިޓީއެއްގައެވެ. މީގެ އިތުރުން ވެސް ބީޗްވޮލީ ޓުއާގެ މެޗުތައް އެހެން ސިޓީތަކުގައި ކުޅުމުގެ ފުރުސަތު އެބައޮތް ކަމަށް އެފްއައިވީބީން ބުނެފައިވެއެވެ. އަންނަ އަހަރުގެ ވޯލްޑް ޗެމްޕިއަންޝިޕް އޮންނާނީ އިޓަލީގެ ރޯމްގައެވެ.
މީގެ ކުރިން 2016ވަނަ އަހަރު އޭވީސީ ބީޗްވޮލީ މުބާރާތުގެ މެޗްތަކެއް ރާއްޖޭގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.