ޚަބަރު

މާލޭގެ ފަޅުތެރެ ތަރުތީބު ކުރުމުގެ މަސައްކަތް ފަށައިފި


މާލޭގެ ފަޅުތެރެއަކީ ފަހަކާ
ޖެހެންދެން އެއްވެސް އުސޫލެއްނެތި ބޭނުން ކުރަމުން އައި ތަނެކެވެ. އެހެންކަމުން މުދާ
އުފުލާ ބޯޓުތައް މާލޭގެ ފަޅުތެރޭގައި އޮންނަ މުއްދަތު ކުރު ކޮށް، މާލޭގެ ފަޅުތެރެ
ތަރުތީބު ކުރުމަށް ހައުސިން މިނިސްޓްރީން ދަނީ މަސައްކަތްތަކެއް ކުރައްވަމުންނެވެ.
އެކަމަށް ބަދަލުތަކެއް ގެންނަން ސަރުކާރުން މަސައްކަތް ކުރައްވަމުންދާކަން
ފެނިގެންދާ އެއް ދިމާއަކީ، އިއްޒުއްދީން ފާލަން ހިމެނޭ ސަރަހައްދެވެ.



މުދާ އުފުލާ ބޯޓުފަހަރާ މަސް
ދޯނިތައް އެންމެ ގިނަ ސަރަހައްދުގެ ގޮތުގައި ފާހަގަ ކުރެވެނީ ދަތުރުވެރިންގެ
މާރުކޭޓުން ފެށިގެން ހުޅަނގަށް އޮންނަ ސަރަހައްދެވެ. އެ ސަރަހައްދު މަސްދޯނިތަކަށް
ޚާއްސަ ސަރަހައްދަކަށް ހެދުމަށް މިހާރު ހައުސިން މިނިސްޓްރީންވަނީ ނިންމާފައެވެ.  އެތާނގައި މިހާރު ހުރި އަތޮޅުތެރެއަށް މުދާ
އުފުލާ ބޯޓުފަހަރަށް މުދާ އަރުވާ ފަރާތްތަކަށް ލުއިގޮތެއް ހޯދާ ދިނުމުގެ ގޮތުން
އެމީހުންގެ މުދާ ގެނެސް ރައްކާތެރިކަމާއެކު ބެހެއްޓޭނެ ތަންތަން މިހާރު
ހަދަމުންދާކަމަށް، ޕީއެސްއެމްއަށް ދެއްވި ބަސްދީގަތުމެއްގައި ހައުސިން މިނިސްޓަރ
ޑރ މުހައްމަދު މުއިއްޒު ވިދާޅުވިއެވެ. މިބަދަލު ގެނައުމަށް މުދާ އުފުލާ
ބޯޓުފަހަރުގެ ވެރިންނާއިއެކު މަޝްވަރާތަކެއް ކުރެވުނު ކަން މިނިސްޓަރ ފާހަގަ
ކުރެއްވިއެވެ.



މިހާރު އޮތް މުދާއުފުލާ ކޮންމެ ބޯޓަކަށް ގުދަނެއް ހެދުމަށް ނިންމާފައިވާ
ކަމަށް ހައުސިން މިނިސްޓަރ ވިދާޅުވިއެވެ. އެހެންނަމަވެސް ގުދަން ދޫކުރާނެ ވަކި
އުސޫލެއް ކަނޑަނާޅާކަމަށާއި، އަންނަ ހަފްތާތެރޭގައި ގުދަންތައް ހެދުމަށް ބަޔަކާ
ހަވާލު ކުރެވޭނެ ކަމަށް ހައުސިން މިނިސްޓްރީން މައުލޫމާތުދެއްވައެވެ. މި ބަދަލު މާލޭގެ ހުޅަނދު ދެކުނު ބަނދަރާއި، އުތުރު ބަނދަރަށްވެސް
ގެނައުމަށްވަނީ ހަމަޖެހިފައެވެ. ގުދަންތައް ބޭނުންވާ 18 ބޯޓު މިހާރުވެސް ފާހަގަ
ކުރެވިފައިވާކަމަށް ހައުސިން މިނިސްޓްރީން މައުލޫމާތުދެއްވައެވެ.  



ކުރިން މާލޭގެ ފަޅުތެރޭގައި
އަޅާފައި އޮންނަ ތެޔޮ އުފުލާ ދޯނިތައްވެސް މިހާރު އެޅުމަށް ހަމަޖެހިފައިވަނީ،
ވިލިމާލެ ފަޅުގައެވެ. މި ބަދަލަކީ މާލޭގެ ފަޅުގެ ޖާގައިގެ ދަތިކަން ހައްލުކޮށް، ފަޅު
ބޭނުންކުރާ ހުރިހާ ފަރާތްތަކަށް ފަސޭހަތައް ހޯދައިދިނުމުގެ މަގްސަދުގައި ގެންނަވާ
ބަދަލުތަކެކެވެ.