ކުޅިވަރު

އެޗްޑީސީއިން މުބާރާތުގެ 2ވަނަ ބުރާ ގާތަށް


ސަރުކާރު އޮފީސް ކުންފުނިތަކަށް ޚާއްސަކޮށްގެން ކުރިއަށް ގެންދާ ކުލަބް މޯލްޑިވްސް ކަޕްގައި ރޭ ކުޅުނު މެޗް ކާމިޔާބުކޮށް އެޗްޑީސީއިން މުބާރާތުގެ ދެވަނަ ބުރާއި ގާތަށް ޖެހިލައިފިއެވެ. އެޗްޑީސީވަނީ އާރްއާރްސީ 1 ލަނޑު 0 ލަނޑުން ބަލިކޮށްފައެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ދެ ޓީމަށްވެސް ލަނޑު ޖާހަނެ ގިނަ ފުރުސަތުތަކެއް ލބިގެންދިޔައެވެ. އެގޮތުން މެޗްގެ ފުރަތަމަ ހާފްގައި އާރްއާރްސީގެ އިބްރާހީމް މައިސާންއަށް ލިބުނު ފުރުސަތުގެ ބޭނުން އޭނާއަށް ނުހިފުނުއިރުގައި އެޓީމަށް ގޯލެއް ޖެހުމަށް އެންމެ ރަގަނޅު ފުރުސަތެއް ލިބިގެންދިޔައީ ޔާމީން މުޙައްމަދާއި މުޙައްމަދު ރިފްއަތަށެވެ. ޔާމީން ގޯލާއި ދިމާލަށް ފޮނުވާލީ ބޯޅަ ގޯލުގެ ދަނޑީގައި ޖެހިފައި ނިކުތްވަގުތު އެބޯޅަ ޖެހުމަށް މަސައްކަތް ކުރި ރިފްއަތު ފޮނުވާލި ބޯޅަ ދިޔައީ ހުރަސްދަނޑި މަތިން ބޭރަށެވެ. މެޗްގައި އެޗްޑީސީގެ އިބްރާހީމް އަސްވަދަށްވެސް ގޯލް ޖެހުމަށް ރަގަނޅު ފުރުސަތުތަކެއް ލިބި ވަނީ ބޭކާރުވެފައެވެ. މިމެޗްގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗްގެ ދެވަނަ ހާފްގައި އެޗްޑީސީއަށް ކާމިޔާބުކޮށްދިނީ އިބްރާހީމް ރިމާހުއެވެ. މިއީ އާރްއާރްސީގެ ކުޅުންތެރިންނަށް ހެދުނު މިސްޓޭކެއްގެ ފައިދާ ނަގައިގެން އެޗްޑީސީއިން ކާމިޔާބުކުރި ލަނޑެކެވެ. މެޗްގެ ނަތީޖާ ހަމަހަމަ ކުރުމަށްވެސް އާރްއާރްސީއަށް ލިބުނު ފުރުސަތުގެ ބޭނުން އެޓީމަށް ހިފޭގޮތެއްނުވިއެވެ.

މިމުބާރާތުގައި އެޗްޑީސީންވަނީ އެޓީމު ކުޅުނު ފުރަތަމަ މެޗްގައި އެންމެ ފަހުގެ ޗެންޕިއަން ޔުނައިޓެޑް ބީއެމްއެލް 3 ލަނޑު 0 ލަނޑުން ބަލިކޮށްފައެވެ. މިމެޗުން އެޗްޑީސީ މޮޅުވުމާއި ގުޅިގެން އެޓީމު ވަނީ ކުޅުނު ދެ މެޗުވެސް ކާމިޔާބުކޮށް 6 ޕޮއިންޓް ހޯދާފައެވެ. ދެވަނަގައިވާ އާރްއާރްސީއަށް ދެ މެޗުން ތިން ޕޮއިންޓް ލިބިފައިވާއިރު، ބީއެމްއެލް އަދި ފެން ކުލަބަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

މިމުބާރާތުގައި ދިރާގުވަނީ ޕްލޭނިން މިނިސްޓްރީގެ މައްޗަށް 7 ލަނޑު 2 ލަނޑުން ކުރި ހޯދާފައެވެ. މިމެޗްގައި ދިރާގުން ޖެހި ގޯލްތައް އެޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް ޢަލީ ހައިޝަމާއި އިބްރާހީމް އަތީގް، ހުޒައިފަތުﷲ އިބްރާހީމް، ފައުޒާން ހަބީބް އަދި ހަސަން ޖުމައިލެވެ. މިމެޗްގައި ޢަލީ ހައިޝަމްވަނީ 3 ލަނޑުޖަހައި، ހެޓްރިކް ހަދާފައެވެ. މިމެޗްގައި ޕްލޭނިން މިނިސްޓްރީން ޖެހި ދެ ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ މުޙައްމަދު މައުރޫފް ހުސެއިނެވެ. މިމުބާރާތުގައި ޕްލޭނިން މިނިސްޓްރީންވަނީ އެޓީމު ކުޅުނު ދެ މެޗުންވެސް ބަލިވެފައެވެ.

ރާއްޖެ އޮންލައިން (އާރްއޯއެލް) އިންވަނީ ރޭގައި އޭވިއޭޝަން ސެކިއުރިޓީ (އޭވްސެކް)އާއި ވާދަކުރި މެޗް ފޯރި ގަދަ ކުޅުމަކަށްފަހު 4 ލަނޑު 3 ލަނޑުން މެޗް ކާމިޔާބުކޮށްފައެވެ. މިމުބާރާތުގައި ރާއްޖެ އޮންލައިން ކުޅުނު ފުރަތަމަ މެޗުން ވަނީ ބަލިވެފައެވެ. މިމެޗްގައި އާރްއޯއެލްއިން ޖެހި ލަނޑުތައް އެޓީމަށް ކާމިޔާބުކޮށްދިނީ އައިރޫން އަހުމަދު ރަޝީދާއި ޔޫސުފް ރަމީޒެވެ. އައިރޫން އަހުމަދު ރަޝީދު ވަނީ ތިން ގޯލް ޖަހާފައެވެ. އޭވްސެކްގެ ގޯލުތައް ޖެހީ ކެޕްޓަން ހާޝިމް ހާލިދާއި ޒައްމަތު މުޙައްމަދު ވަހީދެވެ. މުޙައްމަދު ވަހީދު ވަނީ ދެ ގޯލް ޖަހާފައެވެ. މި މެޗުގައި އޭވްސެކަށް ގޯލް ޖެހުމަށް ގިނަ ފުރުސަތުތަކެއް ލިބިވަނީ ބޭކާރުވެފައެވެ. ދިވެހި ސިފައިންގެ ކުލަބުންވަނީ ޕީޖީ އޮފީސްގެ މައްޗަށް 5 ލަނޑު 2 ލަނޑުން ކުރި ހޯދާފައެވެ. މެޗްގައި ސިފައިންގެ ކުލަބްގެ ލަނޑުތައް އެޓީމަށް ކާމިޔާބުކޮށްދިނީ އަޙުމަދު ޝައިހާން ޖަލީލް، ޢަބްދުﷲ ސުޖާއު، މުޙައްމަދު އަލާއު އަދި އިބްރާހީމް ތޯއިފެވެ. އަހުމަދު ޝައިހާން ވަނީ މެޗްގައި ދެ ގޯލް ޖަހާފައެވެ. މިމެޗްގައި ޕީޖީ އޮފީހުން ޖެހި ދެ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޢަލީ އިކްރާމާއި އަޙުމަދު ސާމިހެވެ.