ކުޅިވަރު

18/30 ވުމެން ފުޓްސަލް ފިއެސްޓާގައި ސިފައިންނާއި އެމްޕީއެލް ސެމީއަށް


18/30 ވުމެން ފުޓްސަލް ފިއެސްޓާގައި އެންމެ ފަހުގެ ޗެމްޕިއަން އެމްޕީއެލް އާއި ދިވެހި ސިފައިންގެ ކްލަބުން މުބާރާތުގެ ސެމީ ފައިނަލްގެ ޖާގަ ހޯދައިފިއެވެ. މިމުބާރާތުގެ ސެމީގެ ޖާގައެއް އެމްޕީއެލްއިން ހޯދީ އިއްޔެ ހަވީރު ކުޅުނު މެޗް ފެނަކައިގެ މައްޗަށް ކުރި ހޯދައިގެންނެވެ. އެމްޕީއެލްއިން މިމެޗް ކާމިޔާބުކުރީ 3 ލަނޑު 0 ލަނޑުންނެވެ. ސިފައިންނާއި އެމްޕީއެލްއިން ސެމީގެ ޖާގައެއް ހޯދިއިރު، މިދެ ޓީމަށްވެސް އަދި ބާކީ އެއް މެޗު ލީގް ބުރުގައި އޮބައޮތެވެ.

ރެހެންދި ފުޓްސަލް ދަނޑުގައި ކުޅުނު މިމެޗް އެމްޕީއެލްއިން ފެނަކައިގެ މައްޗަށް ކުރި ހޯދިއިރު މެޗްގައި އެމްޕީއެލްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައެވެ. އަދި ފެނަކައަށް އެމްޕީއެލްގެ ހަމަލާތައް ހުއްޓުވުމުގައި ގިނަ އުދަގޫތަކެއްވެސް ކުރިމަތިވިއެވެ. ޚާއްސަކޮށް އެމްޕީއެލްގެ ކެޕްޓަން ޝާލިޔާ ހިފެހެއްޓުމުގައި ގިނަ އުދަގޫތަކެއް ފެނަކައަށް ކުރިމަތިވި. މިމެޗްގައި ފެނިގެންދިޔަ 3 ގޯލްގެ ތެރެއިން ދެ ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ ތަޖިކިސްތާން ފޯވާޑް މަދީނާ ފަޒިލޯވާއެވެ. އެމްޕީއެލްގެ ތިންވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޤައުމީ ވޮލީ ޓީމުގެ ކުޅުންތެރިޔާ ފާތިމަތު ޖޫޒާންއެވެ. މެޗްގައި ފެނަކަށްވެސް ގޯލް ޖެހުމަށް މަދު ފުރުސަތުތަކެއް ލިބިގެންދިޔައެވެ. ނަމަވެސް ބައެއް ފުރުސަތުގެ ބޭނުން އެޓީމަށް ހިފޭގޮތެއްނުވިއެވެ. އަނެއްބައި ފުރުސަތުތަކުގައި އެންޕީއެލްގެ ކީޕަރުވަނީވަނީ ފެނަކައިގެ ހަމަލާތައް ދިފާޢުކޮށްފައެވެ.

ރެހެންދި ފުޓްސަލް ކުޅުނު މެޗް ދިވެހި ސިފައިންގެ ކުލަބުން ކާމިޔާބުކޮށްފައިވަނީ ޕޮލިސް ކުލަބާއި ވާދަކޮށް 1 ލަނޑު 0 ލަނޑުންނެވެ. މިމެޗްގައި ދެ ޓީމަށްވެސް ގޯލް ޖެހުމަށް ރަގަނޅު ފުރުސަތު ލިބިގެންދިޔައެވެ. މެޗްގެ ފުރަތަމަ ހާފްގައި ޕޮލިސް ކުލަބްގެ ކެޕްޓަން އަދި ކުރީގެ ގައުމީ ޓީމުގެ ކެޕްޓަން ފަދުވާ ޒާހިރުއަށް އަނިޔާވެގެންވަނީ ފުރަތަމަ ހާފްގައި ބަދަލްކޮށްފައެވެ. ޕޮލިސް ކުލަބުގެ ފޯވާޑް ފާތިމަތު ރިބާ އަދި ލެބަނަންގެ ދެ ކުޅުންތެރިން ކަމަށްވާ ނާންސީ ޗޭލިއަން އާއި ސެލީން އަލް ހައްދާދުއަށް ލިބުނު ފުރުސަތުތަކުގެ ބޭނުން އެކުޅުންތެރިންނަށް ހިފޭގޮތެއް ނުވިއެވެ. މިމެޗްގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، ދިވެހި ސިފައިންގެ ކުލަބަށް ކާމިޔާބުކޮށްދިނީ ކެޕްޓަން މަރިޔަމް ރިފާއެވެ. ސިފައިންގެ ކުލަބުން ލީޑް ނެގުމާއެކު އެޓީމުން ވަރަށް ބޮޑަށް ޑިފެންސަށް ވިސްނައިގެން ކުޅެމުންދިޔައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ޕޮލިސް ކުލަބަށް ގޯލް ޖެހުމަށް ފުރުސަތުތައް ތަނަވަސް ކުރުމަށް ގިނަ އުދަގޫތަކާއި ކުރިމަތިވިއެވެ.

މިމެޗުން މޮޅުވުމާއެކު ދިވެހި ސިފައިންގެ ކުލަބު ވަނީ އެޓީމް ކުޅުނު ތިން މެޗުވެސް ކާމިޔާބުކޮށްފައެވެ. ސެމީއިން އެޓީމް ޖާގަ ހޯދީ 9 ޕޮއިންޓް ހޯދައިގެންނެވެ. މި ގުރޫޕްގެ ދެވަނައިގައި އޮތް ޕޮލިސް ކުލަބަށް ލިބިފައިވަނީ ތިން މެޗުން 3 ޕޮއިންޓެވެ. އަދި ޓްރޭޑް ކުލަބަށް ޕޮއިންޓެއް ނުލިބެއެވެ. އެމްޕީއެލް ގްރޫޕް ދޭއްގެ އެއް ވަނައިގައި އޮތީ ތިން މެޗުން ހަތް ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ވެމްކޯއަށް ދެ މެޗުން ދެ ޕޮއިންޓް ލިބިފައިވާއިރު މިގުރޫޕްގެ އެންމެ ފުލުގައި އޮތް ފެނަކައަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ. މިމުބާރާތުގެ ކުޅުން މާދަމާ ރޭވެސް ކުރިއަށްދާނެއެވެ.