ކުޅިވަރު

ފެނަކަ އާއި އެފްއެސްއެމް 2ވަނަ ބުރަށް، ބީއެލް މުބާރާތުގައި ކުރިއަށް ދިއުމަށް އުއްމީދު އާކޮށްފި


ސަރުކާރު އޮފީސް ކުންފުނިތަކަށް އަމާޒްކޮށްގެން ބާއްވާ އެންމެ ބޮޑު ފުޓްސެލް މުބާރަތުގައި ރޭ ކުޅުނު މެޗްތަށް ކާމިޔާބުކޮށް، ފެނަކަ އާއި އެފްއެސްއެމް ދެވަނަ ބުރަށް ދަތުރުކުރިއިރު، ފަސޭހަ މޮޅެއް ހޯދައި އެންމެފަހުގެ ޗެންޕިއަން ބީއެމްއެލްއިން މުބާރަތުގައި ކުރިއަށް ދިއުމުގެ އުންމީދު އާކޮށްފިއެވެ.

ވާދަވެރި ކުޅުމެއް ފުރަތަމަ ހާފްގައި ފެނިގެންދިޔަ ޕްރިޒަން އާއި ފެނަކަ މެޗް އެ ޓީމް ކާމިޔާބުކުރީ 4 ލަނޑު 0 ލަނޑުންނެވެ. މިމެޗްގައި ފެނަކައިގެ ގޯލްތައް އެޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން ހުސެއިން ޝަރީފް، އަޔާޒް އަޙުމަދު އަދި ޔަސްފާދު ހަބީބެވެ. މެޗްގައި މޮޅު ކުޅުމެއްދެއްކި އަޔާޒްވަނީ މެޗްގައި ދެ ގޯލް ޖަހާފައެވެ. މިމެޗްގައި ޕްރިޒަން ކުލަބަށް މެޗްގައި ގޯލް ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިގެންދިޔައެވެ. ނަމަވެސް އެޓީމަށް އޭގެއިން އެއްވެސް ފުރުސަތެއްގެ ބޭނުން ހިފޭ ގޮތެއް ނުވިއެވެ. އަދި ފެނަކައިގެ ކީޕަރުވެސް ވަނީ ޕްރިޒަންއިން އުފެއްދި ބައެއް ހަމަލާތައް ދިފާޢުކޮށްފައެވެ. ފެނަކައިންވަނީ އެޓީމު މުބާރަތުގައި މިހާތަނަށް ކުޅުނު ދެ މެޗްވެސް ކާމިޔާބުކޮށްފައެވެ. މިގުރޫޕްގެ އެއްވަނައިގައި 6 ޕޮއިންޓާއެކު އޮތީ ފެނަކައެވެ. ދެވަނައިގައިވާ ޕްރިޒަން އާއި ރާއްޖެ އޮންލައިންއަށް 3 ޕޮއިންޓް ލިބިފައިވާއިރު، މި ގުރޫޕްގެ އެންމެ ފުލުގައި އޮތީ އޭވިއޭޝަން ސެކިއުރިޓީއެވެ. އެޓީމް ވަނީ ކުޅުނު ދެ މެޗުންވެސް ބަލިވެ، މުބާރަތުން ކަޓާފައެވެ.

އެންމެ ފަހުގެ ޗެންޕިއަން ބީއެމްއެލްއިން އެޓީމް ކުޅުނު ފުރަތަމަ މެޗްގައި އެޗްޑީސީ އަތުން ބަލިވުމާއި ގުޅިގެން ބީއެމްއެލްއަށް މުބާރާތުގައި ކުރިއަށް ދިއުމަށް ފެން ކުލަބްގެ މައްޗަށް ކުރި ހޯދަންވަނީ މަޖްބޫރުވެފައެވެ. ކޮންމެހެން މޮޅުވުން މަޖްބޫރު މެޗް ބީއެމްއެލް ކާމިޔާބުކުރީ 5 ލަނޑު 0 ލަނޑުންނެވެ. ރެހެންދި ފުޓްސަލް ދަނޑުގައި ކުޅުނު މިމެޗްގައި ބީއެމްއެލްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައެވެ. މިމެޗް ބީއެމްއެލްއިންވަނީ ވަރަށް ބޮޑަށް ކުރިއަށް ޖެހިގެން ކުޅެފައެވެ. މިމެޗްގައި ބީއެމްއެލްގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ސާމިން މުޙައްމަދު ނަސީރު، އިޝާން އިބްރާހީމް، އަޙުމަދު މަހްދޫމެވެ. މިމެޗްގެ މޮޅު ކުޅުންތެރިޔާ އިޝާން އިބްރާހީމް ވަނީ 3 ގޯލް ޖަހާ ހެޓްރިކެއް ފުރިހަމަކޮށްފައެވެ.

ގްރޫޕް ޑީގެ ކޮންމެ ޓީމެއް ދެ މެޗު ކުޅެފައިވާއިރު، މި ގުރޫޕްގެ އެއްވަނައިގައި އޮތީ 6 ޕޮއިންޓް ހޯދައިގެން އެޗްޑީސީއެވެ. ދެ ވަނައިގައި އޮތް ބީއެމްއެލް އާއި ތިން ވަނައިގައި އޮތް އާރްޑީސީއަށް 3 ޕޮއިންޓް ލިބިފައިވާއިރު، މި ގުރޫޕުގެ އެންމެ ފުލުގައި އޮތް ފެން ކްލަބަށް އަދި ޕޮއިންޓެއް ނުލިބެއެވެ. މި ގްރޫޕްގެ ފަހު ދެ މެޗުގެ ތެރެއިން އާރްޑީސީ އާއި ބީއެމްއެލް ކުޅޭ މެޗުން މޮޅުވާ ކޮންމެ ޓީމަކަށް ދެ ވަނަ ބުރުގެ ޖާގައެއް ލިބޭއިރު، އެއްވަރުވެއްޖެނަމަ ފުރުސަތު އޮތީ ބީއެމްއެލްއަށެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ އިމިގްރޭޝަނާއި އެފްއެސްއެމް މެޗް 1 ލަނޑު 0 ލަނޑުން ކާމިޔާބުކުރީ އެފްއެސްއެމެވެ. މިމެޗްގައި ޖެހި ހަމައެކަނި ލަނޑު އެފްއެމްއެމަށް ކާމިޔާބުކޮށްދިނީ މުޙައްމަދު ޖުމާންއެވެ. މިމެޗްގައި ދެ ޓީމުންވެސް ރެފްރީގެ ނިންމުންތަކާއި ގުޅިގެން ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފައިވެއެވެ. އަދި އެންމެ ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފައިވަނީ އިމިގްރޭޝަނުންނެވެ. އަޙުމަދު ވިސާމް (ޖެރާޑް) އަށް ވަނީ ދެ ރީނދޫ ކާޑާ އެކު ރަތް ކާޑެއް ދައްކައިފައެވެ. މިގުރޫޕްގައި ކޮންމެ ޓީމެއް ދެ މެޗް ކުޅެފައިވާއިރު، އެފްއެސްއެމުން ވަނީ އެޓީމް ކުޅުނު ދެ މެޗްވެސް ކާމިޔާބުކޮށްފައެވެ. ގުރޫޕްގެ ދެވަނައިގައިވާ ދިރާގަށް ލިބިފައިވަނީ 4 ޕޮއިންޓެވެ. އަދި ތިންވަނައިގައިވާ އިމިގްރޭޝަނަށް ލިބިފައިވަނީ 1 ޕޮއިންޓެވެ. މި ގުރޫޕްގެ އެންމެ ފުލުގައި އޮތީ ޕްލޭނިން މިނިސްޓްރީއިންނެވެ. މި ގްރޫޕުން އިމިގްރޭޝަނަށް ދެން ފުރުސަތެއް އޮތީ ފަހު މެޗުގައި ޕްލޭނިން މިނިސްޓްރީ އަތުން ރަނގަޅު ނަތީޖާއަކުން މޮޅުވެ، ދެން މި ގްރޫޕްގައި ކުޅޭ އަނެއް މެޗުން އެފްއެސްއެމް އިން ދިރާގު ބަލިކޮށްފިނަމައެވެ.

އެމްޕީއެލް އިން ވަނީ ރޭ ސިވިލް ކޯޓްގެ މައްޗަށް 4 ލަނޑު 1 ލަނޑުން ކުރި ހޯދާފައެވެ. މި މޮޅާ އެކު އެމްޕީއެލް އިން ވަނީ ދެ ވަނަ ބުރުގެ ޖާގައަކާ ގާތަށް ޖެހިލައިފައެވެ. މިމެޗްގައި އެމްޕީއެލްގެ ގޯލްތައް ޖަހައިދިނީ އަޙުމަދު ހުސެއިން، ޙަސަން އިބްރާހީމް، ނާއިހް މުފީދު އަދި އަޙުމަދު ނިޒާމެވެ. އަދި ސިވިލް ކޯޓުން ޖެހި ހަމައެކަނި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ މުޙައްމަދު ސާއިފެވެ. ކުޅުނު ދެ މެޗުން ވެސް މޮޅުވެ، އެމްޕީއެލް އޮތީ 6 ޕޮއިންޓާއެކު ގްރޫޕްގެ 1 ވަނައިގައެވެ. 2 ވަނައިގައި އޮތް ދިވެހި ސިފައިންގެ ކްލަބާއި 3 ވަނައިގައި އޮތް ކްލަބް 220 (ޕީޖީ އޮފީސް)އަށް ވެސް ވަނީ 3 ޕޮއިންޓް ލިބިފައެވެ. އެންމެ ފުލުގައި އޮތް ސިވިލް ކޯޓު ވަނީ ދެ މެޗުން ބަލިވެ މުބާރާތުން ކަޓައިފައެވެ.

އެމްޕީއެލް އިން ފަހު މެޗުގައި ކްލަބް 220 އަތުން ޕޮއިންޓެއް ހޯދައިގެން ވެސް މުބާރާތުގެ ދެވަނަ ބުރަށް ދެވޭނެއެވެ. މިމުބާރާތުގެ މެޗްތައް މިރޭވެސް ކުރިއަށްދާނެއެވެ.