ކުޅިވަރު

ސިފައިން ރެކޯޑް ދަމަހައްޓައި، ވެމްކޯ މުބާރާތުގެ ސެމީއަށް


18/30 ވުމެން ފުޓްސަލް ފިއެސްޓާގައި ރޭ ކުޅުނު މެޗް ކާމިޔާބުކޮށް ދިވެހި ސިފައިންގެ ކުލަބުން އެޓީމް ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކުރިއިރު، ވެމްކޯއިން މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ. ރޭ ކުޅުނު މެޗް ދިވެހި ސިފައިންގެ ކުލަބުން ކާމިޔާބުކޮށްފައިވަނީ 9 ލަނޑު 0 ލަނޑުންނެވެ.

ދިވެހި ސިފައިންގެ ކުލަބްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި އެޓީމްގެ ތަފާތަކަށްވީ އެކުލަބްއަށް ކުޅޭ ބިދޭސީ ދެ ކުޅުންތެރިންނެވެ. އެއީ ސަބީނާ ކަތުން އާއި މަޓްސުޝިމާ ސުމައްޔާއެވެ. މިމެޗްހައި ސަބީނާވަނީ 6 ގޯލް ޖަހާފައެވެ. އަދި ސުމައްޔާވަނީ 3 ގޯލް ޖަހާފައެވެ. މިމެޗްހައި ޓްރޭޑް ކުލަބްއަކަށް މާ އެދޭވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ. އަދި އެޓީމް މުބާރަތުން ކަޓާފައި އޮތުމުން، ޓްރޭޑް ކުލަބްއިންވަނީ ޓީމްއަށްވެސް ބޮޑު ބަދަލްތަކެއް ގެނެސްފައެވެ. މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ދިވެހި ސިފައިން ކުލަބްގެ ބަންގްލަދޭޝް ގައުމީ ޓީމްގައި ހިމެނޭ ސަބީނާއެވެ. ސިފައިން ގްރޫޕް ސްޓޭޖުގެ މެޗުތައް ނިންމާލީ އެޓީމް ކުޅުނު 4 މެޗްވެސް ކާމިޔާބުކޮށް 12 ޕޮއިންޓް ހޯދައިގެންނެވެ. 2 ވަނައިގެ ގޮތުގައި ސެމީ އަށް ދިއުމުގެ ފުރުސަތު ބޮޑަށް އޮތީ ޕޮލިހަށެވެ. ޕޮލިހަށް 3 މެޗުން 3 ޕޮއިންޓް ލިބިފައިވާއިރު، ޓްރޭޑް ކްލަބަށް އަދި 3 މެޗު ކުޅުނުއިރު ޕޮއިންޓެއް ނުލިބެއެވެ.

ވެމްކޯ އިން ވަނީ 2 ލަނޑު 1 ލަނޑުން ޓީމު ފެނަކަ ބަލިކޮށް މުބާރާތުގެ ސެމީ ފައިނަލުން ފުރުސަތު ހޯދާފައެވެ. ވެމްކޯ އިން ވަނީ މެޗު ފަށައިގެން ފުރަތަމަ ނުވަ މިނިޓް ތެރޭ 2 ގޯލު ޖަހައިފައެވެ. އެ ޓީމުގެ ގޯލުތައް ޖެހީ ވަނަޕޯން ކަސައިސީ އާއި ސަފިއްޔާ ރަފާއެވެ. ދެ ވަނަ ހާފުގައި ފެނަކަ ޓީމުގެ ހަމައެކަނި ގޯލު ޖެހީ ފާތިމަތު މިއުސާއެވެ. ގްރޫޕް ދޭއްގެ 1 ވަނަ ޓީމުގެ ގޮތުގައި އެންމެ ފަހުގެ ޗެމްޕިއަން އެމްޕީއެލް އިން ވަނީ ސެމީ އަށް ދަތުރުކޮށްފައެވެ. އެއީ ތިން މެޗުން 7 ޕޮއިންޓް ހޯދައިގެންނެވެ. ވެމްކޯ ވަނީ 3 މެޗުން 5 ޕޮއިންޓް ހޯދައިފައެވެ. ފެނަކަ މުބާރާތް ނިންމާލީ މޮޅެއް، ނުލިބި 4 މެޗުން ޕޮއިންޓަކާއެކުއެވެ. މި ގްރޫޕްގެ ފަހު މެޗުގައި ވެމްކޯ އާއި އެމްޕީއެލް ކުޅޭނީ ގްރޫޕް އެއް ވަނަ ހޯދާށެވެ.