އިނގިރޭސި ލީގުގައި އާސެނަލް ބަލިކޮށް މެންޗެސްޓަ ޔުނައިޓެޑުން މުހިންމު މޮޅެއް ހޯދައިފިއެވެ.
އަމިއްލަ ދަނޑުގައި ކުޅެ މެންޗެސްޓާ އާސެނަލްގެ މައްޗަށް ކުރި ހޯދީ 3-2 ލަނޑުންނެވެ. ޔުނައިޓެޑްގެ އޯލްޑް ޓްރެފޯޑް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި އެ ޓީމުން ފަށަން ޖެހުނީ ގޯލެއް ފަހަތުންނެވެ. މެޗުގެ 13 ވަނަ މިނިޓްގައި އާސެނަލުން ލީޑުނެގީ އެމިލް ސްމިތު-ރޯވް ޖެހި ގޯލުންނެވެ. އުމުރުން 21 އަހަރުގެ ސްމިތު-ރޯވް އަކީ ޔުނައިޓެޑް ދަނޑުގައި އާސެނަލަށް ގޯލެއް ޖަހައިދިން ދެ ވަނަ އަށް އެންމެ ހަގު ކުޅުންތެރިޔާއެވެ. މެޗުގެ 44 ވަނަ މިނިޓްގައި ބްރޫނޯ ފެނާންޑޭސް ޔުނައިޓެޑަށް އެއްވަރުކޮށްދިން ގޯލު ޖެހީ ފްރެޑް އޭރިއާތެރެއިން ދިން ބޯޅައަކުންނެވެ.
ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ހަތް މިނިޓް ތެރޭ މާކަސް ރެޝްފޯޑް ދިން ބޯޅައަކުން ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ޔުނައިޓެޑަށް ލީޑުނަގައިދީފައެވެ. މެޗުގެ 54 ވަނަ މިނިޓްގައި މާޓިން އޮޑެގާޑް ވަނީ އާސެނަލަށް އެއްވަރުކޮށްދީފައެވެ. ޔުނައިޓެޑުން އަލުން ލީޑުނެގި ގޯލަކީ އޮޑެގާޑް ދިން ޕެނަލްޓީ އަކުން ރޮނާލްޑޯ ޖެހި ގޯލެކެވެ. އޭރިއާތެރެއިން ފްރެޑަށް އޮޑެގާޑް ކުރި ފައުލަށް ރެފްރީ އެޓްކިންސަން ޕެނަލްޓީ ދޭން ނިންމީ ވީއޭއާރުން ބަލައިފައެވެ.
ރޭގަ ޖެހި ދެލަނޑާއެކު ރޮނާލްޑޯ ވަނީ ކެރިއަރުގައި 801 ގޯލު ހަމަކޮށްފައެވެ. ޔުނައިޓެޑަށް ދެ ފަހަރެއްގެ މަތިން ކުޅުނުއިރު އެ ޓީމަށް 130 ގޯލު ޖަހައިދިނެވެ. އެންމެ ފުރަތަމަ ކުޅުނު ސްޕޯޓިން ލިޒްބަން އަށް ފަސް ގޯލު ޖަހައިދިންއިރު، ރެއާލް މެޑްރިޑަށް 450 ގޯލާއި ޔުވެންޓަސް އަށް 101 ގޯލު ޖަހައިދިނެވެ. އަދި ޕޯޗުގަލް ގައުމީ ޓީމަށް 115 ގޯލު ޖެހިއެވެ.
އާސެނަލަށް ރޭ މޮޅުވެގެން ހަތަރަކަށް އެރުމުގެ ފުރުސަތު އޮތްނަމަ ވެސް ބަލިވުމުން އެ ޓީމު އޮތީ ފަސް ވަނައިގައި 14 މެޗުން 23 ޕޮއިންޓާއެކުގައެވެ. ޔުނައިޓެޑު އޮތީ 21 ޕޮއިންޓާއެކު ތާވަލުގެ 7 ވަނައިގައެވެ.