ކުޅިވަރު

އާރްއޯއެލް ބަލިކޮށް ކުލަބް މޯލްޑިވްސް ކަޕްގެ ދެވަނަ ބުރަށް ޕްރިޒަން ކުލަބް


ސަރުކާރު އޮފީސް، ކުންފުނިތަކަށް އަމާޒްކޮށްގެން ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތުގެ ދެވަނަ ބުރުން ޕްރިޒަން ކްލަބް ޖާގަ ހޯދައިފިއެވެ. ޕްރިޒަން ކުލްބުން މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދާފައިވަނީ އިއްޔެ ހަވީރު ކުޅުނު މެޗް ރާއްޖެ އޮންލައިން (އާރްއޯއެލް)އާއި ވާދަކޮށް 4 ލަނޑު 0 ލަނޑުން ކާމިޔާބުކޮށްގެންނެވެ.

ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި ކުޅުނު މިމެޗްގައި ޕްރިޒަން ކުލަބުން ހަތަރު ގޯލް ޖެހި ނަމަވެސް ރާއްޖެ އޮންލައިންއަށްވެސް މެޗްގައި ގޯލް ޖެހުމަށް ގިނަ ފުރުސަތަކެއްވަނީ ލިބިފައެވެ. ނަމަވެސް އެޓީމަށް އެފުރުސަތުތަކުގެ ބޭނުން ހިފޭގޮތެއް ނުވިއެވެ. މިމެޗްގައި ޕްރިޒަން ކުލަބްގެ ލަނޑުތައް އެޓީމަށް ކާމިޔާބުކޮށްދިނީ މުރުތަޖާ މުޙައްމަދު، ހަސަން ވަޙީދު އަޙުމަދު، ހުސެއިން ނަބީހް އަދި ސާޖިދު ރަޝީދެވެ. މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޕްރިޒަން ކުލަބްގެ ޝާހިދު ރަޝީދެވެ.

ގުރޫޕް އެފްގައި ކުޅުނު އަނެއް މެޗްގައި ފެނަކަ އާއި އޭވިއޭޝަން ސެކިއުރިޓީ ބައްދަލުކުރި މެޗްވަނީ އެއްވަރުވެގެން ނިމިފައެވެ. މިމެޗަށް ނިކުތްއިރުވެސް މުބާރާތުން ކަޓާފައިވާ އޭވިއޭޝަން ސެކިއުރިޓީ އާއި ފެނަކަ މެޗް އެއްވަރުވީ 2 ލަނޑު 2 ލަނޑުންނެވެ. މިމެޗްގައި އެންމެ ފުރަތަމަ ގޯލްޖަހައި ލީޑް ނެގީ އޭވިއޭޝަން ސެކިއުރިޓީއިންނެވެ. އެޓީމުން ޖެހި ދެ ލަނޑު ކާމިޔާބުކޮށްދިނީ އިސްމާޢީލް ސިއާދާއި މުޙައްމަދު ރިޟްވާންއެވެ. ފަހަތުން އަރާ ފެނަކައިން ޖެހި ދެ ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ އަހުމަދު ހަލީމާއި އަޔާޒް އަހުމަދެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ އޭވިއޭޝަން ސެކިއުރިޓީ ޓީމުގެ ސިއާދެވެ. މި ގުރޫޕްގެ ހުރިހާ މެޗެއް މިހާރު ވަނީ ކުޅެ ނިމިފައެވެ. ގުރޫޕް އެފްގެ އެއްވަނަ ހޯދީ 7 ޕޮއިންޓް ހޯދައިގެން ފެނަކައެވެ. 6 ޕޮއިންޓާއެކު ދެވަނައިގައި އޮތީ ޕްރިޒަން ކްލަބެވެ. ގުރޫޕްގެ ތިންވަނައިގައި އޮތީ އާރްއޯއެލްއެވެ. މި ގުރޫޕްގެ އެންމެ ފުލުގައި ޕޮއިންޓަކާއެކު އޮތީ އޭވިއޭޝަން ސެކިއުރިޓީއެވެ.