ރާއްޖޭގައި މީގެ ގާތްގަނޑަކަށް ބައިގަރުނު ކުރިން ފަތުރުވެރިކަން ފެށުމުގެ ކުރިން ދިވެހިން ބަރޯސާވީ ދެދާއިރާއަކަށެވެ. އެގޮތުން ރާއްޖޭގެ އުތުރަކީ މަސްވެރިކަމަށް މަޝްހޫރު ސަރަޙައްދަކަށްވާއިރު ރާއްޖޭގެ ދެކުނު ނަންވެފައި އޮތީ ދަނޑުވެރިކަމަށްކަން ތާރީޚީ ފަތްފުއްތަކުން އެނގެން އެބައޮތެވެ. އެހެންނަމަވެސް ޒަމާނާއި ޙާލަތު ބަދަލުވެ މިއަދު ރާއްޖޭގައި މިދެދާއިރާ ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް މިވަނީ ކުރަންޖެހިފައެވެ. ރާއްޖެއިން އިމްޕޯޓަށް ކުރާ ހޭދައަށް ބަލާއިރު ނިސްބަތުން ބޮޑު އިންސައްތައެއް ހޭދަކުރަނީ ރާއްޖެއަށް ބޭނުންވާ ކާބޯތަކެތި ގެނައުމަށެވެ. އެހެންކަމުން ރާއްޖޭގައި މިވަގުތު އޮތް އިޤްތިޞާދީ އެންމެ ބޮޑު އެއް މައްސަލަކީ ކާބޯތަކެއްޗާ ގުޅިފައިވާ ފުޑް ސެކިއުރިޓީއެވެ. ރާއްޖެއަށް ބޭނުންވާ ކާބޯތަކެތި ރާއްޖޭގައި އުފެއްދިދާނެތޯ މިއީ އުފެދޭ ބޮޑު ސުވާލެކެވެ.
ރާއްޖޭގެ ފުޑް ސެކިއުރިޓީ ކަށަވަރުކުރުމާއި ދަނޑުވެރިކަމާއި ގުޅޭގޮތުން ޕީއެސްއެމްނިއުސްއާއި ވާހަކަދައްކަވަމުން ދަނޑުވެރިކަމުގައި ގާތްގަނޑަކަށް ތިރީހަކަށް އަހަރު ހޭދަކުރައްވާފައިވާ މުޙައްމަދު ވަޙީދު މަޝްހޫރު ނަމުންނަމަ މަޑިދޫ ވަޙީދު ވިދާޅުވީ ދަނޑުވެރިކަމަކީ ރާއްޖޭގެ މުޅި އިޤްތިޞާދަށް ނަފާ ލިބޭނެ ދާއިރާއަކަށް ހެދުމަކީ ނުކުރެވޭނެ މަސައްކަތެއް ނޫންކަމަށެވެ. އެހެންނަމަވެސް އެލަނޑުދަނޑިއަށް ވާސިލުވުމަށް ކުރަންޖެހޭ މަސައްކަތްތަކެއް އެބަހުރިކަމަށާއި މިވޭތުވެދިޔަ މާޒީގައި ލިބުނު ތަޖުރިބާއިން ކުރަންވީ ކަންކަން ވަރަށް ސާފުވެފައިވާކަމަށެވެ.
ކޮންމެ މަސައްކަތަކީވެސް ތަޢުލީމުގެ ތެރެއިން އަންނަން ޖެހޭ ކަމެއްކަން ފާހަގަކުރައްވާ މަޑިދޫ ވަޙީދު ވިދާޅުވީ ދަނޑުވެރިކަމަކީ ބޮޑު ދާއިރާއަކަށްވާއިރު މިކަމާ ގުޅޭ މަޢުލޫމާތު ތުއްތު އިރުންފެށިގެން އުނގަންނައި ދިނުމަށްޓަކާ ފަށައިގަންނަ ތަޢުލީމުގެ ތެރެއަށް މިޢިލްމުވައްދަންޖެހޭކަމަށެވެ. ވަޙީދު ވިދާޅުވީ ޒުވާނުން މިކަމަށް ހިތްޖެއްސުވުމަކީ ހަމައެކަނި މީގެއިން ލިބޭ މާލީ މަންފައަށްވުރެ ބޮޑަށް ޤައުމީ ކަމެއްގެ ގޮތުގައި ހެދުމަށް ތަޢުލީމީ ނިޒާމުގެތެރެއިން ބަދަލެއް އަންނަޖެހޭކަމަށް ޤަބޫލުކުރައްވާކަމަށެވެ.
"މިކަމުގައި އުޅޭ ޒުވާނުން މިހާރު ވަރަށް މަދު. ޒުވާނުން މިކަމަށް ހިތް ޖެއްސުމަށް ފަށައިގަންނަ ތަޢުލީމުގެ ތެރެއަށް މިކަމާ ގުޅޭ މާއްދާއެއް ލާންއެބަޖެހޭ. ކުޑައިރުން ފެށިގެން މިކަމާ ގުޅޭ މަޢުލޫމާތު ދަސްވާންފެށީމަ އޭގެތެރެއިން ކުދިންތަކެއް އަންނާނެ މިދާއިރާއަށްވެސް." ވަޙީދު ވިދާޅުވިއެވެ.
ރާއްޖޭގައި ދެވަނައަށް އެންމެ ބޮޑު ފަޅުރަށުގައި ދަނޑުވެރިކަން ކުރަމުން އަންނަތާ ތިރީސް އަހަރުވުމާއި ގާތްވެފައިވާއިރު މިދާއިރާ ކުރިއެރުވުމަށް ދަނޑުވެރިންގެ އަތުގައި މިހާރަށްވުރެ ބޮޑަށް ސަރުކާރުން ހިފައިފިނަމަ މިދާއިރާއަށް އިންގިލާބީ ބަދަލު ގެނެވިދާނެކަން ވަޙީދު ފާހަގަކުރެއްވިއެވެ. އެގޮތުން މަސައްކަތުގެ ތަޖުރިބާއާއި ކުރިއެރުމަށް ބެލުމަށްފަހު ޤައުމީ ފެންވަރުގައި ކާބޯތަކެތި ހައްދާ ފަރާތްތައް ކަނޑައަޅާ ސަބްސިޑީއެއް ދިނުމަކީ ދުނިޔޭގެ އެހެން ޤައުމުތަކުންވެސް ބޭނުންކުރަމުން އަންނަ އުކުޅެއްކަމަށް ވަޙީދު ވިދާޅުވިއެވެ.
"އަޅުގަނޑު މިދާއިރާއިން ތަޖުރިބާ ހޯދުމަށް ކައިރި ޤައުމުތަކަށް ކުރި ދަތުރުތަކުގައި ވަރަށް ބޮޑަށް ފެނުނު ދަނޑުވެރިންނަށް ސަރުކާރުން ދެއްވާ ޢިނާޔަތްތައް. އެފަދަ އެހީއެއް ލިބިއްޖެނަމަ އަޅުގަނޑަށް ޔަގީން ރާއްޖޭގެ ދަނޑުވެރިންވެސް ރާއްޖެއަށް ބޭނުންވާ ކާބޯތަކެތި ރާއްޖޭގައި އުފައްދާނެކަން." ވަޙީދު ވިދާޅުވިއެވެ.
ރާއްޖޭގައި ޢާއްމުކޮށް ކުދި ދަނޑުތަކުން ގިނަ ބާވަތްތައް އުފައްދާކަން ފާހަގަކުރައްވާ ވަޙީދު ވިދާޅުވީ އެފަރާތްތަކުން ހައްދާ ބާވަތްތައް ގަންނާނެ ފަރާތެއް ހުންނަންޖެހޭ ކަމަށެވެ. އަދި މާކެޓް ކުރެވޭނެ ފަހި ގޮތްތައް މިހާރަށްވުރެވެސް ފަހިކޮށް ހަމަޖައްސަންޖެހޭކަމަށެވެ. އެއީ ރަށްރަށުގެ މާކެޓްތަކަށް މުހިއްމު ބައެއްކަން ވަޙީދު ފާހަގަކުރެއްވިއެވެ. ރާއްޖެއިން ބޭރަށް އެކްސްޕޯޓުކުރެވޭ މިންވަރާ ގާތަށްވެސް ދިވެހިންނަށް އެއްވެސް ބާވަތެއް އުފެއްދިދާނެތޯ ސުވާލުކުރުމުން ވަޙީދުވަނީ ވަރަށް ޔަގީންކަމާއެކު އެކަން ކުރެވޭނެކަމަށް ވިދާޅުވެފައެވެ.
"މިހާރުން މިހާރަށް ބޭރަށް ފޮނުވަން އޯޑަރު ލިބިއްޖިއްޔާވެސް ހަފްތާއަކު 15 ނުވަތަ 20 ޓަނުގެ ފަޅޯ އަޅުގަނޑު އެކަނިވެސް އުފައްދާނަން. އެއީ ރާއްޖެއަށް ބޭނުންވާ ބައި ނެގުމަށްފަހުގަ. އެއީ ނުކުރެވޭނެކަމެއް ނޫން." ވަޙީދު ވިދާޅުވިއެވެ.
ކާމިޔާބު ކަމާއެކު މިއަދު ދަނޑުވެރިއެއްގެ ގޮތުގައި ފާހަގަކުރެވުނުނަމަވެސް މިމަސައްކަތް މީގެ 28 އަހަރު ކުރިން އޭނާ ށ.މަޑިދޫގައި ފަށައިގަތްއިރު މިއީ ދަރަނިބޮޑު ބޮލު ރިހުމެކެވެ. އެހެންނަމަވެސް ދެގޮތެއްނުވެ ހިތްވަރާއެކު ކުރި މަސައްކަތުން މިއަދު ރާއްޖޭގެ ބޮޑެތި ރިސޯޓުތަކަށް އޭނާ އަންނަނީ ކާބޯތަކެތީގެ ގިނަ ބާވަތްތަކެއް ސަޕްލައި ކުރަމުންނެވެ. 105 ހެކްޓަރުގެ ބޮޑު ދަނޑުން އުފއްދާ ތަކެތި ވިއްކުމުގައި އޭނާގެ އަމިއްލަ ބޯޓު ރާއްޖޭގެ ކަނޑުތަކުގައި އަންނަނީ ޙަރަކާތްތެރިވަމުންނެވެ. މިމަސައްކަތުން ނަފާ ލިބޭނެކަން ޒުވާނުންނަށް ކަށަވަރުކޮށްދެއްވާ ވަޙީދު ވިދާޅުވީ ނުވާނޭ ބުނާ މީހުންގެ އަޑު ނޭހުމަށެވެ. އަދި ރަނގަޅަށް މަސައްކަތް ކުރާނަމަ 35 ނުވަތަ 40 ހެކްޓަރުގެ ބިމަކުން އަހަރަކު 5 ލައްކަ ވަރަކަށް ރުފިޔާ ފައިދާވާނެ ކަމަށެވެ.