ޚަބަރު

ކުޑަކުދިންގެ ތަފާތު އޯޕީޑީ ޑިޒައިނަކާއެކު ފ.އަތޮޅު ހޮސްޕިޓަލަށް ބޮޑު ސަމާލުކަމެއް


ރާއްޖޭގެ ސިއްޙީ ނިޒާމާއި ގުޅިގެން އަބަދުވެސް އިވޭނީ ހޮސްޕިޓަލްތަކުގެ ތަރައްޤީގެ ވާހަކަތައް ނުވަތަ ކަންކަން ރަނގަޅު ނުކުރެވި ދިގުލައިގެންދާ ޝަކުވާތަކެވެ. ނަމަވެސް މިދާއިރާއިން ގެނެވޭ އުފެއްދުންތެރި ބަދަލުތަކަކީ މަދުން ނަމަވެސް މިހާރު ފެންނަމުން އަންނަ މަންޒަރެކެވެ. މިފަދަ ބަދަލެއް މިފަހަރު ގެނެސްފައިވަނީ ފ.އަތޮޅު ހޮސްޕިޓަލުންނެވެ.

ހޮސްޕިޓަލްތަކަށް ދާން ކުޑަކުދިން އާއްމުކޮށް ދެކޮޅު ހެދިނަމަވެސް ފ.އަތޮޅު ހޮސްޕިޓަލުގެ ކުޑަކުދިންގެ ޑޮކްޓަރު ބައްލަވާ ކޮޓަރިއަކީ ކުދިންނާއި ގަޔާވާ ކަހަލަ ގޮތަކަށް ފަރުމާކޮށްފައިވާ ތަނެކެވެ.

އައިޖީއެމްއެޗްގެ ޑޮކްޓަރުންގެ ޓީމަކުން އަތޮޅުތެރެއަށް ކުރި ދަތުރެއްގައި ކުޑަކުދިންގެ ޑޮކްޓަރ އަޙްމަދު ފައިސަލް ޓުވިޓަރއަށް ދޫކޮށްލި ފ.އަތޮޅު ހޮސްޕިޓަލުގެ ކުޑަކުދިންގެ ޑިޕާޓްމަންޓްގައި ޑޮކްޓަރުން ކުދިން ބަލާ އޯޕީޑީ ކޮޓަރީގެ ފޮޓޯވެފައި ވަނީ އެތައް ބައެއްގެ ސަމާލުކަން ލިބިގެންދިޔަ ފޮޓޯއަކަށެވެ.

ރޮއެ، ބޮޑާ ހޭކުމަކީ ކުދިންގެ އާދައެއްނަމަވެސް ކޮޓަރި ފަރުމާކޮށްފައިވާ ގޮތުން މިހޮސްޕިޓަލަށް ދައްކަން އަންނަ ކުދިންގެ ފަރާތުން އެފަދަ މަންޒަރުތައް މަދުކަން ފ.އަތޮޅު ހޮސްޕިޓަލުން ބުނެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ފ.އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރ އިބްރާހިމް ޚަލީލް ވިދާޅުވީ މިއަހަރުގެ ޖޫންމަހު ގެނައި ބަދަލާއެކު ކުދިންގެ މެދުގައި ހޮސްޕިޓަލްގެ މިކޮޓަރި ޚާއްސަވެފައިވާކަމަށެވެ. ޑރ.ފައިސަލްގެ ޕޯސްޓުގައިވެސް ފާހަގަކުރެއްވި ފަދައިން ޑޮކްޓަރަށް ދެއްކުމަށްފަހު ކުދިން ނެރެންޖެހެނީ ރޮއްވާލައިގެންކަމަށް ހޮސްޕިޓަލްގެ މެނޭޖަރވެސް ވަނީ ފާހަގަކުރައްވާފައެވެ. ހޮސްޕިޓަލްގެ މެނޭޖަރ އިބްރާހިމް ޚަލީލް ވިދާޅުވީ ހޮސްޕިޓަލުން މަސައްކަތްކުރަނީ އެހޮސްޕިޓަލަށް ބަލިވެގެން އަންނަ މީހުންނަށް ވީހާވެސް ލުއި އަދި ހިތްހަމަޖެހޭ މާޙައުލެއް ޤާއިމުކޮށްދިނުމަށްކަމަށެވެ.

ފ.އަތޮޅު ހޮސްޕިޓަލްގެ ކުޑަކުދިންގެ އޯޕީޑީގައި ކުޑަކުދިންނަށް ޚާއްސަ ކޮޓަރީގައި ހުންނަނީ ރާއްޖޭގެ ގުދުރަތީ މަންޒަރު ފެންނާނެހެން ފާރުތަކުގައި ކުރަހާފައެވެ. ބިންމަތީ ކާޕެޓު އަޅާ ބައެއްގައި ކުދިން ކުޅޭ މެޓު ވަނީ އަތުރާފައެވެ. ކޮޓަރީގެ ބައެއްގައި ކުދިންގެ ޝައުގުވެރިކަން ދަމައިގަންނަ ފަދައިން ތައްޔާރުކޮށްފައިވާ މާކަނާތައް ފާހަގަކޮށްލެވެއެވެ. އަދި މިކޮޓަރީގައި ހުންނަ ކުޑަ އުނދޯޏަކީ ކުދިންގެ މެދުގައި މަޤުބޫލު އެއްޗެއްކަމަށް ހޮސްޕިޓަލުން ވިދާޅުވެއެވެ.

މިކޮޓަރީގެ އިތުރުންވެސް ހޮސްޕިޓަލްގެ އެހެން ސަރަޙައްދަކީވެސް މީހުންގެ ނުތަނަވަސްކަން ކުޑަކޮށްދޭ ނަތަކަށް ހެދުމަށް މަސައްކަތް ކުރަމުން އަންނަކަމަށް އެހޮސްޕިޓަލުން ވިދާޅުވެއެވެ. އެގޮތުން ހޮސްޕިޓަލުގެ ވެއިޓިންގ އޭރިއާވެސް އެފަދައިން ބަދަލުކޮށްފައިވާކަމަށް ހޮސްޕިޓަލުން ވިދާޅުވެއެވެ.

އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 50 އަށްވުރެ ގިނަ ބަލި މީހުންނަށް ފަރުވާދެމުން އަންނައިރު ކޯވިޑްގެ ދުވަސްވަރު ހޮސްޕިޓަލްގެ ތާރީޚުގައިވެސް ނާންނަ ފަދަ ބަދަލު އައިކަން އެހޮސްޕިޓަލުން ފާހަގަކުރައްވައެވެ. ހޮސްޕިޓަލުގެ 25 އަހަރުގެ ދިގު ތާރީޚުގައި 35 މާބަނޑު މީހުން ވިއްސާފައިވާއިރު މާލެ ލޮކްޑައުންގައި އޮތް ދުވަސްވަރު އެހޮސްޕިޓަލުގައި 150 ކުދިން ވިއްސާފައިވާކަން ހޮސްޕިޓަލުން ފާހަގަކުރެއެވެ. މިވަގުތުވެސް 6 ސްޕެޝަލިސްޓުންގެ ޚިދުމަތް އެހޮސްޕިޓަލުގައި އަންނަނީ ދެމުންނެވެ. އެގޮތުން ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރކާއި އަންހެނުންގެ ޚާއްސަ ޑޮކްޓަރަކާއި އެތެރެހަށީގެ ޚާއްސަ ޑޮކްޓަރަކާއި ޑެންޓަލް ޚިދުމަތާއި ސަރޖަންއެއްގެ އިތުރުން ހޭނައްތާ ޑޮކްޓަރަކު އަންނަނީ އެހޮސްޕިޓަލުގައި ފަރުވާދެމުންނެވެ. އަދި މިއަހަރު ނިމުމުގެ ކުދިން ލޮލުގެ ޑޮކްޓަރަކާއި ރޭޑިއޮލޮޖިސްޓެއް ގެނައުމަށް މަސައްކަތްކުރަމުން އަންނަކަމަށް ފ.އަތޮޅު ހޮސްޕިޓަލުން ވިދާޅުވެއެވެ.