ކުޅިވަރު

އެތުލީޓްސް ކޮމިޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިތުރުކޮށްފި


އެތުލީޓްސް ކޮމިޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިތުރުކޮށްފިއެވެ. މިއީ އެތްލީޓުންނަށް ބާރު ލިބޭ ގޮތަށް އެކުލަވާލާފައިވާ ކޮމިޝަންއެކެވެ. އެތުލީޓްސް ކޮމިޝަންއަށް ކުރިމަތިލުމުގެ ފުރުސަތު އިތުރުކޮށްފައިވާއިރު، ކުރިން މޯލްޑިވްސް އޮލިންޕިކް ކޮމެޓީން ޢިއުލާންކޮށްފައިވާ ގޮތުން މިކޮމިޝަނަށް ކުރިމަތިލުމުގެ ފުރުސަތު ހަމަވެފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

އެތުލީޓްސް ކޮމިޝަނަކީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ހިންގާ ގަވާއިދުގައި އެތުލީޓުންނަށް ބާރު ލިބޭގޮތަށް އުފެއްދި ކޮމިޝަނެކެވެ. މިކޮމިޝަންގެ ފަރާތުން ދެން އެންމެ އަވަހަށް އޮންނަ އޮލިމްޕިކް ކޮމެޓީގެ އެނުއަލް ޖެނެރަލް އެސެމްބްލީގައި ބައިވެރިވާނެއެވެ. މި ދެ އެތުލީޓުން ވާނީ ރާއްޖޭގެ ކުޅިވަރު ތާރީޚުގައި އެތުލީޓްސް ކޮމިޝަނުގެ ގޮތުގައި އެމްއޯސީގެ ޖަލްސާއެއްގައި ބައިވެރިވާ ފުރަތަމަ ދެ އެތުލީޓުންނަށެވެ.

މުއްދަތު އިތުރުކޮށް މޯލްޑިވްސް އޮލިމްޕިކް ކޮމެޓީން ނެރުނު ޕޯސްޓެއްގައި ބުނެފައިވާ ގޮތުން އެތުލީޓްސް ކޮމިޝަނަށް ކުރިމަތިލުމުގެ ފުރުސަތު މިހާރުވަނީ މިއަންނަ އަންގާރަ ދުވަހާއި ހަމައަށް އިތުރުކޮށްފައެވެ. އަދި ކުރިމަތިލާފައިވާ އެތްލީޓުންގެ ނަންތައް މިމަހުގެ 16 ވަނަ ދުވަހު އިޢުލާން ކުރާނެއެވެ. މިއިންތިޚާބުގައި ވޯޓްލުމަށް ބޭނުންވާ އެތުލީޓުން މިއަންނަ ބުރާސްފަތި ދުވަހު ރަޖިސްޓްރީވުމަށް ވަނީ އަންގާފައެވެ. އެތުލީޓްސް ކޮމިޝަންގެ އިންތިހާބް މިހާރު ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 23ވަނަ ދުވަހުއެވެ. އަދި އިންތިޚާބުގައި ވޯޓްލާ އެތުލީޓުން މިމަހުގެ 16ވަނަ ދުވަހު އާންމު ކުރާނެއެވެ.

އެތުލީޓްސް ކޮމިޝަނަށް ބާރުތައް ދޭގޮތަށް ފާސްކޮށްފައިވަނީ 2019 ވަނަ އަހަރު ބޭއްވި އޮލިމްޕިކް ކޮމިޓީގެ އަހަރީ އާންމު ޖަލްސާގައެވެ. އެތުލީޓްސް ކޮމިޝަނުގެ ފުރަތަމަ ދެ މެމްބަރުންގެ ގޮތުގައި 2020 ވަނަ އަހަރު ފެބްރުއަރީމަހު އިއުލާނުކުރީ ރާއްޖޭގެ އެންމެ ކާމިޔާބު ފިރިހެން އެތުލީޓް، ހަސަން ސާއިދު އާއި ކާމިޔާބު ފެތުންތެރިޔާ، އާމިނަތު ސަޖަންއެވެ. މިދިޔަ ޖޫންމަހު 10 ވަނަ ދުވަހު ބޭއްވި އޮލިމްޕިކް ކޮމިޓީގެ އިންތިޚާބުގައި އެތުލީޓްސް ކޮމިޝަންގެ އިސް މަގާމަށް ވާދަކުރީ ސަޖަން އާއި ސާއިދެވެ. އެ މަގާމަށް އިންތިޚާބުވީ ސާއިދެވެ.

އެތުލީޓްސް ކޮމިޝަން އެކުލެވޭނީ ފަސް މެމްބަރުންގެ މައްޗަށެވެ. އެއީ އޮލިމްޕިކްސްގައި ވާދަކޮށްފައިވާ ދެ އެތުލީޓުން ހިމެނޭ ގޮތަށެވެ. އަނެއް ތިން މެމްބަރުން ވާން ޖެހޭނީ އޮލިމްޕިކް ކުޅިވަރުތަކަށް ނިސްބަތްވާ އެތުލީޓުން ނުވަތަ ކުޅުންތެރިންނަށެވެ. އެތުލީޓްސް ކޮމިޝަންގެ ދައުރަކީ ހަތަރު އަހަރެވެ. އެތުލީޓްސް ކޮމިޝަންގެ ފަރާތުން އޮލިމްޕިކް ކޮމިޓީގެ ހިންގާ ކޮމިޓީ އަށް ދާނެ މެމްބަރެއް ކަނޑައަޅާނީ އެތުލީޓްސް ކޮމިޝަނުންނެވެ. އެތުލީޓްސް ކޮމިޝަންގެ އިންތިހާބްގައި ވޯޓް ލުމަށް މިދިޔަ ހުކުރު ދުވަހާ ހަމައަށް 357 އެތުލީޓުން ވަނީ ރަޖިސްޓްރީވެފައެވެ.