މުނިފޫހިފިލުވުން

ވިޒިޓް މޯލްޑިވްސް އިޔަރ ޝޯ ބަލަން ހިލޭ ވަދެވޭނެ


ވިޒިޓް މޯލްޑިވްސް އިޔަރ 2016 ގެ ޙަރަކާތްތައް ފެއްޓެވުމަށް ބާއްވަވާ ޝޯއަކީ ޢާންމުކޮށް ހުޅުއްވާލައްވައިގެން ބާއްވަވާ ޝޯވ އެއްކަމަށް، މިޝޯވ އިންތިޒާމް ކުރާ ޕަބްލިކް ސަރވިސް މީޑިއާ ޕީއެސްއެމްއިން ވިދާޅުވެއްޖެއެވެ. މިޝޯވގެ ޑައިރެކްޓަރ އަދި ޕީއެސްއެމްގެ ޑިރެކްޓަރ، ޓީވީ ޕްރޮގްރާމްސް މުޙައްމަދު ނިޔާޒު ވިދާޅުވީ މިޝޯވ ބަލަން ޓިކެޓެއް ބޭނުންނުވާކަމަށެވެ. ޓޫރިޒަމް މިނިސްޓްރީން ބާއްވަވާ މި ޝޯވްގެ އިވެންޓް އޮގަނައިޒަރަކީ ޕަބްލިކް ސަރވިސް މީޑިއާއެވެ. ރާއްޖެއަށް ޒިޔާރަތްކުރާ އަހަރުގެ ގޮތުގައި މި ފެށޭ 2016 ވަނަ އަހަރު ފާހަގަކުރައްވައި، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ޢަދަދު އިތުރުކުރުމުގެ ޚާއްޞަ މަސައްކަތްތަކެއް ކުރެއްވުމަށް ސަރުކާރުން ވަނީ ނިންމަވާފައިއެވެ. މިކަމަށް 2016 ވަނަ އަހަރު ފާހަގަކުރެއްވުމަށް ހަމަޖެހިފައިވަނީ "ވިޒިޓް މޯލްޑިވްސް އިޔަރ 2016" މި ނަމުގައިއެވެ. "ވިޒިޓް މޯލްޑިވްސް އިޔަރ 2016" ފެށުން ފާހަގަކުރެއްވުމަށް ބާއްވަވާ ޚާއްޞަ ފެސްޓިވަލް ފެއްޓެވުމުގެ ތައްޔާރީތައް، އިވެންޓް އޮގަނައިޒަރގެ ގޮތުން ޕަބްލިކް ސަރވިސް މީޑިއާއިން މިހާރު ކުރިއަށްގެންދާއިރު މި ފެސްޓިވަލް ބާއްވަވާ ސްޓޭޖްގެ 70 އިންސައްތަ މަސައްކަތް ވަނީ ނިމިފައިއެވެ. މިހާރު ކުރިއަށްދަނީ ސްޓޭޖްގެ ލައިޓިން ހެދުމާއި ސައުންޑް ހެދުމުގެ މަސައްކަތެވެ. މި މަސައްކަތްތައްވެސް މާދަމާގެ ނިޔަލަށް މުޅިން ނިންމާލެވޭނެއެވެ.މި ޝޯއަށް ގެންނަ ބޭރުގެ ފަންނާނު އާތިފް އަސްލަމް ވިޒިޓް މޯލްޑިވްސް އިޔަރ ޝޯގައި ބައިވެރިވަނީ ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރުގެ ޚާއްޞަ ދައުވަތަކަށެވެ. މި ޝޯ ކާނިވާ ސަރަޙައްދުގެ ސްޓޭޖްގައި ކުރިއަށްދާނި މިމަހުގެ 30 ވަނަ ދުވަހުގެ ރެއާއި 31 ވަނަ ދުވަހު ރޭއެވެ. މި ޝޯގައި ރާއްޖޭގެ ފަންނާނުންގެ ޙަރަކާތްތައް ފެންނާނެއެވެ. އަދި އިންޑިޔާގެ މަޝްހޫރު  ޓީވީ ޝޯތައް ކަމަށްވާ "އިންޑިޔާ ގޮޓް ޓެލެންޓް" އާއި "ޑާންސް ޕްލަސް"ގެ 2015 ވަނަ އަހަރުގެ 1 ވަނަ ޑާންސް ގްރޫޕް ކަމަށްވާ ވީ ކޮމްޕެނީގެ ހުށަހެޅުންތައް ފެނިގެންދާނެއެވެ.