ޚަބަރު

އިންސާނީ ވަގުފާރި ހުއްޓުވުމުގައި ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި


ރާއްޖޭގައި އިންސާނީ ވަގުފާރި ހުއްޓުވުމަށް ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި ކަމަށް ޚާރިޖީ ވަޒީރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.މިނިސްޓަރ މިހެން ވިދާޅުވީ އ.ދގެ ބައިނަލްއަޤްވާމީ އިންސާނީ ވަގުފާރި ހުއްޓުވުމާއި، މިފަދަ ކުށްކުރާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އެޅުމާއި އަދި އިންސާނީ ވަގުފާރީގެ ޝިކާރައަށްވާ ފަރާތްތަކަށް ރައްކާތެރިކަން ދިނުމާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާ ރާއްޖެއިން ތަންފީޒުކުރުމާބެހޭ ޤަރާރުގައި ސޮއިކުރުމަށް މިނިސްޓްރީގައި މިއަދު ބޭއްވެވި ޙަފްލާއަކަށްފަހު ވާހަކަފުޅު ދައްކަވަމުންނެވެ.މިމުޢާހަދާގައި ރާއްޖެއިން ބައިވެރިވެފައިވަނީ 2013 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 4 ވަނަ ދުވަހުގައެވެ.މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި ފޮރިން މިނިސްޓަރ ދުންޔާ ވިދާޅުވީ ސަރުކާރުން މިހާރުވެސް ދަނީ އިންސާނީ ވަގުފާރި ހުއްޓުވުމަށް 2013 ވަނަ ފެށިގެން އިންސާނީ ވަގުފާރި ހުއްޓުވުމާބެހޭ ޤާނޫނު ތަޞްދީޤުކުރައްވައި މިކަން ޙާޞިލްކުރުމަށް ބޭނުންވާ މަސައްކަތްތައް ކުރައްވަމުންކަމަށެވެ. ޚާއްޞަކޮށް ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނާއި މިކަމަށް ނާޒުކު އެހެނިގެން ފަރާތްތައް ރައްކާތެރިކުރުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަން މިނިސްޓަރ ދުންޔާ ފާހަގަކުރެއްވިއެވެ. ދުންޔާ އިތުރަށް ވިދާޅުވީ އިންސާނީ ވަގުފާރި ހުއްޓުވުމަށް ކުރެވޭ މަސައްކަތުގައި މައްސަލަތައް ބެލުން އަވަސްކުރުމާއި، ކުށްކުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅުން ކަމާބެހޭ ފަރާތްތަކުން އިތުރަށް ހަރުދަނާ ކުރަންޖެހޭކަމަށެވެ. އަދި ރާއްޖެއަކީ ތަރައްޤީވަމުން އަންނަ ޤައުމަކަށް ވުމާއެކު އިންސާނީ ވަގުފާރީގެ ޝިކާރައަކަށް ވާނޭފަދަ ފަރާތްތައް ދެނެގަތުމުގައި ކުރާ މަސައްކަތްވެސް އިތުރަށް ހަރުދަނާ ކުރަން ޖެހޭކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.އިންސާނީ ވަގުފާރީ ހުއްޓުވައި، އެކަން ކުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމާއި، މިކަމުގެ ޝިކާރައަކަށްވެފައިވާ ފަރާތްތަކަށް އެހީވުމާބެހޭ މުއާހަދާ އދ. ން ތަންފީޒުކުރައްވާފައިވަނީ 25 ޑިސެންބަރ 2003ގައެވެ.