އިނގިރޭސިލީގުގެ ހަތަރު ވަނައިގަ އޮތް ވެސްޓްހޭމުން ލީޑު ފުޅާކުރަމަށް ލިބުނު ފުރުސަތު ނަގާލައިފިއެވެ. ރަށުން ބޭރުގައި ކުޅެ ވެސްޓްހަމް އެއްވަރުވީ ލަނޑެއް ނުޖެހި ބާންލީއާ ވާދަކޮށެވެ.
ވެސްޓްހޭމުން ލަނޑެއް ޖަހާނެ އެންމެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައީ މެޗުގެ ފުރަތަމަހާފުގައި ވައިޓް މެކްނީލަށެވެ. ބާންލޭގެ ޑިފެންޑަރުކަމަށް ބެންމީއާއި ޖޭމްސް ޓާކޮވިސްކީ ވަނީ މެޗުގައި ރަނގަޅު ކުޅުމެއް ދައްކާފައެވެ. މެޗުގައި ފުރަތަމަ ހާފުގައި ވެސްޓްހޭމުން އެންމެ ނުރައްކާތެރި ހަމަލާތައް ފޮނުވާލީ އީސާ ޑިއޮޕް އާއި ސައިދު ބެންރަހުމާ ދެ ކުޅުންތެރިންނެވެ.
މި ދެހަމަލާވެސް ހުއްޓުވީ ބާންލޭގެ ކީޕަރު ނިކްޕޯޕެވެ. މި ނަތީޖާއެކު ވެސްޓްހޭމުން އެންމެފަހުން ލީގުގައި ކުޅުނު ފަސްމެޗުގެ ތެރެއިން މޮޅުވެފަވަނީ އެންމެ މެޗަކުންނެވެ. ބާންލޭގެ ޓަފްމޫރްގައި ކުޅުނު މެޗު އެއްވަރުވުމުން ހިތްހަމަނުޖެހިފަހުރި ވެސްޓްހަމްގެ ކޯޗު ޑޭވިޑް މޮއޭސް ބުނީ މި ނަތީޖާއަކީ މާޔޫސްކަން ގެނުވި ނަތީޖާއެއް ކަމަށާއި ވެސްޓްހޭމްއަށް މިއަށްވުރެން ރަނގަޅަށް ކުޅެންޖެހޭ ކަމަށެވެ. އަދި ވެސްޓްހޭމަށް މެޗުގައި ގޯސްކޮށް ދިޔައީ ހަމައެކަނި ނިންމާލުން ކަމަށާއި އެނޫން ހުރިހާ ކަމެއް ދިޔައީ ރަނގަޅަށް ކަމަށް ވެސްޓްހޭމްގެ ކޯޗު މޮއޭސް ބުންޏެވެ.
މި ނަތީޖާއާއެކު ވެސްޓްހޭމް ހަތަރު ވަނައިގައި އޮތީ ފަސްވަނައިގައިވާ މެންޗެސްޓަރ ޔުނައިޓެޑަށް ވުރެން އެއްޕޮއިންޓު އިތުރަށް ހޯދައިގެން 28 ޕޮއިންޓާއެކުއެވެ. ބާންލޭ ވަނީ މ ސީޒަންގައި ލީގުގައި އެންމެ ފަހުން ކުޅުނު 10 މެޗުގެ ތެރެއިން 7 މެޗުން އެއްވަރުވެފައެވެ. ބާންލޭ އޮތީ ރެލިގޭޝަން ޒޯނުގައި 11 ޕޮއިންޓާއެކު 18 ވަނައިގައެވެ.