ޚަބަރު

ޢަރަބިއްޔާ ސްކޫލްގެ ދަރިވަރުން ޢިއްޒުއްދީނަށް ބަދަލުކުރަނީ


ޢަރަބިއްޔާ ސްކޫލްގެ ދަރިވަރުންގެ ކިޔެވުން ވަގުތީ ގޮތުން ޢިއްޒުއްދީން ސްކޫލަށް ބަދަލުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމަވައިފިއެވެ. އެމިނިސްޓްރީއިން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ ޢަރަބިއްޔާ ސްކޫލްގެ ޢިމާރާތުގެ ޙާލަތަށް ބަލާއިރު އެއީ ކިޔަވައިދޭން އެންމެ ރައްކާތެރި ތަނެއް ނޫންކަމަށެވެ.

ޢަރަބިއްޔާ ސްކޫލް ޢިމާރާތުގެ ގިނަ ތަންތަނުން ކަނޑައިގެންގޮސް އެއީ ކިޔަވައިދިނުމަށް އެކަށީގެންވާ ތަނެއްތޯ ސުވާލު އުފައްދާ ގިނަބަޔަކު ވަނީ ސޯޝަލް މީޑިއާގައި އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. މިމައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ޢާއްމުކޮށްފައިވާ ނޫސްބަޔާނެއްގައި ވިދާޅުވީ ޢަރަބިއްޔާ ސްކޫލް ޢިމާރާތަކީ ކުދިންނަށް ކިޔަވައިދިނުމަށް އެންމެ ރައްކާތެރިތަނަކަށްނުވާތީ ވަގުތީގޮތުން އެކަމަށް ޙައްލެއް ގެނައުމަށް އެމިނިސްޓްރީއިން ނިންމަވާފައިވާކަމަށެވެ.

އެގޮތުން އަވަސް ޙައްލެއް ބޭނުންވެފައިވާތީ މިވަގުތު ވަގުތީގޮތުން ޢަރަބިއްޔާގެ ދަރިވަރުން ޢިއްޒުއްދީން ސްކޫލަށް ބަދަލުކުރުމަށް ވަނީ ނިންމަވާފައެވެ. މިހާރު ހުޅުމާލޭގައި ޢިމާރާތްކުރަމުން އަންނަ ސްކޫލްތަކުގެ ތެރެއިން އެއް ސްކޫލް ޢަރަބިއްޔާއަށް ޚާއްސަކުރުމަށް ނިންމަވާފައިވާކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީގެ ބަޔާނުގައިވެއެވެ. އެއާއެކު މިވަގުތު ޢަރަބިއްޔާގެ ޢިމާރާތަށް ދިމާވެފައިވާ މައްސަލަތައް އިތުރަށް ދެނެގަތުމަށް ހަދަމުން އަންނަ ސްޓްރަކްޗަރަލް އެސެސްމަންޓު ނިމުމުން ޢިމާރާތަށް ދިމާވެފައިވާ މައްސަލަ ޙައްލުކުރުމަށް އެއެސެސްމަންޓުގެ ލަފާއާ އެއްގޮތަށް ޢަމަލުކުރުމަށް ނިންމާފައިވާކަމަށްވެސް އެމިނިސްޓްރީން ވިދާޅުވެއެވެ.

ގާތްގަނޑަކަށް 700އަށްވުރެ ގިނަ ދަރިވަރުން ކިޔަވަމުން އަންނަ ޢަރަބިއްޔާ ސްކޫލްގެ ޢިމާރާތަށް ދިމާވި މައްސަލަތަކާގުޅިގެން އެކަށީގެންވާ ފިޔަވަޅުތައް ނާޅާކަމަށް ބުނެ ޢާއްމުންގެ މެދުގައި ހުރި ކަންބޮޑުވުންތަކަށް އަލިއަޅުއްވާލައްވައި އެމިނިސްޓްރީން ވިދާޅުވީ ޢަރަބިއްޔާއަކީ ރާއްޖޭގައި ހިންގާ ސްކޫލްތަކުގެ ތެރެއިންވެސް ޚާއްސަ ސިފަތަކެއް ލިބިގެންވާ ސްކޫލެއްކަމަށެވެ. އަދި އެސްކޫލަކީ ރާއްޖޭގައި ތަޢުލީމު ފޯރުކޮށްދިނުމުގައި އިސްލާމީ ވަޙުދަތު އެންމެބޮޑަށް ރަމްޒުކޮށްދޭ ތަންކަމަށާ މިފަދަ އެތައް ސަބަބުތަކަށްޓަކައި އެސްކޫލަށް ސަރުކާރުން އަބަދުވެސް އަހަމިއްޔަތުކަން ދޭނެކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

ޢަރަބިއްޔާއަކީ ރާއްޖޭގައި ޢަރަބި މީޑިއަމަށް ކިޔަވަން ބޭނުންވާ ކުދިންނަށް ހުރި ރަނގަޅު ސްކޫލެއްކަމަށާ، އެސްކޫލްގެ މަންހަޖާއި އިމްތިޙާނުތަކަކީ މިސްރުގެ އަލްއަޒްހަރު ޔުނިވަރސިޓީން ޤަބޫލުކުރާ މަންހަޖަކާއި އިމްތިޙާނުތަކެއްކަންވެސް އެޑިއުކޭޝަން މިނިސްޓްރީން ފާހަގަކުރެއްވިއެވެ.

އެހެންކަމުން ޢަރަބިއްޔާ ސްކޫލް ޢިމާރާތަށް ދިމާވެގެން އުޅޭ މައްސަލަ ޙައްލުކުރުމަކީ އެޑިއުކޭޝަން މިނިސްޓްރީއަށް ނުހަނު މުހިންމުކަމެއްކަމަށާ، އެހެންނަމަވެސް އެމައްސަލަ އެއްކޮށް ޙައްލުކުރުމަށް އަދި ވަގުތު ނަގާނެކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ. މިހާރު ނިންމާފައިވާ ނިންމުމަކީ ދަރިވަރުންގެ ކިޔެވުން މެދުކެނޑުނަނުދިނުމަށް އަޅާ ފިޔަވަޅުތަކެއްކަމަށްވެސް އެމިނިސްޓްރީން ވިދާޅުވެއެވެ.