ޚަބަރު

"ދީނުގެ އަޑު"ގެ ނަމުގައި އައު ރޭޑިއޯ ޗެނަލެއް އިފްތިތާޙް ކޮށްފި


ރައްޔިތުންގެ ދީނީ ހޭލުންތެރިކަން އިތުރުކުރެއްވުމަށް ޕީއެސްއެމުން "ދީނުގެ އަޑު"ގެ ނަމުގައި އާ ރޭޑިއޯ ޗެނަލެއް ފަށައިފިއެވެ.ނުވަދިހަ މެގަހަރޓް އެފްއެމުން މި ޗެނަލް މިއަދުން ފެށިގެން މާލެއާއި، މާލެ ކައިރި ރަށްރަށަށް ލިބޭނެއެވެ. އަދި ސެޓެލައިޓް މެދުވެރިކޮށް އަޑު އެހުމުގެ އިތުރުން އިންޓަރނެޓުންވެސް މި ޗެނަލް ސްޓްރީމް ކުރެވޭނެއެވެ.  " ދީނުގެ އަޑު " މި ޗެނަލް އިފްތިތާޙުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލް ޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީންއެވެ.މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޕަބްލިކް ސަރވިސް މީޑިއާގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޚަލީލް ވިދާޅުވީ މި ޗެނަލަކީ ރައްޔިތުންގެ ދީނީ ހޭލުންތެރިކަން އިތުރުކޮށް ދީނާބެހޭ ފުރިހަމަ މަޢުލޫމާތު އެއް ޗެނަލަކުން ފޯރުކޮށްދިނުމަށް އުފެއްދެވި ޗެނަލެއް ކަމަށެވެ. އަދި އަންނަ މާރޗް މަހުގެ ތެރޭގައި މިފަދަ ޓީވީ ޗެނަލެއް އުފެއްދެވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށްވެސް ޚަލީލް ވިދާޅުވިއެވެ. މި ޗެނަލް އުފެއްދުމުގައި އިސްލާމިކް މިނިސްޓްރީގެ ވަރަށް ބޮޑު އެހީތެރިކަމެއް ޕީއެސްއެމްއަށް ލިބިފައިވެއެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރ ޑރ. އަޙުމަދު ޒިޔާދު ބާޤިރު ވިދާޅުވީ އިސްލާމްދީނާ ދެކޮޅަށް ހާމަކަންބޮޑު ގޮތެއްގައި މަސައްކަތް ކުރަމުންދާ މި ފަދަ ދަނޑިވަޅެއްގައި، ދީނީ ޞައްޙަ މަޢުލޫމާތު ފޯރުކޮށްދޭ ޗެނަލެއްގެ ބޭނުން ވަރަށް މުހިއްމު ކަމަށެވެ.މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކުރާމް ވިދާޅުވީ ރައްޔިތުންގެ އަޚުލާޤީ ތަރައްޤީއަށް މަސައްކަތް ކުރުމަށް ޕީއެސްއެމުން އަބަދުވެސް އިސްކަންދޭކަމަށެވެ. މިއަދުގެ މި ޗެނަލަކީވެސް މި މަޤުޞަދުގައި އިފްތިތާޙުކުރި ޗެނަލެއްކަމަށް އިކްރާމް ވިދާޅުވިއެވެ.ދީނުގެ އަޑު މި ޗެނަލް މިވަގުތު ރާއްޖޭގެ ހުރިހާ ރަށަކަށް މިހާރު ނުލިބުނު ނަމަވެސް، ވީހާވެސް ގިނަ ބަޔަކަށް މި ޗެނަލް ފޯރުކޮށްދިނުމަށް ޕީއެސްއެމުން ވަނީ ރާވާފައެވެ. އެގޮތުން ރާއްޖޭގެ ބޮޑެތި އަތޮޅުތަކަށް އަންނަ އަހަރު މި ޗެނަލްގެ އަޑު ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް މިހާރުވެސްދަނީ ކުރެވެމުންނެވެ.